Advertisement

ދުސްތޫރީ ޒިންމާއާ ހިލާފުވުމާއި، މަސްލަހަތު ފުށު އެރުމުގެ އިން!

13 ނޮވެންބަރު 2023 - 08:57 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ ޒިންމާ ބަޔާންކުރާ މާއްދާއެއް - ގްރެފިކްސް: ރައްޔާން މުހައްމަދު / އަދަދު


ދުސްތޫރީ ޒިންމާއާ ހިލާފުވުމާއި، މަސްލަހަތު ފުށު އެރުމުގެ އިން!

13 ނޮވެންބަރު 2023 - 08:57 0

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރެއް ވެއްދީ މަޖިލީހުގެ މެޖޯރިޓީންނެވެ. އެމަނިކުފާނަކީ މިހާރު މައިނޯރިޓީ އެވެ. ނަމަވެސް ގަރާރު ކުރިއަށް ނުގޮސް ވަނީ ހުއްޓުވައިފަ އެވެ. ރިޔާސަތުގެ ތަރުތީބުގައި ދެން ވެސް ޖާގަ ލިބެނީ މައިނޯރިޓީއަށް ނިސްބަތްވާ މެންބަރުންނަށެވެ. ނައިބު ރައީސް އީވާ އަބްދުﷲ އަކީ އެމަނިކުފާނުގެ ދެބެއިންގެ ދެދަރި ކޮއްކޮއެކެވެ. މެންބަރު ހަސަން އަފީފަކީ ވެސް އަރިސް ބޭފުޅެކެވެ.

އިއްޔެ ހެނދުނު ދެ ޖަލްސާއެއް ބޭއްވި އިރު ދެ ޖަލްސާގެ ވެސް އެޖެންޑާގައި އޮތީ ނަޝީދު ވަކިކުރުގެ ގަރާރެވެ. ފުރަތަމަ ޖަލްސާގެ ރިޔާސަތުގައި އިންނަވައި މެންބަރު އަފީފު ނިންމެވީ، ގަރާރު ގަވާއިދަށް ނުފެތޭ ކަމަށެވެ. މައިނޯރިޓީ ޕާޓީ ޑިމޮކްރެޓްސްއިން ނެގި ނިޒާމީ ނުކުތާއަކަށް ބިނާކުރައްވައިގެންނެވެ. އީވާ ހަވާލުވީ އެ ޖަލްސާގެ ދޮޅުގަޑިއިރެއް ފަހުން ބޭއްވި ޖަލްސާގެ ރިޔާސަތާ އެވެ. އޭނާ ވެސް ޖަލްސާ ނިންމަވާލެއްވީ އެ ނިންމުމުގެ މަތީގަ އެވެ.

އެ ހައިޖާނުގަނޑުގައި މެޖޯރިޓީ ޕާޓީ އެމްޑީޕީން ދެން ދިޔައީ ސުލޫކު ކޮމިޓީއަށެވެ. އީވާއާއި އަފީފު މެންބަރުންގެ އިމްތިޔާޒުތަކަށް އަރައިގަތް ކަމުގެ ތުހުމަތުގަ އެވެ. ކޮމިޓީގެ މެންބަރުން ނިންމެވީ ގަރާރު ކުރިއަށް ގެންދަން އީވާއާއި އަފީފުގެ ވެސް މަސްހަލަތު ފުށު އަރާ ކަމަށެވެ. ކޮމިޓީން ދޭ ލަފައެއްގެ ގޮތުގައި މަޖިލީހުގެ އާންމު ކޮމިޓީއަށް މައްސަލަ ފޮނުވުމަށާއި މަޖިލީހުގެ އިދާރާގެ ސަމާލުކަމަށް ގެނައުމަށެވެ.

