Advertisement

އަމީރުގެ ރައްދު: އެއާޕޯޓަށް ބޭނުންވާ 80 މިލިއަން ޑޮލަރު ހަމަޖެއްސީ މި ސަރުކާރުން، މުއިއްޒުގެ ދަތުރަކުންނެއް ނޫން

8 ނޮވެންބަރު 2023 - 14:01 28

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


އަމީރުގެ ރައްދު: އެއާޕޯޓަށް ބޭނުންވާ 80 މިލިއަން ޑޮލަރު ހަމަޖެއްސީ މި ސަރުކާރުން، މުއިއްޒުގެ ދަތުރަކުންނެއް ނޫން

8 ނޮވެންބަރު 2023 - 14:01 28

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ނިންމަން ބޭނުންވާ 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމިއްލަ ދަތުރެއްގައި ޔޫއޭއީއަށް ވަޑައިގެން ހަމަޖައްސެވި ކަމަށް ދޭހަވާ މޭރުމަކުން ފެތުރެމުންދާ ވާހަކަތައް މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްދު ދެއްވައިފި އެވެ.

އާދިއްތަ ދުވަހު ޕްރައިވެޓް ޖެޓެއްގައި ޔޫއޭއީއަށް ޑރ. މުއިއްޒު ވަޑައިގަތެވެ. ރޭގެ ވަގުތެއްގައި އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންނެވިއިރު އެ ދަތުރާގުޅޭ ތަފްސީލުތަކެއް ހާމަކޮށްފައިނުވެ އެވެ.

އެހެން ނަމަވެސް, މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިގާލީ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވަނީ އިންތިހާބީ ރައީސްގެ އަމިއްލަ ދަތުރުގެ ތެރެއިން އެ ފައިސާ ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލުތައް ދެއްވަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިރުޒުލް ދެކޮޅު ހެއްދެވި އެވެ.

އެކަމާ ގުޅިގެން "އަދަދު" ނޫހުން މިހާރުގެ ފިނޭންސް މިނިސްޓަރާ ސުވާލު ކުރުމުން އެއީ ޑރ. މުއިއްޒުގެ ދަތުރުގެ މާ ކުރިން ހަމަޖެހިފައި ހުރި ފައިސާ ކަމަށް ވިދާޅުވި އެވެ.

ވީއައިއޭގެ އާ ޕެސެންޖާ ޓާމިނަލްގެ ޑިޒައިނަށް ގެނެވުނު ބަދަލާއެކު މަސައްކަތް ނިންމުމަށް އިތުރު 200 މިލިއަން ޑޮލަރު ބޭނުންވެ އެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރު ފޯރުކޮދޭނީ ސައުދީ ފަންޑުންނެވެ.

"ވަރަށް ފަހުން ވެސް ސައުދީ ފަންޑުން އެއާޕޯޓު ނިންމަން އިތުރަށް ބޭނުންވާ 100 މިލިއަން ޑޮލަރު ވަނީ ހަމަޖައްސާފައި. އެއާޕޯޓު ތަރައްގީ ކުރަނީ އަރަބި ކޯޑިނޭޝަން ގްރޫޕުގެ ހުރިހާ މެމްބަރުން އިންވެސްޓު ކުރާ ޕްރޮޖެކްޓެއް މިއީ," އަމީރު ވިދާޅުވި އެވެ.

ޔޫއޭއީ ސަރުކާރުން އަބޫ ދާބީގެ ފަންޑު ފޯ ޑިވޮލެޕްމެންޓު (އޭޑީއެފްޑީ) މެދުވެރިކޮށް ހަމަޖައްސައި ދެނީ ބާކީ ބޭނުންވާ 100 މިލިއަން ޑޮލަރުގެ ތެރެއިން 80 މިލިއަން ޑޮލަރެވެ.

"މިއަހަރުގެ ތެރޭގައި ވެސް މިދިޔަ އަހަރުގެ ނޮވެމްބަރު ޑިސެމްބަރު ތެރޭގަައި ވެސް އަރަބި ކޯޑިނޭޝަން ގްރޫޕުގެ ބައްދަލުވުންތަކެއް ކުރިއަށް ގެންދިޔައިން. އޭގެ ތެރޭގައި ކޮމިޓްމެންޓު ދީފައި ވަނީ ޕްރޮޖެކްޓު ނިންމަން ބޭނުންވާ ހުރިހާ ފައިސާއެއް ރޭޝިއޯއެއްގެ ދަށުން ދޭން ޖެހޭ ފައިސާ ދޭނެ ކަމުގެ ޔަގީންކަން ދީފައި އޮތީ. އެގޮތަށް ހުރިހާ މެމްބަރުންނަށް ސިޓީ ވެސް ފޮނުވާފައި ވާނެ," އެކަމުގެ ތަފްސީލުތަކަށް ދަމުން އަމީރު ވިދާޅުވި އެވެ.

އެ ކޯޑިނޭޝަން ގްރޫޕުގައި ކުވެއިތު ފަންޑް، ސައޫދީ ފަންޑް، އަބޫދާބީ ސަރުކާރު އަދި އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ އިތުރުން ޔޫއެންކޭ ހިމެނެ އެވެ.

ދައުލަތުން ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓުގެ ފައިސާ އިންތިހާބީ ރައީސްގެ އަމިއްލަ ދަތުރެއްގައި ހަމަޖެހިގެން ދިޔުމާ އެކު ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. ނަމަވެސް, އެއީ އެމަނިކުފާނުގެ ދަތުރުން ހަމަޖެހުނު ފައިސާ ނޫން ކަމަށް އަމީރު ވިދާޅުވި އެވެ.

"އިންތިހާބީ ރައީސްގެ ދަތުރުފުޅުގައި އެ ނަންބަރު [80 މިލިއަން ޑޮލަރު] އެމަނިކުފާނާ ހިއްސާކުރެއްވީ. ޕްރޮޖެކްޓު ނިންމަން އިތުރަށް ބޭނުންވާ ފައިސާ ދޭނެ ކަމުގެ ޔަގީންކަން ކުރިން ވެސް ދީފައި އޮތީ. އަޅުގަނޑުމެންގެ މަސައްކަތުން ނިންމާފައި އޮތް ކަމެއް އެއީ. ހަމައެކަނި ހިއްސާކުރާނީ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާއާ," އަމީރު ވިދާޅުވި އެވެ.

ވެލާނާ އެއާޕޯޓުގެ މަޝްރޫއު 2024 ގެ ސެޕްޓެމްބަރަށް ނިންމާނެ ކަމުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ހަތަރު ފަރާތަކުން ލޯނު ނަގައިގެން ހިންގާ ގާތްގަނޑަކަށް 350 މިލިއަން ޑޮލަރު (5 ބިިލިއަން ރުފިޔާ) ގެ ބިޔަ މަޝްރޫއެކެވެ.