Advertisement

އެއާޕޯޓު ނިންމަން ބޭނުންވާ ފައިސާ ހޯދީ މުއިއްޒު، މި ސަރުކާރަކުންނެއް ނޫން: އަބްދުއް ރަހީމް

8 ނޮވެންބަރު 2023 - 17:51 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


އެއާޕޯޓު ނިންމަން ބޭނުންވާ ފައިސާ ހޯދީ މުއިއްޒު، މި ސަރުކާރަކުންނެއް ނޫން: އަބްދުއް ރަހީމް

8 ނޮވެންބަރު 2023 - 17:51 0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ނިންމަން ބޭނުންވާ 80 މިލިއަން ޑޮލަރު ހޯދީ މި ސަރުކާރުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވުމުން ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެކަން ދޮގުކުރައްވައިފި އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޔޫއޭއީއަށް މިދިޔަ އާދީއްތަ ދުވަހު ކުރެއްވި ނުރަސްމީ ދަތުރުފުޅުގެ ތެރެއިން ވީއައިއޭ ނިންމަން ބޭނުންވާ 80 މިލިއަން ޑޮލަރު ނުވަތަ 1.2 ބިލިއަން ރުފިޔާ ހަމަޖެހިފައިވާ ކަމަށް މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ވިދާޅުމުން ފިނޭންސް މިނިސްޓަރު އަމީރު ވަނީ އެ ފައިސާ އަކީ މާކުރިން މި ސަރުކާރުގެ މަސައްކަތުން ހަމަޖެހިފައިވާ ފައިސާ ކަމަށް ވިދާޅުވެފަ އެވެ.

އަމީރު ވިދާޅުވި ގޮތުގައި އެ ފައިސާ އަކީ ޑރ. މުއިއްޒުގެ ދަތުރުގެ މާ ކުރިން ހަމަޖެހިފައިވާ އެއްޗެކެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު ޑިސެމްބަރު ތެރޭގަައި ވެސް އަރަބި ކޯޑިނޭޝަން ގްރޫޕުގެ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސް ވީއައިއޭ ޕްރޮޖެކްޓު ނިންމަން ބޭނުންވާ ހުރިހާ ފައިސާއެއް ރޭޝިއޯއެއްގެ ދަށުން ދޭނެ ކަމުގެ ޔަގީންކަން އެ ކޯޑިނޭޝަނުން މި ސަރުކާރަށް އޮތީ ދީފަ އެވެ.

އަމީރުގެ އެ ވާހަކަތައް ދޮގުކުރައްވައި އަބްދުއްރަހީމް ވަނީ އަމީރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ސޯޝަލް މީޑިއާގައި ލިިއުއްވި ލިއުމެއްގައި އަބްދުއްރަހީމް ވިދާޅުވީ ރޯމާ ދުވާލު ރައްޔިތުންނަށް އޮޅުވާލުމަށް އެފަދަ ބޮޑެތި ދޮގުތައް ހަދާއިރު ރައްޔިތުންނަށް އޮޅުވާލުމުގެ ނަތީޖާ އަދިވެސް ނުފެންނަނީތޯ އެވެ.

އަދި ރައްޔިތުންނަށް އޮޅުވާލުމުގެ ނަތީޖާ ރިޔާސީ އިންތިހާބުގެ ނަތީޖާއިންވެސް ވަރަށް ސާފުކޮށް މި ސަރުކާރަށް ފެނިފައިވާނެ ކަމަށް ވިދާޅުވެ އޭނާ ވަނީ ވީއައީ ނިންމަން ބޭނުންވާ ފައިސާ ހަމަޖެއްސީ މުއިއްޒު ޔޫއޭއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައި ކަމަށް އެމަނިކުފާނުގެ އޮފީހުން ވިދާޅުވި ވާހަކަ ތަކުރާރު ކުރައްވާފަ އެވެ.

"އިބޫ ސޯލިހުގެ ސަރުކާރުން ހޯދި އެއްެޗެއް ނޫން. އެ ފައިސާ ހޯއްދެވީ ޑރ. މުއިއްޒު ދާދި ފަހުން ޔޫއޭއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައި ހަމަޖެއްސަވައި ދެއްވި އެހީއެއް އެއީ" އަބްދުއް ރަހީމް ވިދާޅުވި އެވެ.

އަބްދުއް ރަހީމް މިފަދައިން ވިދާޅުވި ނަމަވެސް ދައުލަތުން ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓުގެ ފައިސާ އިންތިހާބީ ރައީސްގެ އަމިއްލަ ދަތުރެއްގައި ހަމަޖެހިގެން ދިޔުމާ އެކު ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.

ވީއައިއޭގެ އާ ޕެސެންޖާ ޓާމިނަލްގެ ޑިޒައިނަށް ގެނެވުނު ބަދަލާއެކު މަސައްކަތް ނިންމުމަށް އިތުރު 200 މިލިއަން ޑޮލަރު ބޭނުންވެ އެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރު ފޯރުކޮދޭނީ ސައުދީ ފަންޑުންނެވެ. ޔޫއޭއީ ސަރުކާރުން އަބޫ ދާބީގެ ފަންޑު ފޯ ޑިވޮލެޕްމެންޓު (އޭޑީއެފްޑީ) މެދުވެރިކޮށް ހަމަޖައްސައި ދެނީ ބާކީ ބޭނުންވާ 100 މިލިއަން ޑޮލަރުގެ ތެރެއިން 80 މިލިއަން ޑޮލަރެވެ