Advertisement

މީޑިއާތަކަށް ދައުލަތުން ބަޖެޓު ދިނުން، ރަނގަޅު ފޯމިއުލާއަކީ ކޮބާ؟

9 ނޮވެންބަރު 2023 - 08:36 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


މީޑިއާތަކަށް ދައުލަތުން ބަޖެޓު ދިނުން، ރަނގަޅު ފޯމިއުލާއަކީ ކޮބާ؟

9 ނޮވެންބަރު 2023 - 08:36 2

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ވާދަވެރި ދެ ކެންޑިޑޭޓުންގެ ވެސް ވައުދުގެ ދާއިރާ އާއި ވާ ވައުދު ގިނަ ކުރައްވަމުން ގޮސް ނޫސްވެރިންނަށް ބޮޑު ވައުދެއް ވެވަޑައިގަތެވެ. ދައުލަތުގެ ބަޖެޓުން ވަކި ޕަސެންޓެއް ދިނުމަށެވެ. ހާލަތު ނިޔާކުރި ގޮތުން އެ ވައުދު ފުއްދެވުމަށް ފުރުސަތު ތަނަވަސްވީ ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އަށެވެ.

މީޑިއާތައް ހިންގަން ފައިސާ ދޭނެ ކަމަށް މުއިއްޒު އިއުލާނު ކުރެއްވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް އދ. މަހިބަދޫއަށް ވަޑައިގެން ބޭއްވި ޖަލްސާގަ އެވެ. ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި އެ ފައިސާއެއް ނެތެވެ. އާ އަހަރުގެ ބަޖެޓު އެކުލަވާލީ އިންތިހާބީ ރައީސް ބޭނުންވާ ކަންކަން ވެސް ހިމަނައިގެންނެވެ. ނަމަވެސް އިންތިގާލީ ތަރުޖަމާނު ވިދާޅުވީ އިންތިހާބީ ރައީސްގެ ބަޖެޓު ކޮމެޓީއަށް ލިބުނީ ވަރަށް "ހަނި ޖާގައެއް" ކަމަށެވެ.

އާ ސަރުކާރުން މި ފައިސާ ބަޖެޓުކުރާއިރު ވިސްނަންޖެހޭ ކަންތައްތައް އެބަ ހުއްޓެވެ.

މާލީ އެހީދޭނެ ފޯމިއުލާ

ރާއްޖޭގައި ނޫސް، މަޖައްލާގެ ގޮތުގައި 100 އަށްވުރެ ގިނަ މީޑިއާތައް ރަޖިސްޓްރީކޮށްފައިވެ އެވެ. އޭގެތެރޭގައި އެކި ފަންތީގެ ނޫސްތައް ހިމެނެ އެވެ. ބައެއް ނޫސްތަކަކީ ވަކި މަގުސަދެއްގައި ވަކި ކަމަކަށް އެކަނި ހާއްސަކޮށްގެން ހިންގާ ނޫސްތަކެވެ. އޭގެތެރޭގައި ގަވާއިދުން ނުހިންގާ ނޫސްތަކާއި މުވައްޒަފުން ނުލައި އެކަނިމާއެކަނި އެންމެ މީހަކު ހިންގާ ނޫސްތައް ވެސް ހިމެނެ އެވެ.

އެހެންވެ، ދައުލަތުގެ ބަޖެޓުން ފައިސާ ދޭން ނިންމާ ނަމަ އެކަން ކުރާންޖެހޭނީ ވަކި އުސޫލެއް ހަދައިގެން ވަރަށް ރޭވުންތެރިކަމާއެކު ކަމަށް ނޫސްވެރިން ދެކެ އެވެ.

