Advertisement

މަޖިލީހުގެ "ބޮޑު ޖަލްސާ" ފަށައިފި، ރިޔާސަތުގައި އަފީފު

12 ނޮވެންބަރު 2023 - 09:03 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ


މަޖިލީހުގެ "ބޮޑު ޖަލްސާ" ފަށައިފި، ރިޔާސަތުގައި އަފީފު

12 ނޮވެންބަރު 2023 - 09:03 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަަދު ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވާ ގަރާރު އެޖެންޑާކުރި ޖަލްސާތައް ނުބޭއްވިގެން އެމްޑީޕީން ފާޅުކުރި ކަންބޮޑުވުންތަކަށް ނިމުމެއް ގެނެސް، މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށައިފި އެވެ.

މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން ހުށަހެޅި ގަރާރު މީގެ ކުރިން އެތައް ފަހަރަކު އެޖެންޑާކުރި އިރު އެ ޖަލްސާތައް ނުބޭއްވުނީ އެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓެވޭނީ ހަމަ އެކަނި މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ އަށް ކަމަށް މަޖިލީހުގެ އިދާރާއިން ނިންމުމުންނެވެ. މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާއާއާއި ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ގަވައިދު އެގޮތަށް މާނަކުރެއްވި އިރު ނައިބު ރައީސް އީވާއަށް ޖަލްސާތަކަށް ވަޑައިނުގެންނެވުނީ އާލާސްކަންފުޅާ އުޅުއްވުމުންނެވެ.

އެ ކަން ހައްލުކުރަން އެމްޑީޕީން ސުޕްރީމްކޯޓަށް ހުށަހެޅި މައްސަަލަ އެ ކޯޓުން ނިންމީ އެމްޑީޕީން އެދުނު ގޮތަށް ގަވައިދު މާނަކޮށްދީފަ އެވެ. ސުޕްރީމްކޯޓުގެ ހުކުމުގައިވާ ގޮތުން ނައިބުރައީސަށް ހާޒިރުވެވަޑައި ނުގެންނެވިއްޖެ ނަމަ ރިޔާސަތު ބަލަހައްޓަވަން މަޖިލީހުން ކަނޑައަޅާފައިވާ މެމްބަރުންނަށް ވެސް މިފަދަ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓެވޭނެ އެވެ.

އެގޮތަށް ނިންމީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މިއަދުގެ ޖަލްސާ ފެށުމާ އެކު މެދު ހެންވޭރު ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެމްބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަލީ އާޒިމް ނިޒާމާ ބެހޭ ނުކުތާއެއް ކަމަށް ވިދާޅުވެ ފުރުސަތު ހޯއްދަވައިގެން ސުވާލުކުރެެއްވީ މިއަދަށް ހުށަހަޅާފައި އޮތީ ކުއްލި މައްސަލައެއްތޯ، މައްސަލައެއްތޯ ނުވަތަ ގަރާރެއްތޯ އެވެ.

ރިޔާސަތުން އަފީފު ވިދާޅުވީ ހުށަހަޅާފައި އޮތީ ގަރާރެއް ކަމަށެވެ.

އެ ހިސާބުން ނިޒާމާ ބެހޭ ނުކުތާއެއް ކަމަށް ވިދާޅުވެ، ދެވަނަ ފަހަރަށް ފުރުސަތު ހޯއްދަވައިގެން އާޒިމް ވިދާޅުވީ އެ ގަރާރު ހުށަހަޅާފައި އޮތީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށެވެ.