Advertisement

އެމްޑީޕީގެ އިސްވެރިންނަށް ބޭރު ގައުމުތަކަށް ނޭރޭވަރު ކުރާނަން: ނަޝީދު

8 ނޮވެންބަރު 2023 - 15:50 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު : ވިދާޅުވީ އެމްޑީޕީގެ އިސްވެރިންނަށް ބޭރު ގައުމުތަކަށް ނޭރޭވަރު ކުރައްވާނެ ކަަމަށް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


އެމްޑީޕީގެ އިސްވެރިންނަށް ބޭރު ގައުމުތަކަށް ނޭރޭވަރު ކުރާނަން: ނަޝީދު

8 ނޮވެންބަރު 2023 - 15:50 1

އެމްޑީޕީގެ ލީޑާޝިޕުގައި ތިބި ބޭފުޅުންނަށް ބޭރުގެ ގައުމުތަކަށް ނޭރޭވަރު ކުރާނެ ކަމަށް ވިދާޅުވެ އެ ޕާޓީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޒާރެއް ދެއްވައިފި އެވެ.

ނަޝީދު މިފަދައިން ވިދާޅުވީ އެމަނިކުފާނު މިހާރު ޔޫއޭއީއަށް ވަޑައިގެން ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ 17 ވަނަ ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސް އިންތިޒާމުކުރާ ފަރާތްތަކަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު ފޮނުވި ސިޓީއަކާ ގުޅިގެން މަޖިލިސްގެ ރަސްމީ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގަ އެވެ.

"އަސްލަމް، ތިޔަ ހުރިހާ ތާކުން އެމްޑީޕީ މީހުން ވަކި ކުރާނަން، އަދި ބޭރު ގައުމު ތަކަށް ނޭރޭ ވަރު ކުރާނަން" އެ ސިޓީއަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވެފައިވެ އެވެ.

ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދަށް ބޭރު ޖަމްއިއްޔާއަކުން ލިބިލެއްވި މަގާމެއްގެ ވާހަކަ، އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް އެ ގްރޫޕުގައި ހިއްސާކުރެއްވުމުން ރައްދުގައި ނަޝީދު ލިޔުއްވާފައިވެ އެވެ.

[އެމްޑީޕީއަށް] ވެރިކަން ގެއްލުމަކީ ދެން ކުރިމަތިވާން ހުރި ކަންކަމާ އަޅާކިޔާއިރު އަދި ކުޑަ ކަމެއް

މެންބަރު އިސްމާއިލް ފޮނުއްވި ސިޓީގައި ނަޝީދު އެ ކޮންފަރެންސަށް ވަޑައިގެންނެވީ މަޖިލީހުގައި މިހާރު އޮތް އެމަނިކުފާނު ރިޔާސަތުން ވަކިކުރުމުގެ މައްސަލައަށް ފިއްލަވަން ކަމަށް ވިދާޅުވެފައިވެ އެވެ. އަދި، އެ ކޮންފަރެންސްގައި ވާހަކަ ދައްކަވާ ބޭފުޅުންގެ ލިސްޓުން ނަޝީދު އުނި ކުރެއްވުމަށް ވެސް އެދިފައިވެ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެ ސިޓީ ފޮނުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމަނިކުފާނުގެ ޅިޔަނު އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ)، އަދި އެމަނިކުފާނުގެ ކޮއްކޮ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒުގެ އެންގުމަށެވެ. އަދި އެމްޑީޕީގެ ލީޑަޝިޕުން އުޅެނީ "ކުޑަކުދިންތަކެއް އުޅޭހެން" ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ކޮންފަރެންސް ހިންގާ ފަރާތުން ޖަވާބުގައި ބުނެފައިވަނީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި، އެ ފަރާތުން ފިޔަވަޅެއް ނާޅާނެ ކަމަށް އަންގާފައިވާ ކަމަށް ވެސް ނަޝީދު ވަނީ އެ ގްރޫޕުގައި ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަ މުން ނަޝީދު ވަކިކުރުމަށް، އެމްޑީޕީއިން ދެވަނަ ފަހަރަށް ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދެވި، އެމްޑީޕީއިން މިހާރު ވަނީ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. އެ މައްސަލާގެ އަޑުއެހުންތައް މިހާރު ނިމިފައިވާއިރު ހުކުމް ކުރާނެ ދުވަހެއް އަދި އަންގާފައެއް ނުވެ އެވެ.