ދައުރު ނޫހުގެ މެނޭޖިން އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ ނޫސްތަކަށް ސްޕޮންސަޝިޕު ދިނުމުގައި ގިންތި ކުރުމުގެ ވިސްނުމެއް ކުންފުނިތަކުން މިހާރު ނުގެންގުޅޭ ކަމަށެވެ. ނަމަވެސް ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ނަމަ ރަނގަޅު އުސޫލެއްގެ ދަށުން މީޑިއާތައް ގިންތި ކުރަންޖެހޭ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

"މިސާލަކަށް ދަންނަވާ ކަމަށް ވަންޏާ އެމީހުންގެ ފިޒިކަލް އޮފީހެއް ހުރުން، އެމީހުންގެ [މީޑިއާތަކުގެ] ޕޭރޯލް ބޭންކު ތެރެއިން ދިއުން، މީރާއަށް ޖީއެސްޓީ ޕޭ ކުރުން، ޕެންޝަން ޕޭ ކުރުން، މި ދެންނެވީ އެ ހަމަޖައްސާ އުސޫލު ތެރެއަށް ނުފެތޭކަމަށް ވަންޏާ އެ ބަޔަކަށް ފައިސާ ދޭކަށް ލާޒިމެއް ނޫން،" ޒާހިރު ވިދާޅުވި އެވެ.

ޒާހިރުގެ އެ ވާހަކަތަކާއި މިހާރު ނޫހުގެ އެޑިޓަރު، އިސްމާއިލް ނަސީރު ވެސް އެއްބަސްވެލައްވަ އެވެ. އިސްމާއިލް ވިދާޅުވީ އެފަދަ މަސައްކަތެއް ކުރަންޏާ ކުރަންވާނީ ވަރަށް ބޮޑު ދިރާސާއެއް ހަދައިގެން ކަމަށާއި މީޑިއާތައް ގިންތި ކުރުމުގެ ރަނގަޅު އުސޫލެއް އެކުލަވައިލައި މީޑިއާތަކަށް ދޭ ފައިސާގެ އަދަދު ވެސް ތަފާތު ވާންޖެހޭނެ ކަމަށެވެ.

"[ފައިސާ ދިނުމުގައި] ހަމަހަމަ އުސޫލަކަށް ދިއުމަށްވުރެ ބޮޑަށް އޮންނަން ޖެހޭ ކަންނޭނގެ އުސޫލެއް، ވަރަށް ބޮޑު ސާވޭތަކެއް ވަރަށް ބޮޑު ރިސާޗެއް ހަދައިގެން ފައިސާ ޑިސްޓުރިބިއުޓު ކުރަންޖެހޭނީ،" އިސްމާއިލް ވިދާޅުވި އެވެ.

ރާއްޖޭގައި ހިންގާ ނޫސްތައް ޒިންމާދާރު ބެލެނިވެރި ފަރާތަކުން ގިންތި ކުރުމަށްފަހު ފައިސާ ދޫކުރުން އެންމެ ރަނގަޅު ކަމަށް ފެންނަނީ އެ ނޫހެއްގެ ގިންތިއަށް ބެލުމަށްފަހު ކަމަށް އެ ދެ ބޭފުޅުން ވެސް އެއްބަސްވެލައްވާއިރު، ޒާހިރު ވިދާޅުވީ ނޫސްތައް ގިންތި ކުރަންޖެހޭނީ ނޫސްތަކުގެ މަސައްކަތް ރަނގަޅަށް ބަލައި ދިރާސާ ކުރުމަށްފަހު ކަމަށެވެ. އެގޮތުން ގޫގުލް އެނެލެޓިކްސް މެދުވެރިކޮށްވިޔަސް ނޫސް ކިޔާފައި ތިބޭ މީހުންގެ އަދަދާއި ހަބަރުތައް ހުންނަނީ ކޮޕީކޮށްފައިތޯ އާއި އަދިވެސް އެނޫން ގޮތް ގޮތުން ބަލަންޖެހޭ ކަމަށް ޒާހިރު ވިދާޅުވި އެވެ.

"ވިއްސަކަށް ތިރީހަކަށް މުވައްޒަފުން ލައިގެން ހިންގާ ނޫހަކާއި ދެ މީހަކު ވެގެން ހިންގާ ބުލޮގަކާ ތަފާތު ކުރެވެން ޖެހޭނެ،" ޒާހިރު ވިދާޅުވި އެވެ.

