Advertisement

އާރަށް ޝަރީއަތް ދިޔަ ގޮތް ސާފުކުރަން ތިން ގަޑިއިރުގެ ދިގު އަޑުއެހުމެއް؛ ފަނޑިޔާރުންގެ ސުވާލުތައް އަދި ނުނިމޭ

9 ނޮވެންބަރު 2023 - 18:44 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


އާރަށް ޝަރީއަތް ދިޔަ ގޮތް ސާފުކުރަން ތިން ގަޑިއިރުގެ ދިގު އަޑުއެހުމެއް؛ ފަނޑިޔާރުންގެ ސުވާލުތައް އަދި ނުނިމޭ

9 ނޮވެންބަރު 2023 - 18:44 0

އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ހިންގި ޝަރީއަތް ދިޔަ ގޮތް ސާފު ކުރުމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ ހުރި ސުވާލުތައް ކުރުމަށް މިއަދު ހަތަރު ގަޑިއިރުގެ ދިގު އަޑުއެހުމެއް ގެންދިޔުމަށް ފަހު، އަދި ސުވާލުތައް ނުނިމޭ ކަން އިއުލާންކޮށްފި އެވެ.

އެ މުއާމަލާތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން 1.1 މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމުގެ ތުހުމަތުގައި އުފުލި ދައުވާތައް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އަދަބެއްގެ ގޮތުގައި ކްރިމިނަލް ކޯޓުން އިއްވީ 11 އަހަރުގެ ޖަލު ހުކުމެކެވެ. އަދި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ހުކުމެކެވެ.

މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވެ އެވެ. އޭނާ ތިން އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.

އެ ހުކުމް ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި އެ ދެ ފަރާތަށާއި ދައުލަތުން ހުށަހަޅަން ހުރި އަދި ވާހަކަ ދައްކަން ބޭނުންވާ ނުކުތާތައް ފާހަގަކޮށް ވާހަކަ ދެއްކުމަށް ފުރުސަތު ދީފައިވެ އެވެ.

މިއަދު ހައި ކޯޓުގައި އޮތް އަޑުއެހުމުގައި ގެންގޮސްފައިވަނީ ފަނޑިޔާރުންގެ ފަރާތުން ސާފު ކުރަން ބޭނުންވާ ކަންކަން ސާފު ކުރުމެވެ. އިސްތިއުނާފީ މަރުހަލާގައި، ދަށު ކޯޓުގައި ޝަރީއަތް ހިނގައިދިޔަ ގޮތް މަތީ މަރުހަލާ ކޯޓުގެ ފަނޑިޔާރުން ސާފު ކުރުމަކީ އާއްމު އިޖުރާއަތެވެ.

ހައި ކޯޓުގައި މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޝަފީއުގެ އިތުރަށް، ފަނޑިޔާރު ހުޒައިފާ މުހައްމަދާއި، ފަނޑިޔާރު މުހައްމަދު ސަލީމެވެ.

އިސްތިއުނާފީ ނުކުތާތަކާއި ދައުލަތުގެ ނުކުތާތަކުގެ އިތުރުން ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިނގައިދިޔަ ގޮތާ ގުޅޭ ގޮތުން ފަނޑިޔާރުންގެ ގިނަ ސުވާލުތަކެއް އަމާޒުކުރެއްވި އެވެ.

ފަނޑިޔާރުންގެ ފުރަތަމަ ސުވާލުތައް އަމާޒުކުރެއްވި ކަމަކީ އިސްތިއުނާފީ ނުކުތާތަކުގެ ތެރެއިން ދައުލަތުން އެއްބަސްވެފައިވާ ނުކުތާތަކާ ގުޅޭ ގޮތުންނެވެ. އޭގެ ތެރޭގައި ޔާމީނަށް ބައެއް ހައްގުތައް ކަށަވަރުކޮށްދިނުމާއި ކްރިމިނަލް ކޯޓުގައި ފަނޑިޔާރު ހައްދަވާފައިވާ ގޯހެއް ވެސް ހިމެނެ އެވެ.

ފަނޑިޔާރު ހައްދަވާފައިވާ ގޯހަކީ ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓުގައި ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ހިމެނޭ ބަޔާނެއް ފާހަގަ ކުރުމެވެ. ނަމަވެސް އެ ގޯހުގެ ސަބަބުން ދަށު ކޯޓުގެ ހުކުމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ.

