Advertisement

ފެކްޓް ޗެކް: އެއާޕޯޓަށް ބޭނުންވާ ފައިސާ ހަމަޖެއްސީ ސޯލިހު ސަރުކާރުން

9 ނޮވެންބަރު 2023 - 10:25 4

އަމަން ހަލީމް

އަމަން ހަލީމް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް: ކުރިން މި މަޝްރޫއު ނިންމަން އޮތީ 2025ގައި އެކަމަކު އަންނަން އޮތް ސަރުކާރުން ބޭނުންވަނީ އަންނަ އަހަރުގެ ޕީކް ސީޒަންގެ ކުރިން ނިންމާލަން -- ފޮޓޯ/އަބްދުﷲ އިޔާން


ފެކްޓް ޗެކް: އެއާޕޯޓަށް ބޭނުންވާ ފައިސާ ހަމަޖެއްސީ ސޯލިހު ސަރުކާރުން

9 ނޮވެންބަރު 2023 - 10:25 4

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެކްސްޕެންޝަން ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ޔޫއޭއީގެ އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓު (އޭޑީއެފްޑީ)ން ހަމަޖެއްސީ މި ސަރުކާރުން ކަން 'އަދަދު'އަށް އެނގިއްޖެ އެވެ.

މި ނޫހަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އެއާޕޯޓު މަޝްރޫއަށް ބޭނުންވާ ފައިނޭންސިން ހަމަޖެއްސުމުގެ މަޝްވަރާތައް މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން ޑޯނަރުންނާ އެކީ ކުރަމުން އައިސްފައިވެ އެވެ. މި ބައްދަލުވުންތަކުގައި ދިވެހި ސަރުކާރާއި ވެލާނާ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ބައިވެރިވި އެވެ.

މިގޮތަށް ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ވެލޭނާ އެއާޕޯޓު މަޝްރޫއަށް ފަންޑު ކުރާ މިދިޔަ މެއި މަހު ވެސް ބައްދަލުވުންތަކެއް ބޭއްވި އެވެ. މި ބައްދަލުވުުންތަކުގައި މަޝްވަރާ ކުރެވުނީ އެއާޕޯޓުގެ މަސައްކަތްތައް ނިންމާލަން ބޭނުންވާ 240 މިލިއަން ޑޮލަރު ހަމަޖެއްސުމާ ގުޅޭ ގޮތުންނެވެ. އެގޮތުން މިއީ އިގުތިސޯދީ ގޮތުން ރާއްޖެއަށް މުހިންމު މަޝްރޫއެއް ކަން ފާހަގަކުރަމުން، އިތުރު ލަސްތަކެއް ނައިސް މަޝްރޫއު ނިންމަން ދިވެހި ސަރުކާރުން ހުށަހެޅީ:

  • މަޝްރޫއުގެ ޖީއެސްޓީއަށް ދައްކަން ޖެހޭ 40 މިލިއަން ޑޮލަރު ސަރުކާރުން ހަރަދު ކުރުން
  • ބޭނުން ޖެހިއްޖެ ހާލަތެއްގައި އިތުރު 40 މިލިއަން ޑޮލަރު ވެސް ސަރުކާރުން ހަރަދު ކުރުން
  • ޖީއެސްޓީ ނުލައި މަޝްރޫއަށް ބޭނުންވާ 200 މިލިއަން ޑޮލަރުގެ ތެރެއިން ބައެއް އޭޑީއެފްޑީން ފަންޑު ކޮށްދިނުން

ޑޯނަރުންނާ އެކީ ކުރެވުނު މަޝްވަރާތަކުން ލިބުނު ފެހި ސިގްނަލާ އެކި ސަރުކާރުން އޭޑީއެފްޑީގައި މަޝްރޫއަށް ބޭނުންވާ 200 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ފަންޑުކޮށްދިނުމަށެވެ. މިކަމަށް ސަރުކާރުން ރަސްމީކޮށް އެދިފައިވާ ތާރީހަކީ ޖުލައި 16 އެވެ.

ސަރުކާރަށް ދިން ޖަވާބުގައި އޭޑީއެފްޑީން އެއްބަސްވީ 80 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށެވެ.

މިކަން މިގޮތަށް ހިނގާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފަ އެވެ. އަމީރު މިހެން ވިދާޅުވީ މިފަހުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޔޫއޭއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅެއްގައި އެއާޕޯޓަށް ބޭނުންވާ ފައިސާ ހަމެޖެއްސި ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ހާމަކުރުމާ ގުޅިގެން ދެއްވި ރައްދެއްގަ އެވެ.

ވެލާނާ އެއާޕޯޓުގެ އެކްސްޕެންޝަން ނިންމަން ބޭނުންވާ ހުރިހާ ފައިސާއެއް ހަމަޖެހުނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް މަސައްކަތް ނިންމަން ބޭނުންވާ 200 މިލިއަން ޑޮލަރުގެ ތެރެއިން 100 މިލިއަން ޑޮލަރު ފޯރުކޮށްދިނީ ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓުންނެވެ. މި ފައިސާ އާއި އޭޑީއެފްޑީން ފޯރުކޮށްދިން ފައިސާއާ އެކީ ޓާމިނަލަށް ބޭނުންވާ 180 މިލިއަން ޑޮލަރު ވަނީ ހަމަޖެހިފަ އެވެ.

ޑޯނަރުންނާ އެކީ ބޭއްވި ބައްދަލުވުންތަކުގައި ސަރުކާރުން ހުށަހަޅާފައިވާ ގޮތުން ބާކީ 20 މިލިއަން އަދި ޖީއެސްޓީއަށް ދައްކަން ޖެހޭ 40 މިލިއަން ޑޮލަރާ އެކީ 60 މިލިއަން ޑޮލަރު ހަރަދު ކުރާނީ ދިވެހި ސަރުކާރުންނެވެ. މިއާ އެކީ ޓާމިނަލް އާއި އެއާޕޯޓުގެ އެކްސްޕެންޝަންގެ ދަށުން ކުރެވޭ އެހެނިހެން މަސައްކަތްތައް ނިންމަން ބޭނުންވާ ހުރިހާ ފައިސާއެއް ހަމަޖެހުނީ އެވެ.

މި ސަރުކާރުގެ ޕްލޭނުގައި އޮތީ ޓާމިނަލްގެ މަސައްކަތްތައް 2025އަށް ނިންމާލުމަށެވެ. ނަމަވެސް އަންނަން އޮތް ސަރުކާރުން ވަނީ މަޝްރޫއު މިހާރު ވެސް މާ ބޮޑަށް ލަސްވެފައިވާކަމުގެ ކަންބޮޑުވުމާއެކީ އަންނަ އަހަރުގެ ޕީކް ސީޒަން ފެށުމުގެ ކުރިން، އެއީ ނޮވެމްބަރު މަސް ފެށުމުގެ ކުރިން، ޓާމިނަލް އޮޕަރޭޝަނަށް ގެންނަން އަމާޒު ހިފާ އެ މަގަށް މަސައްކަތްތައް ރާވާނެ ކަމަށް ބުނެފަ އެވެ.