ނަމަވެސް އެކަމުގައި އިސްމާއިލްގެ ހިޔާލު މުޅިއަކުން ޒާހިރުއާ އެއްގޮތެއް ނޫނެވެ. އިސްމާއިލް ދެކިލައްވާ ގޮތުގައި ނޫސްތައް ގިންތި ކުރުމަށް ނޫސް ކިޔާ މީހުންގެ އަދަދު ބެލުން އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ސަބަބަކަށް ވަނީ ޒިންމާދާރުކަން ކުޑަކޮށް ނޫސްވެރިކަން ކުރާ ބައެއް ނޫސްތަކަށް ވެސް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުވުން ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

"މީހުން ކިޔާ ހިތްވާ ކަހަލަ ތަންކޮޅެއް ނޭދެވޭ އެއްޗެހި ޖެހީމަ ވެސް ނުވަތަ ތަންކޮޅެއް ސެންސިޓިވް ކޮންޓެންޓު ޖެހީމަ ވެސް ކިޔާ މީހުން އިތުރުވެދާނެ، އެކަމަކު އެކަހަލަ ނޫހަކަށް ރީޑާޝިޕު ރަނގަޅުވިއްޔޭ ކިޔާފައި [ފައިސާ ގިނައިން] ދިނުން އެއީ ވެސް ރަނގަޅު ގޮތެއް ނޫން،" އިސްމާއިލް ވިދާޅުވި އެވެ.

ޖުމުލަ ގޮތެއްގައި އެ ދެ ބޭފުޅުންގެ ވާހަކައިގެ މައިގަނޑަކީ މީޑިއާތަކަށް ފައިސާ ދިނުމުގައި މީޑިއާތައް ގިންތި ކުރުމުގެ މަސައްކަތް ކުރާންޖެހޭ ކަމެވެ.

ރަނގަޅު ބަދަލަކަށް ވެދާނެތަ؟

ޒަމާނުއްސުރެ މީޑިއާތައް ސަރުކާރުން ދޭ ފައިސާއަށް ބަރޯސާވެ އެވެ. ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި މީޑިއާތަކަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ދާއިރާއަކީ ސަރުކާރުގެ އިއުލާނާއި އިސްތިހާރެވެ. އެކަން ހުއްޓިގެން ދިޔައީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެން ސަރުކާރުގެ ގެޒެޓު ނެރެން ފެށުމެވެ.

އާ ގާނޫނު އަސާސީ އާއި ހުޅުވިގެން ދިޔަ ޑިމޮކްރަސީއާއެކު އަމިއްލަ މީޑިއާތައް ގިނަވެ، ރާއްޖޭގެ ބައެއް މަހުޖަނުން ވެސް މީޑިއާތައް ހިންގަން ފެށިއެވެ. އެންމެ މީހަކު ނުވަތަ ދެ މީހަކު ވެގެން ހިންގާ ނޫސްތައް ވެސް ގިނަ ވެއްޖެ އެވެ.

އެއްބަޔަކު ގަބޫލުކުރާ ގޮތުގައި މިނިވަންކަމާއެކު މީޑިއާތައް ހިންގުމަށް ރާއްޖޭގައި އޮންނަ ބޮޑު އެއް ގޮންޖެހުމަކީ ސަރުކާރުގެ ކުންފުނިތަކުގެ އިސްތިހާރަށް ބަރޯސާވުމެވެ. އެހެންވެ ދައުލަތުން މީޑިއާތަކަށް ފައިސާގެ އެހީއެއް ދޭން ފަށައިފި ނަމަ އެއީ ޒިންމާދާރުކޮށް ނޫސްވެރިކަން ކުރަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ވެސް ފަހި ފުރުސަތަކަށް ވާނެ ކަމަށް ބައެއް ނޫސްވެރިން ވެސް ގަބޫލުކުރެ އެވެ.

