Advertisement

ދައުލަތުގެ އާމްދަނީ 28 ބިލިއަނަށް، ޓެކުހުން އެކަނި 20 ބިލިއަން

12 ނޮވެންބަރު 2023 - 17:25 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


ދައުލަތުގެ އާމްދަނީ 28 ބިލިއަނަށް، ޓެކުހުން އެކަނި 20 ބިލިއަން

12 ނޮވެންބަރު 2023 - 17:25 0

މި އަހަރުގެ މިހާތަަނަށް ދައުލަތަށް 28 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓްގައިވާ ގޮތުން މިމަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް 28 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އާމްދަނީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދައުލަތަށް އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ ޓެކުހުންނެވެ. އެގޮތުން ޓެކުހުން އެކަނިވެސް 20.4 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަން ރެކޯޑުތަކުން އެނގެ އެވެ.

ހިސާބުތަކުން ފެންނަ ގޮތުގައި މިއަހަރު ދައުލަތަށް އާމްދަނީ އެންމެ ބޮޑަށް އިތުރުވީ ޖީއެސްޓީ އާއި ޓީޖީއެސްޓީ އިންނެވެ.

މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ވަނީ ބޮޑުކޮށްފަ އެވެ. މިބަދަލާއެކު މިހާތަނަށް ޖީއެސްޓީން ލިބުނު ޖުމްލަ އާމްދަނީ 10.9 ބިލިއަން ރުފިޔާ އަށް އަރައެވެ. އެއީ ޓީޖީއެސްޓީން ލިބުނު 7.1 ބިލިއަން ރުފިޔާ އާއި އާންމު ޖީއެސްޓީން ލިބުނު 3.7 ބިލިއަން ރުފިޔާ އެވެ.

ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ބިޒްނަސް ޕްރޮޕަޓީ ޓެކުހުންނެވެ. އެއީ 4.9 ބިލިއަން ރުފިޔާ އެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ޓެކްސް ނޫން އެހެން ގޮތްގޮތުން މިހާތަނަށް 7.1 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި 484 މިލިއަން ރުފިޔާ އަދި ކެޕިޓަލް ރިސިޕްޓްއަށް 4.8 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިނިސްޓްރީން ލަފާކުރާ ގޮތުގައި މިއަހަރު ދައުލަތުގެ އާމްދަނީއަށް ޖުމުލަ 32 ބިލިއަން ރުފިޔާ ލިބޭނެ އެވެ. އޭގެ ތެރެއިން ޖީއެސްޓީއާއި ޓީޖީއެސްޓީން 13.2 ބިިލިއަން ރުފިޔާ ލިބޭނެ ކަމަށް މިނިސްޓްރީން ލަފާކުރެ އެވެ. އެއީ މިދިޔަ އަހަރު ޖީއެސްޓީއާއި ޓީޖީއެސްޓީން ލިބުނު އާމްދަނީއަށްވުރެ 3.6 ބިލިއަން އިތުރު އަދަދެކެވެ.