ސުވާލަކީ މަސްލަހަތު ފުށު އަރާ ކަން ކަނޑައަޅާނީ ކިހިނެއް ހެއްޔެވެ؟ އެއް ސިޔާސީ ޕާޓީއެއްގައި ހުރުމަކީ އެ ގޮތަށް ނިންމޭނެ ކަމެއް ހެއްޔެވެ؟

މަޖިލީހުގެ މެންބަރުންގެ މައްޗަށް ގާނޫނު އާސާސީން ލާޒިމުކުރާ ޒިންމާތަކެއް އޮވެ އެވެ. މުޅި ދައުލަތުގެ މަސްލަހަތު އިސްކޮށްގެން، ރައްޔިތުންނަށް ވަކާލާތުކޮށްދިނުމެވެ. ސަރުކާރަށް ފާރަވެރިވެ ޖަވާބުދާރީ ކުރުވުމެވެ. މުއައްސަސާތައް ހިނގަމުންދާކަން ޔަގީންކުރުމެވެ. މުޅި ދައުލަތް އަމަލުކުރަން ލާޒިމު ގާނޫނުތައް އެކުލަވާލުމެވެ. ދައުލަތުގެ މަސްލަހަތުގައި، ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމެވެ.

މި ޒިންމާތަކާއެކު ލިބިދީފައިވާ އިމްތިޔާޒުތަކާއި ބާރުތަކުގެ ބޭނުން "ނަހަމަ ގޮތުގައި" ހިފައިގެން ނުވާނެ އެވެ. ގާނޫނު އަސާސީގައި މެންބަރުންގެ މަސައްކަތުގައި ރިއާޔަތް ކުރަންވީ ކަންކަން ބަޔާންކޮށްފައިވާ މާއްދާގެ ރޫހަކީ އެއީ އެވެ. ވަކި ބަޔެއްގެ މަސްލަހަތުގައި ގާނޫނާއި ގަވާއިދެއް ހަދައިގެން ނުވާނެ އެވެ. މަގާމުގެ ބޭނުން އެއްވެސް ގޮތެއްގައި، ޒާތީ މަސްލަހަތު އިސްކުރުމަށް އެ މާއްދާއިން އެބަ މަނާ ކުރެ އެވެ.

ގާނޫނު އަސާސީގެ 75 ވަނަ މާއްދާ - މެންބަރުންގެ މަސައްކަތުގައި ރިއާޔަތް ކުރާންވީ ކަންކަން


ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލު ކުރާން ވާނީ، ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަން ދީގެންނެވެ. އަދި އެއްވެސް މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުން ކޮށްގެނެއް ނުވާނެ އެވެ. އަދި އެ ބައި މީހުން، އެ ބައި މީހުން އިންތިހާބުވީ ދާއިރާތައް ތަމްސީލު ކުރުމުގައި، މުޅި ގައުމާއި ހުރިހާ ރައްޔިތުންގެ ލާބައާއި މަންފާއަށް ރިއާޔަތް ކުރާން ވާނެ އެވެ.

ނަމަވެސް މަޖިލީހުގެ މެންބަރުން ހިފަހައްޓަން އެ އާންމު ސުލޫކާއި އުސޫލުން ބޭރުން އެތައް ކަމެއް އަބަދުވެސް ފެނެ އެވެ. ގާނޫނުތައް އެކުލަވާލުމާއި، މަޖިލީހުގެ އެކި މަސައްކަތްތަކުގެ ތެރެއިން "ވިޔަފާރި ޑީލު" ތަކާއި "ސިޔާސީ ޑީލު"ތައް އަބަދުވެސް ހިނގަ އެވެ.

މަޖިލީހުގެ މެޖޯރިޓީއަށް، ރައީސް ނަޝީދުގެ އިތުބާރު ނެތުން ވެސް ހިނގައިގެންދިޔައީ ނަޝީދާއި މެޖޯރިޓީ އެމްޑީޕީއާ ދެމެދު ހިނގި "ޑީލެއް" ގައި ހިމެނޭ ކަމަކަށެވެ. ރިޔާސީ އިންތިހާބުގެ ދެ ބުރު ދެމެދުގެ މުއްދަތުގައި ހިނގި "ސިޔާސީ ޑީލެއް" ގޮތަށް ސިފަވާ ގޮތަށް "ފާޅުގައި" ވާހަކަ ދައްކާފައި އެބަ ހުއްޓެވެ.