ނަމަވެސް ދައުލަތުން ފައިސާ ދީގެން މީޑިއާތައް ހިންގަން ފެށުމުން ސަރުކާރުގެ ނުފޫޒު މީޑިއާތަކުގެ މައްޗަށް އޮންނާނެތޯ، ނުވަތަ ނޫންތޯ އެއީ ސުވާލެކެވެ. އެކަމާ ގުޅޭ ގޮތުން ޒާހިރު ވިދާޅުވީ، މިހާރުވެސް މީޑިއާތަކުގެ މައްޗަށް ނުފޫޒު އޮންނަ ކަމަށާއި އެ ނުފޫޒު ފޯރުވެނީ ސަރުކާރުގެ އެސްއޯއީތައް މެދުވެރިކޮށް ސްޕޮންސަޝިޕު ދީފައި ހުންނާތީ ކަމަށެވެ. ދައުލަތުން ފައިސާ ދޭން ފަށައިފި ނަމަ، މިހާރަށް ވުރެ މީޑިއާތަކުގެ މައްޗަށް އޮންނަ ނުފޫޒު ކުޑަވާނެ ކަމަށް އޭނާ ދެކިލައްވަ އެވެ.

"މިހާރު އޮންނަ ނުފޫޒަށްވުރެ ވަކި ބޮޑު ނުފޫޒެއް ނާންނާނެ، ކުޑަ ނުފޫޒެއް އަންނާނީ، މިހާރުވެސް އޮންނަ ނުފޫޒު ވަކި ކުޑައެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އެކަމުގައި އިސްމާއިލް ވެސް ޒާހިރުއާ އެއްބަހެވެ. އިސްމާއިލް ވިދާޅުވީ ދައުލަތުން ބަޖެޓު ދިނުމާއި ސަރުކާރުން ފައިސާ ދިނުމާ ތަފާތު ކަމަށެވެ. ދައުލަތުން ފައިސާ ދީގެން މިނިވަން ކަމާއެކު މިހާރުވެސް ހިންގާ މުއައްސަސާތައް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"ދައުލަތުން ތާ ކައުންސިލްތަކަށް ވެސް އެދެނީ، ދައުލަތުން ތާ މަޖިލިސް މެންބަރުންނަށް ވެސް އެދެނީ ޕާޓީތަކަށް ވެސް އެދެނީ، އެކަމަކު ހަމަ އިންޑިޕެންޑެންޓުކޮށް ހިނގާ ތަންތަން ހަމަ ރާއްޖޭގައި އިންޑިޕެންޑެންޓުކޮށް އެބަ ހިނގާ ތާ، ދައުލަތުން ދޭ އެއްޗަކީ ސަރުކާރުން ދޭ އެއްޗެއް ނޫންތާ،" އިސްމާއިލް ވިދާޅުވި އެވެ.

މީޑިއާތަކަށް ދައުލަތުން ފައިސާ ދޭން ފެށުމާއެކު ދެން ފެންނާނެ އަނެއް ހެޔޮ ބަދަލަކީ ދޮގު ހަބަރު ފެތުރުން ހުއްޓުމާއި ޒިންމާދާރު ނޫސްވެރިކަމެއް ކުރަން ފެށުން ކަމަށް ޒާހިރު ގަބޫލު ކުރައްވަ އެވެ. އޭގެ ސަބަބެއްގެ ގޮތުގައި އޭނާ ދެއްކެވީ ކުރިން ވެސް ފާހަގަ ކުރި ފަދައިން، ރަނގަޅު ބެލެނެވެރި ފަރާތަކުން އެމީހުންގެ ކަންތައްތައް ހަރުދަނާ ގޮތެއްގައި ބަލަހައްޓަމުން ގެންދިއުމެވެ.

"މީޑިއާތަކުން ވެސް އެކައުންޓެބަލް ވާންޖެހޭނެ، މިސާލަކަށް އެމީހުންނަށް ދައުލަތުން ދޭ ފައިސާއަކީ ޓެކުސް ފައިސާ. އެ ނެގުމާއެކުގައި އެމީހުން ޖަވާބުދާރީ ކުރެވޭނެ ގޮތަކަށް ރެގިއުލޭޓަރީ ބޮޑީއެއްގެ ތެރެއިން އެކަން ކުރެވެންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ޒާހިރު ވިދާޅުވި އެވެ.

