13 ނޮވެންބަރު 2023 - 05:37 1
އަޒްލިފާ އަބްދުﷲ
13 ނޮވެންބަރު 2023 - 05:37 1
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ ގަރާރު، އެ މަނިކުފާނު ނިސްބަތްވާ ދަ ޑިމޮކްރެޓްސް ޕާޓީން ހުއްޓުވީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށާއި، އެ މައްސަލަ ދެން އެޖެންޑާކުރާ ޖަލްސާއެއްގެ ރިޔާސަތު، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފަށް ނުބެލެހެއްޓޭނެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.
ނަޝީދުގެ ވަކިކުރަން އެމްޑީޕީގެ މެމްބަރުން ހުށަހަޅާފައިވާ ގަރާރަކީ މަޖިލީހުގެ ގަވާއިދުގައި 167 ވަނަ މާއްދާގައި ބުނާ ޝަރުތައް ހަމަވާ ގަރާރެއް ނޫން ކަމަށް ބުނެ، އެ މައްސަލަ ބޭރުކޮށްލަން އިއްޔެގެ ޖަލްސާގައި ޑިމޮކްރެޓުން ވިދާޅުވަމުން ދިޔުމާއެކު، އެ މެމްބަރުން އެދިވަޑައިގެންނެވި ގޮތަށް މަޖިލީހުގެ އާންމު އުސޫލާ ހިލާފަށް ވޯޓަކަށް ނުގޮސް، އެ މައްސަލަ ރިޔާސަތުން ބޭރުކޮށްލި އެވެ.
ރިފްއަތު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނަޝީދު ވަކިކުރުމުގެ ގަރާރަކީ ޑިމޮކްރެޓުން މާނަކުރި ފަދަ މަޖިލީހަށް ހުށަހަޅާ އާންމު ގަރާރެއް ނޫން ކަމަށެވެ. އަދި އެ މައްސަލަ ކުރިއަށް ގެންދާ ޖަލްސާއެއްގެ ރިޔާސަތުގައި މަސްލަހަތު ފުށުއަރާ ބޭފުޅަކަށް ނުހުންނެވޭނެ ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރު ހުށަހެޅުމަށް އެޖެންޑާ ކުރެވޭ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސްގެ ނުފޫޒު އޮތް މެމްބަރަކު ބެލެހެއްޓުމަކީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބުނާ މަސްލަޙަތު ފުށުއެރުމުގެ އުސޫލާ ދިމާ އިދިކޮޅު މާނަކުރުމެއް،" ރިފްއަތު ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލައެއް ބެލުމުގައި، ރިޔާސަތު ބެލެއްޓުމަށް ދެކޮޅު ހަދައި ނުވަތަ އުޒުރުވެރިވާ މެމްބަރުންނާއި އަދި މަސްލަހަތު ފުށުއަރާ އެއްވެސް ފަރާތެއް ރިޔާސަތުގައި ނުބޭންދުމުގެ މުހިއްމުކަމަށް އިސްކަންދޭންޖެހޭ،"
1. މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް، މަގާމުން ވަކިކުރުމުގެ ޤަރާރަކީ މަޖިލީހުގެ ގަވާއިދުގެ 168،167 އަދި 169ވަނަ މާއްދާގައި ބަޔާންކުރާ މެމްބަރުން ހުށަހަޅާ 'އާންމު' ޤަރާރުތަކާ ގުޅިގެން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ހިނގާ ގަރާރެއް ނޫން. 2. މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ގަރާރުގައި ފުރިހަމަވާންޖެހޭ ހަމައެކަނި ޝަރުތުތަކަކީ، ޖުމްލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބައި މެމްބަރުންނަށްވުރެ މަދު ނޫން މެމްބަރުން، ލިޔެ، ސޮއިކޮށް، މައްސަލައެއްގެ ގޮތުގައި ހުށަހަޅާ ގަރާރުގައި ވަކިކުރުމަށް ފެންނަ ސަބަބު ބަޔާން ކުރުން. 3. މެމްބަރަކު ޖަލްސާގައި ހުށަހެޅި ނިޒާމީ މައްސަލައަކާ ގުޅިގެން، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ތެރެއިން ކުރިއަށް ނުގެންދެވޭނެކަމަށް މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ ފަރާތުން ނިންމާފައިވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް. 4. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަކީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ހުއްޓުމެއްނެތި ކުރިއަށް ގެންދަންޖެހޭ ޖަލްސާތަކެއް. 5. ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރު ހުށަހެޅުމަށް އެޖެންޑާ ކުރެވޭ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސްގެ ނުފޫޒު އޮތް މެމްބަރަކު ބެލެހެއްޓުމަކީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބުނާ މަސްލަޙަތު ފުށުއެރުމުގެ އުސޫލާ ދިމާ އިދިކޮޅު މާނަކުރުމެއް. 6. ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލައެއް ބެލުމުގައި، ރިޔާސަތު ބެލެއްޓުމަށް ދެކޮޅު ހަދައި ނުވަތަ އުޒުރުވެރިވާ މެމްބަރުންނާއި އަދި މަސްލަޙަތު ފުށުއަރާ އެއްވެސް ފަރާތެއް ރިޔާސަތުގައި ނުބޭންދުމުގެ މުޙިއްމުކަމަށް އިސްކަންދޭންޖެހޭ. 7. މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާ ބުނާގޮތަށް ރިޔާސަތު ބެލެހެއްޓުމަށް ކަނޑައެޅިފައިވާ ތަރުތީބުން އަމީންޢާންމު މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތެއް ކަނޑައަޅައި، ޖަލްސާތައް ކުރިއަށް ގެންދިއުމަކީ ޤާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދު ތަސައްވުރުކުރާ ހަމައެކަނި ގޮތް.
