Advertisement

ޕޮލަންޑް މުބާރާތުގެ ސިންގަލްސް އިވެންޓުން ލައިބާ ބްރޯންޒް މެޑަލް ހޯދައިފި

13 ނޮވެންބަރު 2023 - 13:26 0


ޕޮލަންޑް މުބާރާތުގެ ސިންގަލްސް އިވެންޓުން ލައިބާ ބްރޯންޒް މެޑަލް ހޯދައިފި

13 ނޮވެންބަރު 2023 - 13:26 0

ޕޮލަންޑްގެ ބިއަލިސްޓޮކްގައި ކުރިއަށްދާ ޔޮނެކްސް އިންޓަނޭޝަނަލް ބެޑްމިންޓަން ފެސްޓިވަލްގެ 11 އަހަރުން ދަށުގެ ސިންގަލްސް ބައިން، ލައިބާ އަހުމަދު މަހުލޫފު (އެލީ) ބްރޯންޒް މެޑަލް ހޯދައިފި އެވެ.

މިމަހުގެ 11-12 އަށް ކުރިއަށްދިޔަ މުބާރާތުގައި ލައިބާ ހޯދި ބްރޯންޒް މެޑަލް އަކީ ބައިނަލްއަގްވާމީ މުބާރާތެއްގައި ސިންގަލްސް އިވެންޓަކުން އޭނާ ހޯދި ފުރަތަމަ ބްރޮންޒް މެޑަލް އެވެ.

ނުވަ ގައުމެއްގެ ކުޅުންތެރިން ވާދަކުރި މުބާރާތުގެ 11 އަހަރުން ދަށުގެ ސިންގަލްސް ބައިގެ ފައިނަލުން ފުރުސަތު ނުލިބުނީ ރަނގަޅު ވާދައެއް ކުރުމަށްފަހުގަ އެވެ. ސެމީ ފައިނަލުގައި ލައިބާ ނުކުތީ ޕޮލަންޑްގެ މާލޭނާ ޕުލްޑޯއާ ދެކޮޅަށެވެ. ވާދަވެރި ކުޅުމަކަށްފަހު ލައިބާ މި މެޗުން ބަލިވީ 14-15 އަދި 12-15 އިންނެވެ.

ލައިބާ ވަނީ ކުއާޓާ ފައިނަލުގައި ޔޫކްރެއިންގެ އުލިއާނާ ކޮނޮނެންކޯ ބަލިކޮށްފަ އެވެ. ލައިބާ މި މެޗު ކާމިޔާބުކުރި 2-1 ސެޓުންނެވެ. ފުރަތަމަ ސެޓު 15-4 އިން ލައިބާ ހޯދިއިރު، ދެވަނަ ސެޓު އުލިއާނާ ހޯދީ 11-15 އިންނެވެ. ފަހު ސެޓުގައި މޮޅަށް ކުޅެ ލައިބާ މެޗު ކާމިޔާބުކުރީ 15-8 އިންނެވެ.

11 އަހަރުން ދަށުގެ ސިންގަލްސްގެ ގްރޫޕް ސްޓޭޖުގައި ލައިބާ ވަނީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްފަ އެވެ. ލައިބާ މޮޅުވީ ޔޫކްރެއިންގެ ބޮޑާނާ ސިރޮޓްޔުކް އަތުންނާއި، ޕޮލަންޑްގެ އޮލިވިއާ ސެރަފިން އަދި ޕޮލަންޑުގެ އެދްރިއާނާ ޑާނޯގާ އަތުންނެވެ.


ބޮޑާނާ އަތުން ލައިބާ މޮޅުވީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ލައިބާ ގެންދިޔައީ 15-8 އަދި 15-11 އިންނެވެ. އޮލިވިއާ އަތުން މޮޅުވީ 2-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 8-15 އިން އޮލިވިއާ ހޯދާފައިވަނިކޮށް ޖެހިގެން އައި ދެ ސެޓު ލައިބާ ކާމިޔާބުކުރީ 15-9 އަދި 15-9 އިންނެވެ. އެދްރިއަނާ އާތުން ލައިބާ މޮޅުވީ 15-13 އަދި 15-6 އިންނެވެ.

މުބާރާތުގެ 13 އަހަރުން ދަށުގެ ބައިގެ ސިންގަލްސްގައި ލައިބާ ވަނީ ޕޮލަންޑުގެ އަގާޓާ ޒޭލިއާ އަދި ޒުޒުއާނާ މިސިއަކް އަތުން ބަލިވެފަ އެވެ.

13 އަހަރުން ދަށުގެ މިކްސް ޑަބަލްސްގައި ލައިބާ އާއި ކެސްޕާ ކޯޒްގެ ޕެއާ ބަލިވީ ޔޫކްރެއިންގެ އެލެގްސަންޑާ ބަންޑްރޮވިޗް އާއި އޮރީސީއާ ސޮޑޮމޯރާގެ ޕެއާ އަތުން ސީދާ ދެ ސެޓުންނެވެ.

ޑަބަލްސް އިވެންޓުގައި ލައިބާގެ ޕާޓްނަރަކީ ލުތުއޭނިއާގެ ޓައުޓް ބަލްޓަކީޓެވެ. މި ޕެއާ އެކުގައި ކުޅުނު ފުރަތަމަ މެޗުގައި ވަނީ ޕޮލަންޑްގެ އަގާޓާ ޒޭލިގާ އާއި ރޯޒާ ސިޕެރެކް ޕެއާ އަތުން ބަލިވެފަ އެވެ. މެޗުގެ ސެޓުތައް ލައިބާ އާއި ޓައުޓްގެ ޕެއާ އަށް ގެއްލުނީ 14-21 އަދި 7-21 އިންނެވެ.

ލައިބާ ވަނީ މިއަހަރު ޔޫރަޕްގައި އޮތް ބައިނަލްއަގްވާމީ ތިން މުބާރާތެއްގައި ވާދަކޮށްފަ އެވެ. އެއީ މިއަހަރުގެ އޭޕްރީލް މަހު އިޓަލީގައި އޮތް ބޮޒްނާ ފްރޫލިން އިންޓަނޭޝަނަލް ބެޑްމިންޓަން ޗެމްޕިއަންޝިޕާއި، މެއި މަހު ކްރޮއޭޝިއާގައި އޮތް އެޑްރިއާ ޔޫތު އިންޓަނޭޝަނަލް ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ އިތުރުން ޖޫން މަހު ޗެކް ރިޕަބްލިކްގައި އޮތް ޔޮނެކްސް ޗެކް ޔޫތު އިންޓަނޭޝަނަލް 2023 އެވެ. މި ތިން މުބާރާތުގެ ތެރެއިން ކްރޮއޭޝިއާ މުބާރާތުގެ ޑަބަލްސް އާއި މިކްސްޑް ޑަބަލްސް އިން އޭނާ މެޑަލް ހޯދި އެވެ.