މިހާރު ކަންކަން ހިނގާ ގޮތަށް އަލި އަޅުވާލައި ޒާހިރު ވިދާޅުވީ ރަނގަޅު އުސޫލެއްގެ ތެރެއިން މީޑިއާތައް ގުރޭޑު ކުރެވެން ފެށުމާއެކު ވީހާވެސް ދެފުށް ފެންނަ ގޮތަށް ތެދުވެރިކަމާއެކު ހަބަރުތައް ގެންނަން ހުރިހާ މީޑިއާއަކުން ވެސް މަސައްކަތް ކުރާނެ ކަމަށެވެ.

"ޓެކްސް ޕޭޔަރުންގެ ފައިސާ މީޑިއާތަކުން ބޭނުން ކުރާ ކަމަށް ވަންޏާ އެމީހުންގެ ޒިންމާއެއް އޮންނާނެ ހަބަރުތައް ތެދުވެރިކޮށް ގެނައުމަށް، ދެފަރާތް ފެންނަ ގޮތަށް،" ޒާހިރު ވިދާޅުވި އެވެ.

މީގެ 91 އަހަރު ކުރިން ރާއްޖޭގައި ފުރަތަމަ އެކުލަވައިލެވުނު ގާނޫނު އަސާސީގެ ދަށުން ލިޔުންތެރިކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ލިބުނުފަހުން މިއަދާ ހަމައަށް ކުރި ދަތުރުގައި އެތައް ކަނޑެއްގައި ނޫސްވެރިން ފަތައިފި އެވެ. މިއަދާ ހަމައަށް އައިއިރު، މީޑިއާތަކަށް އާންމުންގެ ފަރާތުން ކުރާ ތުހުމަތުތައް ވެސް ގިނަ އެވެ. ވިކިފައި ތިބި ނޫސްވެރިންގެ ބޯޑު އެއްބައެއްގެ ކަރުގައި އަޅުވާއިރު، އަނެއް ބައެއްގެ ބޮލުގައި އެޅިފައި އޮންނަނީ ދޮގު ހެދުމާއި ފިތުނަ އުފެއްދުމުގެ އިލްޒާމެވެ.

މީޑިއާތަކުން ކުރާ މަސައްކަތެއްގެ މައްޗަށް ބިނާކޮށް ދައުލަތުން ފައިސާ ދޭ ފަދަ އުސޫލެއް އެކުލަވާލައިފި ނަމަ އެ ހުރިހާ ތުހުމަތަކުން ނޫސްވެރިން ނެއްޓި ޒިންމާދާރު ނޫސްވެރިކަމެއް ފެނިގެން ދާނެ ކަމަށް ސީނިއާ ބައެއް ނޫސްވެރިން ގަބޫލު ކުރެ އެވެ. ނަމަވެސް އެކަން ކުރަންޖެހޭނީ ވަކި އުސޫލުތަކެއްގެ ދަށުން ކަމަށް ވެސް އިއްތިފާގުވެ އެވެ.

ނޫހަކީ ވެސް ވިޔަފާރި އެކެވެ. ލުއިތަކެއް ދިނުން މައްސަލައެއް ނޫނެވެ. ނަމަވެސް ޒަމާނުއްސުރެ މި އޮންނަ ދައުލަތަށް ބަރޯސާވުމުގެ ވިސްނުން ދޫކޮށްލައި، ވިޔަފާރީގެ މޮޑެލްތައް އުފަންކޮށްގެން އާމްދަނީ ހޯދުމުގެ ވިސްނުން ނޫސްތަކުން ނެރެންޖެހެ އެވެ. ނޫނީ އެ ބުނާ "މިނިވަންކަން" އޮންނާނީ ދުރުގަ އެވެ. މިހުރިހާ ބަހުސެއް މި ވަގުތު ނޫސްވެރިން ކުރުން މުހިންމެވެ.