14 ނޮވެންބަރު 2023 - 19:25 0
މުހައްމަދު ޖަމްޝަތު ވަހީދު
14 ނޮވެންބަރު 2023 - 19:25 0
ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 5.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން މިއަދު އިއުލާނުކޮށްފި އެވެ.
ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ހޯދަން ފިނޭންސް މިނިސްޓްރީން ޓީބިލް ވިއްކުމަށް އާއްމުކޮށް ހަފުތާއަކު އެއްފަހަރު ހުޅުވައިލަ އެވެ. ޓީ ބިލް އާންމު ގޮތެއްގައި ވިއްކަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކްތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައިވާ ގޮތުން އަންނަ އާދީއްތަ ދުވަހު ހަތަރު ޓީބިލެއް ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. އެ ޓީބިލްތަކުގެ ޖުމުލަ އަގަކީ 5.2 ބިލިއަން ރުފިޔާއެވެ. މިއީ މިހާތަނަށް އެންމެ ބޮޑު އަދަދަކަށް ކުރު މުއްދަތުގެ ޓީބިލް ވިއްކަން އިއުލާނުކުރި ފުރަތަމަ ފަހަރެވެ. މިނިސްޓްރީން އާއްމުކޮށް ވިއްކަނީ ހަފުތާ އަކަށް އެވްރެޖްކޮށް 1.5 ބިލިއަން ރުފިޔާގެ ޓީބިލެވެ.
ކޭޝް ފްލޯ ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ހޯދުމަށް ސަރުކާރަށް އަހަރެއްގެ މައްޗަށް ވިއްކޭނެ ޓީބިލުގެ އަދަދު ބަޖެޓާއެކީ އޮންނަނީ ފާސްކޮށްފަ އެވެ. ޓީބިލުތައް ވިއްކައިގެން ގިނަފަހަރު ހަމަޖައްސަނީ ކުރިން ވިއްކާފައި ހުންނަ ޓީބިލުތަކަށް ދައްކަންޖެހޭ ފައިސާ އެވެ.
ފިނޭންސްގެ ތަފާސް ހިސާބުތަކުން އެނގޭގޮތުގައި މިދިޔަ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ވިއްކައި އަދި ފައިސާ ދައްކާފައި ނުވާ ޓީބިލްތަކުގެ ޖުމުލަ 57.3 ބިލިއަން ރުފިޔާއަށް ވުރެ އިތުރެވެ.
އޭގެ ތެރޭގައި އެއްމަސްތެރޭ ދައްކަން ޖެހޭ 6.3 ބިލިއަން ރުފިޔާއާއި ތިން މަސްތެރޭ ދައްކަންޖެހޭ 1.9 ބިލިއަން ރުފިޔާއާއި ހަ މަސް ތެރޭ ދައްކަންޖެހޭ 3.8 ބިލިއަން ރުފިޔާ އަދި އެއް އަހަރު ތެރޭ ދައްކަންޖެހޭ 26.2 ބިލިއަން ރުފިޔާ ހިމެނެއެވެ.
Comment