މިގޮތަށް ބަންޑާރަ ނައިބު ދެކެވަޑައިގަންނަވާއިރު، ނަޝީދު ވަކިކުރުމުގެ މައްސަލައިގައި އީވާ އަދި އަފީފުގެ މަސްލަހަތު ފުށުއަރަ އެވެ. އެއީ އެ ދެބޭފުޅުންނަކީ ނަޝީދުގެ ދަ ޑިމޮކެރްޓްސްއަށް ނިސްބަތްވާ ދެ މެމްބަރުންނެވެ. އަދި އީވާއަކީ ނަޝީދު ދެބެންގެދެދަރި ބޭފުޅެކެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިއްޔެ އޮތް ދެ ޖަލްސާއަށް އެޖެންޑާ ކުރި އެވެ. ފުރަތަމަ ބޭއްވި ޖަލްސާގެ ރިޔާސަތުގައި، ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު އިންނެވިއިރު، ނަޝީދު ވަކިކުރުމުގެ މައްސަލަ ކުރިޔަށް ގެންދިޔަ ނުދިނުމަށްޓަކައި އެ ބޭފުޅުން ނިސްބަތްވާ ދަ ޑިމޮކްރެޓްސް ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ނިޒާމީ މައްސަލައެއްގެ ގޮތުގައި ނެގީ އެމްޑީޕީގެ 49 މެމްބަރުން ސޮއި ކުރައްވައި ހުށަހަޅާފައި ވަނީ މަޖިލީހުގެ ގަވާއިދާ އެއްގޮތްވާ ގަރާރެއް ނޫން ކަމަށެވެ.
ނިޒާމީ އޮއިވަރެއްގެ ތެރެއަށް މަޖިލީހުގެ ތަޅުން ދޫކޮށްލުމަށް ފަހު އަފީފު ނިންމެވީ، ޑިމޮކްރެޓުން ބޭނުންވި ގޮތަށް އެ ގަރާރު މަޖިލީހުގެ ގަވާއިދާ ހިލާފު ކަމަށެވެ. އަދި ނަޝީދު ވަކިކުރުން އަލުން ހުށަހަޅަން އެންގި އެވެ.
އަފީފުގެ އެ ނިންމުން މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ގަބޫލު ނުކުރައްވައި، އިއްޔެ 11:30 އަށް ވެސް ޖަލްސާ އެޖެންޑާކުރި އެވެ. އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް ވަޑައިގަތީ ފުރަތަމަ ޖަލްސާއަށް ސަލާމު ފޮނުއްވި މަޖިލީހުގެ ނައިބު ރައީސް، ނަޝީދުގެ ދެބޭންގެ ދެދަރި އީވާ އަބްދުﷲ އެވެ. އީވާ ނިންމެވީ ގަރާރު ބޭރުކޮށްލަން އަފީފު ނިންމެވި ނިންމެވުން ރަނގަޅު ކަމަށެވެ.
ނަމަވެސް ނަޝީދުގެ އިތުބާރުގެ މައްސަލަ ނިމިފައިވާ ކަމަށް އަމީންއާންމު ގަބޫލު ނުކުރައްވައި، އެ މައްސަލަ މިއަދަށް ވެސް އެޖެންޑާކުރި އެވެ.
މިއަދު ދެ ޖަލްސާއެއް އެބަ އޮތެވެ. ފުރަތަމަ އެޖެންޑާކޮށްފައި ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބެޖެޓާއި ސަޕްލެމެންޓަރީ ބަޖެޓު ހުށަހެޅުމުގެ ޖަލްސާއެވެ. ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާލާސްކަންފުޅާ އުޅުއްވާތީ އެ ޖަލްސާއަށް ވަޑައިނުގެންނެވޭނެކަން މަޖިލީހުގެ އިދާރާއަށް ވަނީ އަންގަވައިފަ އެވެ. އެހެންވެ، ބަޖެޓު ޖަލްސާ ކުރިއަށް ގެންދެވިދާނެ ކަމަށް ނުބެލެވެ އެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ ގަވާއިދާ ހިލާފަށް ތަޅުމުން ބޭރުކޮށްލުމަށް އީވާ އާއި އަފީފު ނިންމެވުމުން، މަޖިލީހުގެ އިމްތިޔާޒުގެ މައްސަލައެއް އިއްޔެ ކޮމިޓީއަށް ހުށަހަޅައި، އެ ދެ ބޭފުޅުން މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ފާސްކުރި އެވެ. އަދި އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ ލަފައެއް ހޯދަން އާންމު ކޮމިޓީން ނިންމި އެވެ.
"އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި އާންމު ކޮމިޓީގެ ނިންމުމާ ގުޅިގެން ބަންޑާރަ ނައިބުގެ ލަފާ ރޭގެ ވަގުތެއްގައި މަޖިލީހުގެ އިދާރާއަށް ވަނީ ފޮނުވައިފަ އެވެ.
Comment