9 ނޮވެންބަރު 2023 - 18:13 0
މުހައްމަދު ނަސީމް
އިންތިހާބީ ރައީސް ޑރ.،މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތްކުރެއްވި ދުވަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަރިހުގައި. ފޮޓޯ: މަޖިލީހުގެ އިދާރާ
9 ނޮވެންބަރު 2023 - 18:13 0
ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރަން ހުށަހަަޅާފައިވާ ގަރާރުގެ މަސައްކަތް ނުނިމެނީސް މަޖިލީހުގައި އެހެން މަސައްކަތެއް ނުކުރެވޭނެ ކަމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީން ބުނަމުން އައި ނަމަވެސް އެގޮތަށް އެކަން ނުވާނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުން ކަނޑައަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ރ) ގައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހުގެ ޖަލްސާއަކަށް ހުށަހަޅާފައި ވަނިކޮށް، އެގަރާރުގެ މަސައްކަތް ނުނިމެނީ އެހެން އެއްވެސް ކަމަކާ މެދު ބަހުސްކޮށް ގޮތެއް ނުނިންމޭނެ ކަމަށެވެ.
އެމްޑީޕީން މިހައިތަނަށް އެކަން މާނަކުރަމުން އައި ގޮތުން އިންތިހާބީ ރަައީސް ޑރ.މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ޖަލްސާއަަށް ވެސް ފުރަތަމަ ހުށަހަޅަން ޖެހޭނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރެވެ.
ނަޝީދު ވަކިކުރުމުގެ ގަރާރުގެ މަސައްކަތް ކުރިއަށް ގެންދާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމަ އެކަނި ނައިބު ރައީސް އީވާއަށް ކަމަށް މަޖިލީހުގެ އިދާރާއިން މާނަކުރާތީ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިއަދު ނިންމީ އެ ޕާޓީއާ އެއްކޮޅަށެވެ.
އެހެން ނަމަވެސް އެ ހުކުމުގައިވާ ގޮތުން ނަޝީދު ވަކިކުރުމުގެ މައްސަލަ ނުނިމި އޮތަސް ގާނޫނު އަސާސީން ލާޒިމުކުރާ އެހެން ކަންތައްތައް މަޖިލީހުގައި ކުރެވޭނެ އެވެ. އާ ރައީސް ހުވާކުރައްވާ ޖަލްސާ އަކީ އެފަދަ ކަމެކެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް އެޖެންޑާކުރެވޭ ގަރާރު ހުށަހަަޅައި ބަހުސްކުރުމަށް ތާވަލުކުރެވޭ އެއްވެސް ޖަލްސާއެއް ލަސްކުރަން ޖެހޭ ޒަރޫރަތްތެރި ހާލަތެއް މެދުވެރިވި ނަމަވެސް ގާނޫނުއަސާސީންނާއި ގާނޫނުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ލާޒިމުކުރާ އެހެން ކަންކަން ކުރަން އެއްވެސް ހުރަހެއް ނެތް ކަމަށް މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅަން،" ސުޕްރީމް ކޯޓުގެ ހުކުމުގައި ވެ އެވެ.
އިންތިހާބީ ރައީސް ޑރ. މުއިއްޒު ހުވާ ކުރައްވާ ޖަލްސާ އޮންނާނީ ނޮވެމްބަރު 17, ގަ އެވެ. އެ ޖަލްސާގެ ތައްޔާރީތައް މަޖިލިސް އިދާރާއިން އަންނަނީ ވަމުންނެވެ. އޭގެ އިތުރުން, އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި ސަޕްލިމެންޓަރީ ބަޖެޓު ވެސް އޮތީ މަޖިލިސް ކޯޅުމުގެ ތެރޭގައި ހުއްޓިފަ އެވެ.
Comment