13 ނޮވެންބަރު 2023 - 12:44 0
13 ނޮވެންބަރު 2023 - 12:44 0
މިލާން (ނޮވެމްބަރު 13) - އިޓާލިއަން ސެރީއާގައި އިންޓަ މިލާނުން ރޭ ކުޅުނު މެޗު ކާމިޔާބުކޮށް ލީގުގެ އެއްވަނައަށް އަލަށް ޖެހިލިއިރު، ނަޕޯލީ އަމިއްލަ ދަނޑުގައި ފަހު ވަގުތު ބަލިވުމާ އެކު ކޯޗު ރުޑީ ގާސިއާއަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.
އިޓަލީ ލީގުގައި އިންޓަ މިލާނުން ވަނީ ފްރޮސިނޯނޭ އަތުން 2-0 އިން މޮޅުވެފަ އެވެ. ނަޕޯލީ ބަލިވީ އަމިއްލަ ދަނޑުގައި އެމްޕޯލީ އަތުން 0-1 އިންނެވެ.
މި ނަތިޖާތަކާއިއެކު ސެރީއާގެ އެއްވަނައިގައި އިންޓަ މިލާން އޮތީ 31 ޕޮއިންޓާއިއެކުގަ އެވެ. ދެވަނައިގައި އޮތީ 29 ޕޮއިންޓް ހޯދާފައިވާ ޔުވެންޓަސް އެވެ. 23 ޕޮއިންޓާއިއެކު އޭސީ މިލާން ތިންވަނައިގައި އޮތްއިރު، އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީ އޮތީ 21 ޕޮއިންޓާއިއެކު ހަތަރުވަނައިގަ އެވެ.
ފްރޮސިނޯނޭ އަތުން އިންޓަ މޮޅުވި މެޗުގައި އެޓީމްގެ ގޯލުތައް ޖަހައިދިނީ ފެޑެރިކޯ ޑީމާކޯ އާއި ހަކަން ޗަޅަނޯގްލޫ އެވެ. ޗަޅަނޯގްލޫ ޖެހި ގޯލަކީ ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލެކެވެ.
އެންމެ ފަހުގެ ސެރިއާ ކާމިޔާބުކުރި ނަޕޯލީ އަމިއްލަ ދަނޑުގައި ބަލިވީ މެޗުގެ އިތުރު ވަގުތުގައި ވަތް ގޯލާއިއެކުގަ އެވެ. މި މެޗުގައި ނަޕޯލީ އަށް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް އެޓީމުން ފޮނުވާލި ގިނަ ހަމަލާތައް އެމްޕޯލީގެ ކީޕަރު އެޓްރިޓް ބެރީޝާ ވަނީ ދިފާއުކޮށްފަ އެވެ.
ރޭގެ މެޗަށް ނުކުތްއިރު ލީގުގެ 19 ވަނައިގައި އޮތް އެމްޕޯލީ އަތުން ބަލިވުމާއިއެކު ނަޕޯލީގެ ކޯޗު ރުޑި ގާސިއާއަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.
މި މެޗަށް ފަހު ނަޕޯލީގެ އިސްވެރިން ވަނީ، ގާސިއާގެ ކުރިމަގާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ. މި މަޝްވަރާތަކުގައި ނަޕޯލީގެ ކޯޗު ވަކިކުރުމާ ގުޅޭގޮތުން ގޮތެއް ނިންމާފައިވާ ކަމަށްވެ އެވެ. ކުރިއަށް އޮތް ދެ މެޗުގައި އެ ޓީމްގެ ނަތީޖާތައް ގޯސްވެއްޖެ ނަމަ ކޯޗު މަގާމުން ވަކިކުރާނެ އެވެ.
ސެރިއާގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ރޮމާ އާއި ލާޒިއޯ ވާދަކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ބޮލޮންޔާ އަތުން 2-1 އިން ފިއޮރެންޓީނާ މޮޅުވިއިރު، އިދިނޭސީ އާއި އެޓްލާންޓާ ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
Comment