Advertisement

ކަގްލިއާރީ ބަލިކޮށް ޔުވެންޓަސް އެއް ވަނަ އަށް، މިލާން އެއްވަރު

12 ނޮވެންބަރު 2023 - 12:51 0


ކަގްލިއާރީ ބަލިކޮށް ޔުވެންޓަސް އެއް ވަނަ އަށް، މިލާން އެއްވަރު

12 ނޮވެންބަރު 2023 - 12:51 0

މިލާން (ނޮވެމްބަރު 12) - ކަގްލިއާރީ އަތުން 2-1 އިން މޮޅުވެ އިޓާލިއަން ސެރީއާގެ އެއް ވަނައަށް ޔުވެންޓަސް ޖެހިލިއިރު، އޭސީ މިލާނާއި ލެއްޗޭ ވާދަކުރި މެޗު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސް ހޯދި މޮޅާ އެކު އެ ޓީމު އެއް ވަނައަށް ޖެހިލީ 12 މެޗުން 29 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތީ 11 މެޗުން 28 ޕޮއިންޓް ހޯދާފައިވާ އިންޓަ މިލާން އެވެ. މިލާން ތިން ވަނައިގައި އޮތީ 23 ޕޮއިންޓާ އެކުގަ އެވެ. އެންމެ ފަހުގެ ލީގު ޗެމްޕިއަން ނަޕޯލީ އިން މިރޭ އެމްޕޯލީގެ މައްޗަށް ކުރި ހޯދައިފިނަމަ މިލާނަށް ތިންވަނަ މަގާމު ގެއްލޭނެ އެވެ.

ކަގްލިއާރީ އަތުން ޔުވެންޓަސް މޮޅުވި މެޗުގައި ގޯލު ޖެހީ ހުސް ޑިފެންޑަރުންނެވެ. ޔުވެންޓަސްގެ ގޯލުތައް ޖަހައިދިނީ ގްލެއިސަން ބްރީމާ އާއި ޑެނިއެލޭ ރުގާނީ އެވެ. ކަގްލިއާރީގެ ގޯލު ޖަހައިދިނީ އަލްބާޓޯ ޑޯސެނާ އެވެ.

ރޭގެ މޮޅަކީ ޔުވެންޓަސް އިން ލީގުގައި ޖެހިޖެހިގެން ހޯދި ފަސް ވަނަ މޮޅެވެ. އެ ޓީމު ލީގުގައި އެންމެ ފަހުން ބަލިވީ މިދިޔަ ސެޕްޓެމްބަރު މަހު ސަސުއޯލޯއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

މިލާނާއި ލެއްޗޭ އެއްވަރުވި މެޗުގައި ފުރަތަމަ ދެ ގޯލު ޖަހައި ލީޑް ނެގީވެސް މިލާނުންނެވެ. މި ދެ ގޯލު ޖަހައިދިނީ އޮލިވިއޭ ޖިރޫ އާއި ޓިޖާނީ ރެއިންޑާސް އެވެ. މިއީ ރެއިންޑާސް މިލާނަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

ލެއްޗޭއިން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގަ އެވެ. ހަތަރު މިނެޓުގެ ތެރޭގައި އެޓީމުން ޖެހި ދެ ގޯލު ޖަހައިދިނީ ނިކޮލާ ސަންސޯނޭ އާއި ލަމެކް ބަންޑާ އެވެ.

މި މެޗުގެ އިތުރު ވަގުތުގައި މިލާންގެ ފޯވާޑް ޖިރޫ ރެފްރީއާ ބޭއަދަބީ ބަހުން މުހާތަބުކުރުމުން އޭނާއަށް ވަނީ ސީދާ ރަތްކާޑެއް ދައްކައިފަ އެވެ.