14 ނޮވެންބަރު 2023 - 10:09 0
މުހައްމަދު ޖަމްޝަތު ވަހީދު
14 ނޮވެންބަރު 2023 - 10:09 0
މި އަހަރުގެ ބަޖެޓަށް އިތުރުކުރަން ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދަން 6.1 ބިލިއަން ރުފިޔާ ދަރަންޏަށް ނަގަންޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަޕްލިމެންޓަރީ ބަޖެޓު، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފަ އެވެ.
ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފައި ވަނީ 6.5 ބިލިއަން ރުފިޔާ އެވެ. މިއީ މި އަހަރަށް ފާސްކުރި 42.8 ބިލިއަން ރުފިޔާގެ ޖުމްލަ ބަޖެޓަށް އިތުރު ކުރަން ހުށަހަޅާފައިވާ ފައިސާ އެވެ. ސަޕްލެމްޓަރީ ބަޖެޓާއެކު މި ހިނގަމުންދާ އަހަރުގެ ޖުމުލަ ބަޖެޓު 49.3 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީރު ވިދާޅުވީ ކުރިން ބަޖެޓުކުރި މިންވަރަށް ވުރެ މިއަހަރުގެ ހަރަދު އިތުރުވާނެތީވެ، އެ ފައިސާ ދަރަނީގެ ގޮތުގައި 6.1 ބިލިއަން ރުފިޔާ ނަގަންޖެހެ އެވެ. ބާކީ 400 މިލިއަން ރުފިޔާ ލިބިފައިވަނީ ކްރޮސް ސަބްސިޑީން ކަމަށް އަމީރު ފާހަގަ ކުރެއްވި އެވެ.
އަމީރު ވިދާޅުވީ ދައުލަތުގެ ހަރަދު މައިގަނޑު ގޮތެއްގައި އިތުރުވެފައި ވަނީ އާސަންދަ އާއި ސަބްސިޑީ އާއި ލޯނު ދޫކުރުމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކެޕިޓަލް ކޮންޓްރިބިއުޝަން ދިނުން އަދި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް(ޕީއެސްއައިޕީ) މަޝްރޫއުތަކަށް ކަމަށެވެ.
އަމީރު ވިދާޅުވީ ޓްރާންސިޝަން ކޮމިޓީތައް މެދުވެރިކޮށް ސަޕްލިމެންޓަރީ ބަޖެޓާއި، އެ ބަޖެޓަށް ފައިސާ ހޯދުމުގެ ކަންކަމާމެދު، އިންތިހާބީ ރައީސުލްޖްމުހޫރިއްޔާގެ އޮފީހުގެ ކޮމިޓީތަކާއެކު މަޝްވަރާކޮށް، މައުލޫމާތު ވެސް ހިއްސާކޮށްފައިވާ ކަމަށެވެ. އެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ބަޖެޓަށް އިތުރުކުރަން ހުށަހަޅާފައިވާ އަދަދަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި ނަމަ މި އަހަރުގެ ޖުމްލަ ބަޖެޓު 49.3 ބިލިއަން ރުފިޔާއަށް އަރާނެ އެވެ. މި ބަޖެޓާއެކު މި އަހަރުގެ ޖުމްލަ ބަޖެޓު ޑެފިސިޓް 17 ބިލިއަން ރުފިޔާއަށް ވުރެ އިތުރު ވާނެ ކަމަށް އަންދާޒާތަކުން ދައްކަ އެވެ.
Comment