ޑިމޮކްރެޓްސްގެ އިންޓެރިމް ޗެއާ ހަސަން ލަތީފު ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިން މޭޓު މުހައްމަދު އަސްލަމް އޭރު އެއްބަސްވީ ޑިމޮކްރެޓްސްއިން އެއްވެސް ބަޔަކަށް ތާއީދު ނުކޮށްފިނަމަ، ކުރިން ހުށަހަޅާފައިވާ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނެގުމަށެވެ.

"އަސްލަމް ވިދާޅުވި ޑިމޮކްރެޓުން އެއްވެސް ޕާޓީއަކަށް ސަޕޯޓު ނުކުރާނެ ކަމަށް ބުނެފަ އޮންނަ ސިޓީއެއް ދޭށޭ، އެއީ ދެން އަޅުގަނޑުމެން އޭރު ކައުންސިލުން ނިންމާފައި ވެސް އޮތް ކަމެއް، އެކަމަކު ވެސް ދެން ދީފިން ސިޓީއެއް، އެ ސިޓީ ދިނީމައި ވިދާޅުވި، ތިމަންނާމެން ނަޝީދުގެ އިތުބާރު ނެތް ކަމަށް އޮތް މައްސަލަ ނަގާނަމޭ،" ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ވިދާޅުވެފައިވެ އެވެ.

އެ ކަމާ ގުޅުވައި، އެމްޑީޕީގެ މެންބަރުން ދައްކަވާ ވާހަކައަކީ ގަރާރު އަނބުރާ ގެންދެވީ މަޖިލީހުގައި "ތާށިވެފައިވާ" ސަރުކާރުގެ ބިލުތައް އަވަސް ކުރުމަށް އެއްބާރުލުން ލިބޭނެ ކަމަށް ދެކިގެނެވެ. ނަމަވެސް އެ ކަމަށް އެއްބާރުލުން ނުލިބި، މަޖިލީހުގެ ތަޅުން އޮންނަނީ ސަރުކާރު ބަދުނާމުކޮށް ހުށަހަޅާ ގަރާރުތަކަކާއި މައްސަލަތަކާއެކު "އަވަދިކޮށްލާފައި" ކަމަށް އޭނާ ވިދާޅުވެ އެވެ.

ކޮންމެއަކަސް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ނިންމުމަކީ މެޖޯރިޓީއަށް ލިބިދޭ ހައްގެކެވެ. އެ ހައްގުގެ ބޭނުންކޮށްގެން އެ ގަރާރު ވަނީ މަޖިލީހަށް ވައްދައިފަ އެވެ. ރިޔާސަތު ބަލަހައްޓަވަން އޮތް ތަރުތީބުގައި ހިމެނޭ މައިނޯރިޓީއަށް ނިސްބަތްވާ މެންބަރުންގެ މަސްލަހަތު މި ކަމުގައި އޮތް ކަމަށް ބުނުމުގެ ޖާގަ އޮންނާނެ އެވެ. ގަރާރު ކުރިއަށް ނުގޮސް ހުއްޓުވުމުން އެ ޖާގަ މާ ރަނގަޅަށް ވެސް އެބަ އޮތެވެ.

ގާނޫނީ ބައެއް ބޭފުޅުން ސިފަކުރައްވާ ގޮތުގައި، ގާނޫނު އަސާސީގައި މަޖިލީހުގެ މެންބަރުން އަމިއްލަ މަސްލަހަތު އޮންނަ ކަންކަމާ ދުރުވުމަށް ބާރުއަޅާފައިވަނީ މިފަދަ ކަންކަން ހިނގާތީ އެވެ.

