Advertisement

ވޯލްޑްކަޕް 2026 ގައި ކުޅޭނަންތޯ އެހުމުން މެސީ ދިނީ "ފިނި ޖަވާބެއް"

11 ނޮވެންބަރު 2023 - 10:34 0


ވޯލްޑްކަޕް 2026 ގައި ކުޅޭނަންތޯ އެހުމުން މެސީ ދިނީ "ފިނި ޖަވާބެއް"

11 ނޮވެންބަރު 2023 - 10:34 0

ފްލޮރިޑާ (ނޮވެމްބަރު 9) - 2026ގެ ފީފާ ވޯލްޑްކަޕްގައި ކުޅުމާ ގުޅޭގޮތުން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ފިނި ޖަވާބެއް ދީފި އެވެ.

މެސީގެ ކެޕްޓަންކަމުގެ ދަށުން އާޖެންޓީނާއިން ވަނީ 2022ގެ ވޯލްޑްްކަޕް ކާމިޔާބުކޮށްފަ އެވެ. ގަތަރު ގައި އޮތް މުބާރާތް އާޖެންޓީނާ އިން ކާމިޔާބުކުރީ ޕެނަލްޓީގައި ފްރާންސް ބަލިކޮށްގެންނެވެ.

އެންމެ ފަހުގެ ބެލޮންޑިއޯ ކާމިޔާބުކުރި ކުޅުންތެރިޔާ އަންނަ އަހަރުގެ ވޯލްޑްކަޕްގައި ކުޅުމަކީ އާޖެންޓީނާގެ ސަޕޯޓަރުންގެ އެދުމެކެވެ. މިކަމާ ގުޅޭގޮތުން މެސީ މިއަހަރުގެ ކުރީކޮޅު ބުނެފައި 2026 ގެ ވޯލްޑްކަޕްގައި އޭނާ ނުކުޅޭނެކަމަށެވެ.

ދާދި ފަހުން ނޫސްވެރިން މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން މެސީ ބުނީ އޭނާގެ އުމުރަށް ބަލާއިރު އަންނަ ވޯލްޑްކަޕްގައި ކުޅުމަކީ އުނދަގޫކަމެއްކަމަށެވެ. ނަމަވެސް ނުކުޅޭނެކަމުގެ ޔަގީން ޖަވާބެއް މިފަހަރު އޭނާ ނުދެ އެވެ.

"2026 ގައި އަހަރެންގެ އުމުރަށް ބަލާއިރު އުނދަގޫކަމަކަށްވާނެ. އެކަމަކު ހިނގާ ދޯ ބަލަމާ ވާގޮތެއް" ފްރާންސްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި މެސީ ބުންޏެވެ.

އަންނަ ވޯލްޑް ކަޕް ބާއްވާއިރު މެސީއަށް 39 އަހަރު ވާނެ އެވެ. އޭނާ މިހާރު ކުޅެމުން އަންނަނީ އެމެރިކާ ލީގުގެ ކުލަބު އިންޓަ މަޔާމީ އަށެވެ. މެސީ އެކުލަބަށް ބަދަލުވީ ކެރިއަރުގެ ފަހުކޮޅު އާއިލާއަށް އިސްކަންދިނުމުގެ މަގުސަދުގަ އެވެ.

އިންޓަ މިއާމީއާއިއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2025 ގަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެމެރިކާގެ ފުޓްބޯޅަ ހިންގުމުގައި އިސްކޮށް އުޅޭ ފަރާތްތަކުން ބޭނުންވަނީ މެސީ ކޮންޓްރެކްޓް އާކުރުމެވެ. އަދި 2026ގެ ވޯލްޑްކަޕްގައި މެސީ ކުޅުމަށް އޭނާއަށް ރައްކާތެރިކަންދޭންވެސް އެމެރިކާ ލީގުން އޮތީ ތައްޔާރަށެވެ.