Advertisement

ޔާމީންގެ އިސްތިއުނާފު ނިމުމަކާ ގާތަށް؛ ދެން އޮންނާނީ ފަހު ބަސް އިއްވުމުގެ މަޖިިލިސް

13 ނޮވެންބަރު 2023 - 18:03 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް އަބްދުﷲ ޔާމީން؛ ޔާމީންގެ އިސްއުނާފު ޝަރީއަތް ނިމުމަކާ ހަމައަށް ގޮސްފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ޔާމީންގެ އިސްތިއުނާފު ނިމުމަކާ ގާތަށް؛ ދެން އޮންނާނީ ފަހު ބަސް އިއްވުމުގެ މަޖިިލިސް

13 ނޮވެންބަރު 2023 - 18:03 0

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އިއްވި ޖަލު ހުކުމްތަކުގެ އިސްތިއުނާފު މައްސަލާގައި ހައި ކޯޓުގެ ޝަރީއަތް ނިމުމަކާ ގާތަށް އައިސްފި އެވެ.

ޔާމީނާއި ޔޫސުފް ނައީމްގެ މައްޗަށް ހުކުމް އިއްވީ، ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އަތޮޅު އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގަ އެވެ.

އެ މުއާމަލާތުގައި، ޔާމީން 1.1 މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމުގެ ތުހުމަތުގައި އުފުލި ދައުވާތައް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އަދަބެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން އިއްވީ 11 އަހަރުގެ ޖަލު ހުކުމެކެވެ. އަދި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ހުކުމެކެވެ.

ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އެވެ. އޭނާ ތިން އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.

އިސްތިއުނާފުގެ ޝަރީއަތުގައި މިދިޔަ ދެ ދުވަހު ވެސް އޮތް ކަމަކީ ދަށު ކޯޓުގައި ޝަރީއަތް ހިނގައިދިޔަ ގޮތް ސާފު ކުރުމުގެ ގޮތުން ހައި ކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ސުވާލުތައް ކުރުމާއި މައްސަލައިގެ ހަސްމުން އެ ސުވާލުތަކަށް ޖަވާބު ދިނުމެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވެސް ގާތްގަނޑަކަށް ތިން ގަޑިއިރު އެ ކަމަށް ހޭދަ ކުރިއިރު، މިއަދު ވެސް ތިން ގަޑިއިރަށް އަޑުއެހުން ދެމިގެން ދިޔަ އެވެ.

މިއަދުގެ އަޑުއެހުން ނިންމާލައްވަމުން ފަނޑިޔާރުންގެ ބެންޗުން އެންގެވީ ދެން އޮންނާނީ އިސްތިއުނާފުގެ ކޮންމެ ގަޒިއްޔާއަކަށް ކޮންމެ ހަސްމަކަށް ފަހު ބަސް ބުނަން ފުރުސަތު ދިނުމެވެ.

އެ ގޮތުން ރިޝްވަތުގެ ގަޒިއްޔާއަށް ކޮންމެ ހަސްމަކަށް 30 މިނެޓުގެ ފުރުސަތެއް ދެއްވާނެ ކަން އެންގެވި އެވެ. އަދި މަނީ ލޯންޑަރިންގެ ގަޒިއްޔާއަށް ކޮންމެ ހަސްމަކަށް އެއް ގަޑިއިރުގެ ފުރުސަތެއް ދެއްވާނެ އެވެ.

ޔާމީނަކީ ޕީޕީއެމް/ޕީއެންސީގެ އެންމެ އިސް ލީޑަރެވެ. ފުރަތަމަ ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ އިއްތިހާދުގެ ޓިކެޓު އެރުވީ ވެސް ޔާމީނަށެވެ. ނަމަވެސް ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަކުރުމުގެ ފުރުސަތު ގެއްލުނީ މި ހުކުމުގެ ސަބަބުންނެވެ.

މި ދައުވާތަކުގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ މައްސަލާގައި ވެސް ޔާމީންގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލާފައިވެ އެވެ. އެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އަދި ނުނިމި އޮތް އިރު، އެ މައްސަލާގައި އަޑުއެހުމެއް ނުބޭއްވޭތާ ދުވަސްތަކެއް ވެއްޖެ އެވެ.