"އީވާއަށް ރިޔާސަތު ނުވެސް އިނދެވޭނެ، ގާނޫނު އަސާސީގެ އެ މާއްދާ އެ ގޮތަށް ބަޔާން ކުރުމުގެ ރޫހަކީ ވެސް، އަމިއްލަ ޒާތީ މަސްލަހަތު ހިމެނޭ ކަމެއްގައި ދުރުވުން، ތަނާޒުލް ވުން،" ސިޔާސީ ބޭފުޅުންގެ މަސްލަހަތު އޮތް މައުލޫއަކަށްވާތީ، ނަން ނުޖެހުމަށް އެދި ގާނޫނީ ވަކީލަކު އޭނާގެ ހިޔާލު ހިއްސާ ކުރެއްވި އެވެ.

ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވެސް ދެކެވަޑައިގަންނަވާ ގޮތުގައި، މިފަދަ ހާލަތެއްގައި އަހުލާގީ އަދި ސުލޫކީ ގޮތުން އެންމެ ރަނގަޅު ގޮތަކީ ވެސް އެ މެންބަރަކު ރިޔާސަތު ނުއިންނެވުމެވެ. އެ ކަމަކުން ތަނާޒުލް ވުމެވެ.

"މަޖިލީހުގެ ރައީސް ނިސްބަތްވަނީ ވަކި ޕާޓީއަކަށް، އަދި އެއީ މައިނޯރިޓީ [ޕާާޓީ މިހާރު]، ދެން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ގަރާރެއް މި ވައްދަނީ [މެޖޯރިޓީން]، އެހެންވީމާ އެ ޕާޓީއަށް ނިސްބަތްވާ މެންބަރަކު ހަވާލުނުވެ އެހެން މެންބަރަކު ހަވާލުވާން ޖާގަދިނުން، އެއީ އަހުލާގީ ގޮތުން، މޯރަލީ ގޮތުން ރަނގަޅު ކަމެއް،" މުނައްވަރު ވިދާޅުވި އެވެ.

އެހެން ނަމަވެސް އޭނާގެ ސުވާލަކީ ވެސް މަސްލަހަތު ފުށު އެރުމުގެ އިމުގެ ރޮނގު ދަމާނީ ކިހާ ހިސާބަކުން ހެއްޔެވެ؟ ކޮންމެ ފަހަރަކު ހާލަތު މި ގޮތަށް ސީދާ ދިމައެއް ނުވާނެ އެވެ.

އެއް ސިޔާސީ ޕާޓީއެއްގައި އެތައް މެންބަރުން ވެސް އެބަ ތިއްބެވެ. ކުޑަކުޑަ މުޖުތަމައެކެވެ. އާއިލީ ގުޅުން ތިބޭ އެތައް ބަޔަކު ވެސް އެބަ ތިބެ އެވެ. އެކި ސިޔާސީ ޕާޓީތަކުގެ މަތީ ފަޑީގައި، އެއް އާއިލާއެއްގެ ބަޔަކު ވެސް އެބަ ތިބެ އެވެ. އެހެންކަމުން އާއިލީ ގުޅުމެއް އޮވެގެން ނޫނީ އެއް ޕާޓީއަކަށް ވެގެން ރިޔާސަތާ ދުރަށް ދިޔުމަކީ "އާންމު ހަމަ" ކަމަށް އަދި ކަނޑައެޅެވޭކަށް ވެސް ނެތެވެ.

"ރާއްޖެއަކީ ކުޑަ މުޖުތަމައަކަށް ވެސް ވެފައި، އެއީ ދެން ވަރަށް އުނދަގޫ ކަމަކަށް ވާނީ، އަޅުގަނޑުމެންގެ ރާއްޖޭގެ ނިޒާމު ބައްޓަންވެފައި ވެސް މި އޮންނަ ގޮތުން، މި ދިމާވި ކަންކަމުން ފިލާވަޅު ހޯދައިގެން އަޅުގަނޑުމެންގެ ނިޒާމަށް ބަދަލުތަކެއް ގެންޏާމުން ވެސް އެ އިން ކަނޑައަޅާނެ ރޮނގެއް ވިސްނަން ޖެހޭނެ،" މުނައްވަރު ވިދާޅުވި އެވެ.

