13 ނޮވެންބަރު 2023 - 15:11 0
ނިމާ ހަސަން
އަލްހާން ފަހުމީ; ޕޮންޒީ ސްކީމް މައްސަލާގައި އަލްހާނަށް ދައުވާ ކުރަން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައި -- ފޮޓޯ: ސައީދު/ އަދަދު
13 ނޮވެންބަރު 2023 - 15:11 0
ޕޮންޒީ ސްކީމެއް ހިންގި ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އަލްހާން އަދި އޭނާގެ އާއިލާގެ ބައެއް މެންބަރުންގެ ހިއްސާ އޮންނަ ކުންފުންޏަކުން އާންމުންގެ އަތުން ފައިސާ ނަގައިގެން ހިންގަމުންދިޔަ ސްކީމުގައި، މަކަރުން ފައިސާ ހޯދާ ޕޮންޒީ ސްކީމާ ވައްތަރު ކަންކަން ހުރުމުން ތަހުގީގު ކުރަން ފެށީ މިދިޔަ އަހަރުގެ މާޗް މަހު އެވެ.
ފުލުހުން 'އަދަދު' އަށް މައުލޫމަތު ދިން ގޮތުގައި އެ މައްސަލަ ތަހުގީގު ކުރުމަށްފަހު މިއަދު ވަނީ އަލްހާންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.
އަލްހާނުގެ ކިންގްސް ކެޕިޓަލް ހޯލްޑިންގުން ކުންފުނިން އާންމުންގެ އަތުން ނަގާފައި ވަނީ ކިހާ އަދަދެއްގެ ފައިސާކަން ފުލުހުން ހާމަކޮށްފަ އެއް ނުވެ އެވެ. އެ ސްކީމް އިސްތިހާރު ކުރަމުންދިޔައީ އިންވެސްޓަރުންނަށް އާދަޔާ ހިލާފް ބޮޑެތި ރިޓާން ލިބޭނެ ކަމަށް ވައުދުވަމުންނެވެ.
ރާއްޖޭގެ މާލީ ސެކިއުރިޓީގެ ގާނޫނާއި ގަވައިދުތަކާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމުގެ ތުހުމަތު ފުލުހުން އަލްހާންއާއި އޭނާގެ ކުންފުންޏަށް ކުރެ އެވެ.
އެ ތުހުމަތުތައް ދޮގުކޮށް އަލްހާން މީގެ ކުރިން ބުނެފައި ވަނީ އެއީ ސިޔާސީ ބޭނުމެއްގައި އޭނާއަށް ގެއްލުން ދިނުމަށް ކުރި ކަމެއް ކަމަށެވެ.
އެ މައްސަލައިގައި މީގެ ކުރިން ކިންގްސްގެ ބޭންކް އެކައުންޓުތައް ވެސް ބީއެމްއެލްއިން ހިފެހެއްޓި އެވެ. އެކަމަކު، ކިންގްސްއިން އެ މައްސަލައިގައި ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެ ކޯޓުން ނިންމާފައި ވަނީ ކޯޓު އަމުރެއް ނެތި އެކައުންޓުތައް ހިފެހެއްޓީ ގޯސްކޮށް ކަމަށެވެ.
Comment