ދަށު ކޯޓުގައި ހިނގައިދިޔަ ބައެއް ކަންކަމަށް ވެސް ފަނޑިޔާރުން ސުވާލު އަމާޒު ކުރެއްވި އެވެ. އެއް ކަމަކީ ހުރިހާ ހަސްމެއްގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ބަލައިނުގަތުމުގެ ނިންމުމެވެ. އެ ފުރުސަތު ދޭން ވާނެ ކަމަށް އިސްތިއުނާފުކުރާ ދެ ފަރާތުން ވެސް ދެކެ އެވެ. ދައުލަތުން ދެކެނީ ދިން ފުރުސަތުގެ ބޭނުން ނުހިފުނީ، ހުރިހާ ފަރާތެއްގެ ފަރުވާ ކުޑަ ކަމުގެ ސަބަބުންނެވެ.

އެ ފަހަރު ކަން ހިނގައިދިޔަ ގޮތަކީ މާނަ ކުރުމުގެ ހަމަތަކުގެ ގާނޫނުގައި ބަޔާންކުރާ ގޮތަށް މުއްދަތު ގުނާނެ ކަމަށް ފަނޑިޔާރު ވިދާޅުވި ނަމަވެސް ހަސްމުން ދެކިގެން ތިބީ ރަސްމީ ބަންދު ދުވަސްތައް ނުހިމަނާ މުއްދަތު ގުނާނެ ކަމަށެވެ. ގާނޫނަށް ބަލާނަމަ، ރަސްމީ ބަންދު ދުވަސްތައް ހިމެނިގެން މުއްދަތު ހިނގާނެ އެވެ.

ވަރަށް ދިގުކޮށް ގެންދިޔަ އަޑުއެހުމުގައި ދެ ފަހަރު މަތިން އަޑުއެހުން މެދުކަނޑާލި އެވެ. ހުސްވަގުތު ކޮޅަކަށް މެދުކަނޑާލުމުގެ ވިސްނުމުގައި ފުރަތަމަ މެދުކަނޑާލީ 30 މިނެޓުގެ ވަގުތު ކޮޅަކަށެވެ. ދެން މެދުކަނޑާލީ 15 މިނެޓުގެ ވަގުތު ކޮޅަށެވެ.

މެންދުރު 2:00 ޖަހާއިރު ފެށި އަޑުއެހުން ނިންމާލީ އިރުއޮއްސި 6:00 ޖަހަނިކޮށެވެ. އަޑުއެހުން ނިންމާލައްވަމުން، ރިޔާސަތުން އިއުލާން ކުރެއްވީ ސުވާލުތައް އަދިވެސް ނުނިމޭތީ އިތުރު އަޑުއެހުމެއް ބާއްވަވާނެ ކަމަށެވެ.

އާރަށް މައްސަލައިގެ ފަސްފަހަތް

ދައުލަތުން ކުރާ ދައުވާގައިވާ ގޮތުން ވ. އާރަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރީ އޮގަސްޓް 9، 2015 ގަ އެވެ. ޔޫސުފް ނައީމްގެ 99 ޕަސަންޓު ހިއްސާ އޮންނަ ގޮތަށް ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފެއްދީ އޮގަސްޓް 13، 2015 ގަ އެވެ.

ސެޕްޓެމްބަރު 8، 2015 ގައި ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ 99 ޕަސަންޓު ހިއްސާ އެލްއޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްއަށް ވިއްކާލީ ކަމުގަ އެވެ.

ސެޕްޓެމްބަރު 9، 2015 ގައި އެމްއެމްޕީއާރުސީން ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ވ. އާރަށް ހަވާލުކުރިއިރު އެލްއޭއިން އެމްއެމްޕީއާރުސީއަށް ރަށުގެ ލީޒް އެކުއިޒިޝަން ކޮސްޓްއަށް އެއް މިލިއަން ޑޮލަރު އަދި ޔޫސުފް ނައީމަށް ވެސް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ.

ސެޕްޓެމްބަރު 13، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓަށް އެ ފައިސާ ޖަމާވުމުން ސެޕްޓެމްބަރު 15، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓުން ޔާމީނަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ. އޭގެ ދެ ދުވަސް ފަހުން އެ ފައިސާ އެޗްއެސްބީސީގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.

ޔާމީނާއި ޔޫސުފް ނައީމް ވެސް މި ދައުވާތަކަށް އިންކާރު ކުރައްވަ އެވެ. ޔާމީނާއި ޔޫސުފް ނައީމް ވެސް ވިދާޅުވާ ގޮތުން އެ ދެ މީހުންގެ ދެމެދުގައި ހިނގާފައިވާ ކަމަށް ދައުލަތުން ބުނާ މުއާމަލާތަކީ ދިވެހި ރުފިޔާއިން ޑޮލަރު ގަތް މުއާމަލާތެކެވެ.

އަދި އާރަށް ކުއްޔަށް ދޫކުރުމުގައި ހިނގީ ވަކި އެހެން މުއާމަލާތެއް ކަމަށެވެ. އަދި ހިޔާނާތުގެ އެއްވެސް އަމަލެއް ހިންގަވާފައި ނުވާނެ ކަމަށެވެ.