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވީ، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ މެންބަރު، ވަކި އަތަކަށް ނުޖެހި ހުރުމަކީ ވެސް ރިޔާސަތާ ހަވާލުވާ މެންބަރުގެ ހުންނަވަން ޖެހޭނެ ސުލޫކެވެ. ކޮންމެ ހާލަތެއްގައި ވެސް އެ މެންބަރު ވާނީ ކޮންމެ ވެސް އެއް ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މެންބަރަކަށެވެ.

އެހެންކަމުން އިތުބާރު ނެތް ކަމުގެ ގަރާރު ނިސްބަތްވާ މީހާގެ ޕާޓީގައި ހުރެގެން ނުވުން އެއީ ރިޔާސަތު ނުބެލެހެއްޓެވޭ ސަބަބެއްގެ ގޮތުގައި ވެސް ކަނޑައެޅުމަކީ އަދި ވަކި ހައްލެއް ވެސް ނޫނެވެ.

"އެހެން ވަކި އެ ގޮތަކަށް ވެސް ކަނޑައެއް ނޭޅޭނެ، މީގައި މަޖިލީހުގެ ސެކްރެޓޭރިއަޓުގެ ދައުރެއް ވެސް އެބަ އޮވޭ، ގަރާރެއް ގަވާއިދަށް ފެތޭތޯ، ކުރިއަށް ގެންދެވޭނެތޯ ނިންމަން، ދެން ރިޔާސަތަށް ވެސް، ދެން ރިޔާސަތަށް އެހެން ކަނޑައެޅޭނެތޯ، އެއީ ދެން އޭގައި ބަލަން ޖެހޭނެ ސުވާލުތަކެއް،" މުއިއްޒު ވިދާޅުވި އެވެ.

މުނައްވަރު ފާހަގަ ކުރައްވަނީ ދިމާވެގެން އުޅޭ މައްސަލައަކީ މަސްލަހަތު ފުށު އެރުމުގެ ކަމަކަށް ވުރެ ބޮޑަށް، މެންބަރުންގެ ދުސްތޫރީ ޒިންމާތައް އަދާ ކުރުމުގައި ޖެހިގެން އުޅޭ މައްސަލައެކެވެ. އޭގައި އޮންނަން ޖެހޭ އަހުލާގުގެ މައްސަލައެކެވެ.

"މިހާ ގިނަ މެންބަރުންތަކެއް ސޮއިކޮށްގެން ހުށަހެޅުއްވުމުން، ދެން އަމިއްލަފުޅަށް ވެސް، ރިޔާސަތުން އެކަހެރިވެވަޑައިގަންނަވަން، އެ މަގާމުން ދުރަށް ޖެހެން، އެނގިވަޑައިގަންނަވަން ޖެހޭނެ، އޭގެ ބަދަލުގައި ޖަދަލުކޮށްފައި މަ ވައްކެއް ނުވާނޭ ބުނުމަކީ ޑިމޮކްރެޓިކް ހަމައެއް ނޫން،" މުނައްވަރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަސައްކަތުގައި ރިއާޔަތް ކުރަންވީ ކަންކަމުގެ ގޮތުގައި ގާނޫނު އަސާސީގައި ބަޔާން ކުރާ މާއްދާގައި އިބާރާތާ މެދު މެންބަރުން ފުންކޮށް ވިސްނައިލަން ޖެހެ އެވެ. ޒާތީ މަސްލަހަތަށް ވުރެ، މުޅި ދައުލަތާއި ދިވެހި ރައްޔިތުންގެ މަސްލަހަތު އިސްކުރަންވީ އެވެ.