Advertisement

މިފްކޯއިން މަސްވެރިންނަށް ނުދީ ހުރި ފައިސާގެ އަދަދު 155 މިލިއަނަށް

9 ނޮވެންބަރު 2023 - 12:06 0

އަމަން ހަލީމް

އަމަން ހަލީމް

ގދ. ފަރެސްމާތޮޑާ މިފްކޯގެ މަސް ކިރާ ދޯންޏަކަށް މަސް ކިރުވަނީ: މި ދުވަސްކޮޅު އުތުރާއި ދެކުނަށް ވެސް މަސްވެރިކަން ރަނގަޅު -- ފޮޓޯ/މިރާޝް ނާޝިމް


މިފްކޯއިން މަސްވެރިންނަށް ނުދީ ހުރި ފައިސާގެ އަދަދު 155 މިލިއަނަށް

9 ނޮވެންބަރު 2023 - 12:06 0

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން އިއްޔެގެ ނިޔަލަށް 155 މިލިއަން ރުފިޔާ ނުދީވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިފްކޯއިން މަސްވެރިންނަށް ދޫކުރަން ޖެހޭ ފައިސާގެ މައްސަލަ ބޮޑުވީ، ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލާ ގުޅިގެން ކަނޑު މަސް ގަންނަ ރޭޓު ކިލޯއަކަށް 25ރ. އަށް މަތިކުރުމުންނެވެ. އޭގެ ކުރިން އެ ކުންފުނިން މަސް ގަންނަމުން ދިޔައީ ކިލޯއެއް 17ރ. އަށެވެ.

މަސް ގަންނަ އަގު މަތިކުރުމާ ގުޅިގެން، މިހާރު ވެސް މާލީ ފިއްތުންތައް ގިނަ، މިފްކޯއަށް މަސްވެރިން ކިރާ މަހަށް އެކަށީގެންވާ އަވަސް މިނެއްގައި ފައިސާ ދިނުމުގައި ދަތިތަކާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ.

'އަދަދު' ނޫހުން އެދިގެން މިފްކޯއިން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުގައި ޕެންޑިން ބިލުތައް ނުވަތަ މިހާތަނަށް ފައިސާ ނުދެއްކި ވަނީ މިދިޔަ މަހުގެ 12 އިން ފެށިގެން ހުރި ބިލުތަކަށެވެ. މިގޮތަށް ހުރި ބިލުތަކަށްވާ ފައިސާ ހަފުތާއިން ހަފުތާއަށް ދައްކައި ހަލާސްކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

މިފްކޯއިން ބުނި ގޮތުގައި އާންމުކޮށް މަސްވެރިންނަށް ފައިސާ ޖަމާކޮށްދެނީ ހަފުތާގެ އާދިއްތަ ދުވަހެވެ. އަދި މަސް ގަންނަ ރޭޓު މަތިކުރި ފަހުން މަސްވެރިންނަށް 144 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވެ އެވެ.

މަސްވެރިންނަށް ދޭން ޖެހޭ ފައިސާތަައް ހުރި ނަމަވެސް، މިފްކޯއިން ވަނީ މަސް ގަންނަ އަގަށް ގެނައި ބަދަލު މުރާޖައާ ކުރަން ނުވިސްނާ ކަމަށެވެ. ސަބަބަކީ ޔޫރަޕަށް އެކްސްޕޯޓުކުރާ މަހުން ނަގާ 22 ޕަސެންޓު ޑިއުޓީ ކަނޑާލާނެކަމާ މެދު ސަރުކާރަށް ލިބިފައިވާ ޔަގީންކަމެވެ.

މިފްކޯއިން ވަނީ މިހައިތަނަށް މަސް ކިރައި އަގު ނުދެވި ހުރި ހުރިހާ ފައިސާއެއް މަސްވެރިންނަށް ދައްކައި ހަލާސްކުރާނެ ކަމަށް ބުނެފަ އެވެ.

ފައިސާ ދިނުމުގައި މިފްކޯއަށް ދަތިވެގެން އުޅޭ އަނެއް ސަބަބަކީ ރޭޓު މަތި ކުރި ދުވަސްވަރާ މަސްވެރިކަން ރަނގަޅު ދުވަސްވަރަކާ އިއްތިފާގުވުމެވެ. އެގޮތުން އެވްރެޖުކޮށް ދުވާލަކު 450 ޓަނަށް ވުރެ ގިނަ މަސް ގަންނަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.