Advertisement

ގަރާރު ބޭރުކުރަން އަފީފު ހަމަ އެޅުއްވި ގޮތް؛ "ސުޕްރީމް ކޯޓުގެ ހުކުމުގައި ވެސް ބެލީ ގަވާއިދުގެ އެހެން މާއްދާތަކަށް!"

12 ނޮވެންބަރު 2023 - 12:05 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން ހުށަހެޅި ގަރާރު ގަވައިދާ ހިލާފުކަަމަށް އޭނާ ނިންމެވި. ފޮޓޯ: އަބްދުﷲ އަފީފު


ގަރާރު ބޭރުކުރަން އަފީފު ހަމަ އެޅުއްވި ގޮތް؛ "ސުޕްރީމް ކޯޓުގެ ހުކުމުގައި ވެސް ބެލީ ގަވާއިދުގެ އެހެން މާއްދާތަކަށް!"

12 ނޮވެންބަރު 2023 - 12:05 0

ރައްޔިތުންގެ މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރު "ގަވައިދާ ހިލާފު" ކަމަށް ނިންމެވީ ސުޕްރީމްކޯޓުގެ ހުކުމަށް ރިއާޔަތްކުރައްވައިގެން ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި، ވިލުފުށި ދާއިރާގެ ދަ ޑިމޮކްރެޓްސް މެމްބަރު ހަސަން އަފީފު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ އެޖެންޑާކުރީ ނަޝީދު ވަކިކުރުމުގެ ގަރާރު އެޖެންޑާކުރާ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ނައިބުރައީސް ނޫން އެހެން މެމްބަރަކަށް ވެސް ބެލެހެއްޓެވޭނެ ކަމަށް ސުޕްރީމްކޯޓުން ނިންމުމުންނެވެ. އެ މައްސަލާގައި ސުޕްރީމްކޯޓުން ގޮތެއް ނިންމީ، އެފަދަ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓެވޭނީ ހަމަ އެެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް މަޖިލީހުގެ އިދާރާއިން ބުނާތީ އެމްޑީޕީން ހުށަހެޅި ދުސްތޫރީ މައްސަލައެއް ބެލުމަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެހެން ނަމަވެސް މިއަދުގެ ޖަލްސާ ފެށުމާއި އެކު ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ނިޒާމާ ބެހޭ މައްސަލައެއްގެ ގޮތުގައި ފުރުސަތު ހޯއްދަވައިގެން ވިދާޅުވީ ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރު ގަވައިދާ ހިލާފު ކަމަށެވެ.

އާޒިމް އެ ފާހަގަކުރައްވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އާންމު ގަރާރުތަކުގައި ދީބާޖާއެއް އޮންނަންވާނޭކަމަށް ގަވާއިދުގައި އޮންނަ މާއްދާ އެވެ. އެހެންނަމަވެސް އެމްޑީޕީގެ މެންބަރުން ވިދާޅުވަނީ އެ ގަރާރަކީ ގަވާއިދުގެ 205 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ހާއްސަ ގަރާރަކަށްވާތީ، ގަވާއިދުގައި ބަޔާންކުރާ އާންމު ގަރާރުތަކުގެ އުސޫލާއި އެ ގަރާރުގެ އުސޫލު ތަފާތު ވާނެ ކަމަށެވެ. އަދި އެ ގަރާރަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ސައްހަކަމަށް ބަލައި، މަޖިލީހަށް ބަލައިގަނެ، ތާވަލުކޮށްފައިވާ ގަރާރެއްކަންވެސް އެމްޑީޕީގެ މެންބަރުން ފާހަގަކުރެއްވި އެވެ.

އެހެންނަމަވެސް، އާޒިމްގެ އެ ނުކުތާ އަކީ ނިޒާމާ ބެހޭ މައްސަލައެއް ކަމަށް ނިންމަވައި އަފީފު ވިދާޅުވީ ގަރާރު ހުށަހަޅާފައި އޮތީ ގަވައިދާ އެއްގޮތަށް ކަަމަށް ނުވާތީ ކުރިއަށް ނުގެންދެވޭނެ ކަަމަށެވެ.

އަފީފުގެ އެ ނިންމުމުގެ ތަފްސީލު ހޯދަން "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަފީފު ވިދާޅުވީ ގަރާރު ގަވައިދާ ހިލާފު ކަމަށް ނިންމެވީ ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް މަޖިލީހުގެ ގަވާއިދުގެ "އެހެން މާއްދާތަކަށް" ބަލައިގެން ކަމަށެވެ.

"މަޖިލީހުގެ އިދާރާއިން ނިންމީ މި މައްސަލާގައި ނައިބު ރައީސް ނޫން އެހެން މީހަކަށް [ރިޔާސަތަކަށް] ނޭރޭނޭ. އެކަމަކު ސުޕްރީމްކޯޓުން މި ނިންމީ، އެހެން މާއްދާތަކަށް ބަލައިގެންނޭ އެކަންތައް ނިންމަން ޖެހޭނީ. އެހެންވީމާ ސުޕްރީމްކޯޓުން އެހެން ނިންމަވާފައި އޮއްވާ، ގަވައިދުގެ އެހެން މާއްދާތަކަށް ނުބަލައި، މި [ގަރާރު] ގަވައިދަކަށް ނުފެތޭނެ،" އަފީފު ވިދާޅުވި އެވެ.

އޭނާ އެ ވިދާޅުވި ގޮތުން ނަޝީދު ވަކިކުރަން ހުށަހެޅި ގަރާރު ގަވައިދަށް ނުފެތޭ ކަމަށް ނިންމީ މަޖިލީހަށް ހުށަހަޅާ އާއްމު ގަރާރުތަކަށް ބާރުދޭ މާއްދާތަކަށް ބަލައިގެންނެވެ. އެ މާއްދާތަކުގައިވާ ގޮތުން ގަރާރެއްގައި ނަމަ ދީބާޖާ އޮންނަން ޖެހެ އެވެ.

"ގަވައިދުގައި އެބަ ބުނޭ ދީބާޖާއެއް އޮންނަން ވާނޭ. އެހެންވީމާ މަޖިލީހުގެ ގަވައިދަށް ނުފެތޭތީވެ [ގަރާރު ބޭރުކޮށްލީ]،" އަފީފު ވިދާޅުވި އެވެ.

އެގޮތަށް ނިންމެވި އިރު ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާގެ ގާނޫނީ ލަފާ ހޯއްދެވިންތޯ، "އަދަދު" އިން ސުވާލުކުރުމުން އަފީފު ވިދާޅުވީ އެކަމުގައި ލަފާ ހޯއްދަވަން ޖެހިވަޑައިނުގަންނަވާ ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި ގަރާރު ގަވައިދާ ހިލާފުކަން ގަވައިދަށް ބެލީމާ އެނގިވަޑައިގަންނަވާތީ އެވެ.