12 ނޮވެންބަރު 2023 - 12:42 1
ސާއިފް ޝިޔާދު
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް އަދި އެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު. އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ތަކުރާރުކޮށް ދަނީ ހުރަސް އަޅަމުން --- ފޮޓޯ: އަބްދުالله އިޔާން/އަދަދު
12 ނޮވެންބަރު 2023 - 12:42 1
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން މުހައްމަދު ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު ކުރިއަށް ގެންދިޔުމަށް ބޭއްވި ދެ ވަނަ ޖަލްސާ، އެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله ނިންމަވާލެއްވީ ގަވާއިދާ ހިލާފަށް ކަމަށާއި އެކަމާ ގުޅިގެން މުޅި މަޖިލީހުގެ އިމްތިޔާޒަށް އޭނާ އަރައިގަނެފައިވާތީ އެ މައްސަލަ ހުށަހަޅާނެ ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މިއަދު ހެނދުނު 9:00 ގައި ބޭއްވި ޖަލްސާއަށް އީވާ ހާޒިރުވެވަޑައިގަނެފައި ނުވެ އެވެ. އޭނާ ހުންނެވީ ސަލާމުގަ އެވެ. އެހެންވެ އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. އެ ޖަލްސާގައި އަފީފު ނިންމެވީ ނަޝީދު ވަކިކުރުމުގެ ގަރާރު ހުށަހަޅާފައި އޮތީ ގަވާއިދާ އެއްގޮތަށް ނޫން ކަމަށެވެ.
ނަމަވެސް 11:30 އަށް، ހަމަ އެ މައްސަލަ އެޖެންޑާކޮށް އާ ޖަލްސާއެއް ބޭއްވި އެވެ. އެ އެޖެންޑާއާއެކު ޖަލްސާ ފެށުމަށް ފަހު އީވާ ވެސް ނިންމެވީ ގަރާރުގެ މަސައްކަތް ކުރިއަށްނުގެންދެވޭނެ ކަމަށެވެ. އެއީ އަފީފު ރިޔާސަތު ބެލެހެއްޓެވި ހެނދުނުގެ ޖަލްސާގައި އެ ގަރާރު ބޭރުކޮށްލާފައި ވާތީ ކަމަށް އީވާ ވިދާޅުވި އެވެ.
ހަސަން އަފީފު އާއި އީވާ، އެ ގަރާރު ބޭރުކޮށްލި ނަމަވެސް، އެމްޑީޕީން ގަބޫލު ކުރަނީ އެއީ ގަވާއިދާ ހިލާފަށް އެ ދެ ބޭފުޅުން ނިންމެވި ނިންމެވުމެއް ކަމަށެވެ.
"މިހާރު ތައްޔާރުކުރަމުން މިދަނީ މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުالله މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުމުގެ މައްސަލަ ހުށަހަޅަން. މިއަދު ގަވާއިދާ ހިލާފަށް އެގޮށް ނިންމާފައިވާ ކަމަށް ވިދާޅުވީ. އެހެނެއް ވިދާޅެއް ނުވެވޭނެ," މަޖިލިސް ގޯތިތެރޭގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވި އެވެ.
އަފީފު މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ އެމްޑީޕީގެ މެމްބަރުން ހުށަހެޅި މައްސަލަ ސުލޫކު ކޮމިޓީން ވަނީ ނިންމައިފަ އެވެ. އެ ކޮމިޓީން ނިންމީ އަފީފު އިމްތިޔާޒަށް އަރައިގަތް ކަމަށެވެ.
އިތުބާރު ނެތް ރައީސަކު ރިޔާސަތު ބަލަހައްޓާ މަޖިލީހެއް ނުހިނގާނެ ކަމަށާއި އިތުބާރު އޮތްތޯ ނެތްތޯ ބެލުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment