Advertisement

ޖުމްހޫރީ ދުވަހާ ގުޅިގެން މޯދީގެ ތަހުނިޔާ؛ ދެއްވީ ގުޅިގެން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން

11 ނޮވެންބަރު 2023 - 18:04 0

އަމަން ހަލީމް

އަމަން ހަލީމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ: ސޯލިހު ސަރުކާރުން ވަނީ އިންޑިއާ ސަރުކާރާ ގާތް ގުޅުމެއް ބާއްވާފައި -- ފޮޓޯ/ރައީސް އޮފީސް


ޖުމްހޫރީ ދުވަހާ ގުޅިގެން މޯދީގެ ތަހުނިޔާ؛ ދެއްވީ ގުޅިގެން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން

11 ނޮވެންބަރު 2023 - 18:04 0

ރާއްޖެ އާއި އިންޑިއާ ރައްޔިތުންގެ ކުރިއެރުމަށްޓަކައި، ދެ ގައުމުގެ ގުޅިގެން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ 55 ވަނަ ޖުމްހޫރި ދުވަހުގެ މުނާސަބަތުގައި އިންޑިއާ ހައިކޮމިޝަން މެދުވެރިކޮށް ފޮނުވި މެސެޖެއްގައި މޯދީ މިހެން ވިދާޅުވެފައި މިވަނީ، އަންނަން އޮތް ސަރުކާރަށް އިންޑިއާއިން އެއްބާރުލުން ނުދީފާނެ ކަމުގެ ނުތަނަވަސްކަން ކޮންމެވެސް ވަރަކަށް އޮތް ދަނޑިވަޅެއްގަ އެވެ.

އެގޮތުން މޯދީ ވިދާޅުވީ، ދެ ގައުމުގެ ދެމެދު އުފެދިފައިވާ ގާތް ގުޅުމަކީ ތާރީހާއި ސަގާފަތުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ. އަދި އިންޑިއާގެ "ނައިބާހުޑް ފަސްޓް" ސިޔާސަތުގައި ރާއްޖެއަކީ ހާއްސަ މަގާމެއް ލިބިފައިވާ ގައުމެއް ކަމަށާއި، ސަރަހައްދީ ސަލާމަތާއި ކުރިއެރުމުގެ ތަސައްވުރު ކަމުގައިވާ "ސެކިއުރިޓީ އެންޑް ގްރޯތް ފޯ އޯލް އިން ދަ ރީޖަން" (އެސްއޭޖީއޭއާރް) ގާއިމްކޮށްދިނުމުގައި އިސްދައުރެއް އަދާ ގައުމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖެއާ ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަމާ އެކީ، މޯޑީ ވަނީ މުސްތަގުބަލުގައި ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ކުރިިއަރާނެ ކަމުގައި ގަބޫލު ކުރައްވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

އަންނަން އޮތް ސަރުކާރަށް އިންޑިއާ ސަރުކާރުން އެއްބާރުލުން ލިބޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާއިރު، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އިންޑިއާ ސިފައިން ބޭލުމުގެ ކަންކަމުގައި އިސްކުރާނީ މަޝްވަރާ ކަމަށް މިއަދު ވިދާޅުވެފަ އެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު މިހެން ވިދާޅުވީ އިންޑިއާ ސިފައިން ބޭލުމަކީ މަގުމަތިން ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވަމުންނެވެ. އަދި ރިޔާސީ ކެމްޕެއިންގެ ތެރޭގައި ވައުދުވެވަޑައިގެންނެވި ފަދައިން އިންޑިއާ ސިފައިން ފޮނުވާލާނެ ކަމަށާއި، އެކަމަށް އިންޑިއާ ސަރުކާރުގެ ފުރިހަަމަ އެއްބާރުލުން ލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.