Advertisement

އިންޑިއާއިން ފަންޑުކޮށްގެން ރާއްޖޭގައި ހިންގާ މަޝްރޫއުތަކާ މެދު ކަންބޮޑުވުމެއް ނެތް: އިންޑިއާ އެގްޒިމް ބޭންކް

9 ނޮވެންބަރު 2023 - 11:58 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދަނީ. މިއީ ވެސް އެ ބޭންކުގެ ލޯނު ނަގައިގެން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުއެއް --- ފޮޓޯ: އަދަދު ފައިލް


އިންޑިއާއިން ފަންޑުކޮށްގެން ރާއްޖޭގައި ހިންގާ މަޝްރޫއުތަކާ މެދު ކަންބޮޑުވުމެއް ނެތް: އިންޑިއާ އެގްޒިމް ބޭންކް

9 ނޮވެންބަރު 2023 - 11:58 0

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އާ މެދު ގާތްގުޅުމެއް ބާއްވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެހެންކަމުން އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫއުތަކާ މެދު ކަންބޮޑުވުންތަކެއް ނެތް ކަމަށް އިންޑިއާގެ އެގްޒިމް ބޭންކުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ރަމޭޝް ވިދާޅުވެއްޖެ އެވެ.

އިންޑިއާ ސަރުކާރުގެ ހިއްސާ އޮންނަ އިންޑިއަން އެގްޒިމް ބޭންކުން އަންނަނީ އިންޑިއާގެ އަވަށްޓެރި ގައުމުތަކަށް ލައިންސް އޮފް ކްރެޑިޓް ފޯރުކޮށްދީ އިންފްރާސްޓްރަކްޗާ އާއި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ރާއްޖޭގައި ވެސް ގިނަ މަޝްރޫއުތަކެއް ދަނީ ހިންގަމުންނެވެ.

އޭގެ ތެރޭގައި ހަނިމާދޫ އާއި އައްޑޫ އެއާޕޯޓު ތަރައްގީކުރުމާއި، ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ ނަމުގައި ހަދާ ތިލަމާލެ ބްރިޖު މަޝްރޫއާއި ގުޅީފަޅުގެ ބަނދަރު ތަރައްގީކުރުން ހިމެނެ އެވެ. މި މަޝްރޫއުތަކަށް އެގްޒިމް ބޭންކުން ގާތްގަނޑަކަށް 1.4 ބިލިއަން ޑޮލަރު ފަންޑުކުރެ އެވެ.

އިންޑިއާގެ އިކޮނޮމިކް ޓައިމްސް އަށް އެގްޒިމް ބޭންކުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ރަމޭޝް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި ސަރުކާރު ބަދަލުވި ކަމުގައިވިޔަސް އެ މަޝްރޫއުތަކަށް އެއްވެސް ބަދަލެއް އަންނާނެ ކަމަށް ގަބޫލުނުކުރެވެ އެވެ.

“އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އާ ސަރުކާރުގެ ނިންމުންތައް ވަރަށް ބުއްދިވެރިވާނެ. އަޅުގަނޑުމެން މި ތާއީދު ކުރަނީ (ގައުމުގެ) ތަރައްގީއަށް. މިހާރުވެސް މަޝްރޫއުތައް ކުރިއަށްދާގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށް އަޅުގަނޑުގެ އުންމީދު ވަރަށް ބޮޑު. އެހެންވީމާ މިވަގުތު އަޅުގަނޑުގެ ވަކި ކަންބޮޑުވުމެއް ނެތް އެގޮތަށް ފާހަގަކުރަން" އޭނޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރު ނިމުމަކަށް އައި ކަމުގައިވިޔަސް އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ.

އެގްޒިމް ބޭންކުގެ ކްރެޑިޓް ލައިންގެ ގައިޑް ލައިނުގައި ވާގޮތުން އެ ބޭންކުން ފަންޑު ކުރާ މަޝްރޫއުތަކަށް ބޭނުންވާ ސާމާނާއި ހިދުމަތުގެ 75 ޕަަސެންޓު ސޯސްކުރަންޖެހޭނީ އިންޑިއާ އިންނެވެ.