Advertisement

ދާއިރާގެ މެމްބަަރުގެ ގޮތުގައި ނަޝީދު "ގަދަކޮށް"، ފުރަތަމަ ވެސް "ނިޒާމީ ނުކުތާއެއް"!

14 ނޮވެންބަރު 2023 - 10:34 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރަައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ.


ދާއިރާގެ މެމްބަަރުގެ ގޮތުގައި ނަޝީދު "ގަދަކޮށް"، ފުރަތަމަ ވެސް "ނިޒާމީ ނުކުތާއެއް"!

14 ނޮވެންބަރު 2023 - 10:34 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން އިއްޔެ އިސްތިއުފާ ދެއްވުމަށް ފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެން މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑީގައި އިއްޔެ އިށީނދެ ވަޑައިގެން އިންނެވީ ވަރަށް މަޑުމައިތިރިކަމާ އެކުގަ އެވެ.

އެއީ މަޖިލީހުގައި އިއްޔެ ބޭއްވި ތިން ވަނަ ޖަލްސާ އެވެ. ނަޝީދު ވަޑަައިގެން ދާއިރާގެ ގޮނޑީގައި އިށީންނެވުމާ އެކު ރިޔާސަތުން މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް އިއުލާނުކުރެއްވީ މަޖިލީހުގެ ރައީސްކަމުން އެމަނިކުފާނު އިސްތިއުފާ ދެއްވި ކަމެވެ. އިސްތިއުފާގެ ސިޓީ އިއްވުމަށް ފަހު ޝަރީފު އެދިވަޑައިގެންނެވީ އެއީ ސައްހަ ސިޓީއެއްކަން ނޫންކަން ނަޝީދު ވިދާޅުވެެދެއްވުމަށެވެ. އެ ވާހަކައަށް "އާދެ އާދެ" ވިދާޅުވުން ފިޔަވާ އިތުރު ވާހަކަފުޅެއް ނަޝީދު ވިދާޅެއް ނުވެ އެވެ.

ނަޝީދުގެ އިސްތިއުފާ އިއުލާނުކުރި ޖަލްސާއަށް ފަހު މަޖިލީހުގެ ޖަލްސާއަަކަށް އެމަނިކުފާނު ވަޑައިގެންނެވީ މިއަދު އެވެ. އަންނަ އަހަރަށް ލަފާކުރާ ދައުަލަތުގެ ބަުޖެޓާއި މިއަހަރުގެ ބާކީ ބަޔަށް ހުށަހަޅާ ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުން އެޖެންޑާކޮށް ފެށި އެ ޖަލްސާގައި ނަޝީދު ފުރަތަމަ ފުރުސަތެއް ހޯއްދެވީ "ނިޒާމާ ބެހޭ މައްސަލައެއް" އޮތް ކަމަށް ވިދާޅުވަމުންނެވެ.

ނިޒާމާ ބެހޭ މައްސަލައެއްގެ ގޮތުގައި އެމަނިކުފާނު ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ގާނޫނާ ހިލާފުވެފައިވާ ކަމަށް ކުރައްވާ ތުހުމަތެކެވެ.

"މާލީ ވަޒީރު މިތަނަށް ވަޑައިގެން އެ އިންނެވީ ކުށުގެ ތުހުމަތުގައި އިންނަވައިގެން. އިއްޒަތްތެެރި ރައީސަށް އެނގިވަޑައިގަންނަވާނެ މި ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހެޅުމަށް، މާލިއްޔަތު ގާނޫނު ވަރަށް ސާފުކޮށް ބަޔާންކުރޭ އެކަން ކުރާންވީ ދުވަސްތައް،" ނަޝީދު ވިދާޅުވި އެވެ.

އެ ތުހުމަތުގައި މާލީވަޒީރު އިބްރާހީމް އަމީރުގެ މައްސަލަ ޝަރީއަތަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު އެ އިޝާރާތް ކުރެއްވީ ބަޖެޓް ހުށަހަަޅަން ފުރަތަމަ އެޖެންޑާކުރި ޖަލްސާއަށް އަމީރު ވަޑައިނުގަތް ނުގަތުމަށެވެ. އޭރު ބަޖެޓް ހުށަހަަޅުއްވަން ވަޑައިނުގަންނަވަން ވަޑައިނުގެންނެވީ މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން ހުށަހެޅި މައްސަަލައިގެ ނޯޓިސް ހަމަވެފައި އޮތުމުންނެވެ.

އެމަނިކުފާނުގެ އިތުރުން ދަ ޑިމޮކްރެޓްސްގެ އެހެން ބައެއް މެމްބަރުން ވެސް ނިޒާމީ ނުކުތާއެއްގެ ގޮތުގައި ހަމަ އެނުކުތާ ފާހަގަ ކުރެއްވި އެވެ.

މަޖިލީހުގެ ރައީސްކަމުން ނަޝީދު އިސްތިއުފާ ދެއްވިކަން އިއުލާނުކުރި ޖަލްސާގައި އެމަނިކުފާނު އިންނެ އިރު ފެނުނީ މާޔޫސްކަމާއި ނުތަނަވަސްކަމެވެ. ދެން އޮންނަ ޖަލްސާއަކަށް ވަޑައިގެންފާނެ ބާއޭ ހިތަށް އަރާ ކަހަލަ ގޮތަކަށެވެ.

ނެންގެވި ނުކުތާ އަކީ ހަގީގަތުގައި ނިޒާމާ ބެހޭ ނުކުތާއަކަށް ނުވެދާނެ އެވެ. އެކަމަކު މިއަދުގެ ޖަލްސާއިން އެމަނިކުފާނު ފެނުނީ ގަދަކޮށެވެ. ފެނިގެން ދިޔައީ އިދިކޮޅު ސިޔާސީ ލީޑަރެއްގެ ގޮތުގައި ހަރު އަޑުން މައްސަލަތައް ނަންގަވައި، ރިޔާސަތަށް ގޮންޖައްސަވާ މެމްބަރެއްގެ ގޮތުގަ އެވެ.