6 ނޮވެންބަރު 2023 - 14:20 0
މާޒިޔާގެ ކޯޗު މިލޯ ނޫސްވެރިންނާ ވާހަކަދައްކަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
6 ނޮވެންބަރު 2023 - 14:20 0
ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް މެދު ކަނޑާލުމަކީ އޭއެފްސީ ކަޕުގައި މާޒިޔާއިން ހޯދަން ބޭނުންވާ ނަތީޖާއަށް އަސަރުކުރާ ކަމެއްގެ ގޮތުގައި އެ ކްލަބްގެ ކޯޗު މިލޯމިރް ސެސިލިއާ (މިލޯ) ސިފަކޮށްފި އެވެ.
އޭއެފްސީ ކަޕްގައި މާޒިޔާ އާއި އިންޑިއާގެ އޮޑިޝާ ވާދަކުރާއިރު، ލީގުގެ ކުޅުން އަލުން ފެށޭނެ ދުވަހެއް އަދިވެސް ނޭނގެ އެވެ. އޭއެފްސީ ކަޕްގައި މިދިޔަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ބަޝުންދަރައާ ދެކޮޅަށް މާޒިޔާ ފެށި ފަހުން މުބާރާތުގެ ހަތަރު ވަނަ މެޗަށް އެ ޓީމު ނުކުންނަނީ ލޯކަލް ލީގުގެ މެޗެއް ނުކުޅެ އެވެ. މިއީ މާދަމާގެ މެޗަށް ނުކުންނައިރުވެސް ކޯޗު މިލޯގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.
"ރަނގަޅު މެޗު ލިބިގެން މިވަރުގެ ވަރުގަދަ މުބާރާތަކަށް ތައްޔާރުވެވޭނީ، އޮޑިސާއިން އަހަރުންނާ ދެކޮޅަށް މީގެ 11 ދުވަސް ކުރިން ކުޅުނު މެޗަށްފަހު ތިން މެޗު ކުޅެފި،" މިލޯ ބުންޏެވެ.
މާޒިޔާގެ ކޯޗު މިލޯ ބުނީ އޭއެފްސީ ކަޕްގައި މާޒިޔާ ވާދަކުރާއިރު އެޓީމަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. މިގޮތުން ބޭނުންވާ ނަތީޖާ ނެރުމުގައި އެންމެ ބޮޑު އަސަރެއް ކުރާ އެއް ސަބަބުގެ ގޮތުގައި އޭނާ ސިފަކުރީ ލީގު މެދު ކަނޑާލާފައި އޮތުމެވެ.
އޭނާ ބުނީ ލީގު މެދުކަނޑާލާފައި އޮތުމުން އޭގެ އަސަރު ގައުމީ ޓީމަށްވެސް ވަރަށް ބޮޑަށްކުރި ކަމަށެވެ. އަދި ގައުމީ ޓީމަށް ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު ދެ މެޗުން ބަލިވުމަކީ އެކަމުގެ އަސަރު މާޒިޔާއަށް ވެސް ކުރޭކަމެއްކަމަށް އޭނާ ބުންޏެވެ.
"އެ ދެ މެޗުންވެސް އަހަރުމެން މޮޅެއް ނުވޭ. ވަރަށް ބައިވަރު ޗާންސް ލިބުނު. ރާއްޖެ މޮޅުވާން ހައްގު ދެ މެޗު އެއީ. އެކަމަކު އެ މެޗުން ބަލިވީމަ އެކަމުގެ ސަބަބުން ސައިކޮލޮޖިކަލީވެސް އަސަރުކުރާނެ ކުޅުންތެރިންނަށް. އޭގެ އަސަރު ފެނުނު އޭއެފްސީ ކަޕް މެޗުގައި،" ކޯޗު ބުންޏެވެ.
ކޯޗު މިލޯ ބުނީ އޮޑިޝާ އަކީ މާޒިޔާއަށް ބަލިނުކުރެވޭ ވަރުގެ ޓީމެއް ނޫންކަމަށާއި، ރަނގަޅު ފޯކަސްގައި ނުކުމެއްޖެ ނަމަ ކާމިޔާބު ހޯދޭނެކަމަށެވެ. މާޒިޔާއަށް ދެ މެޗު ގެއްލިފައި އޮތް ނަމަވެސް ކުރިއަށް އޮތް ތިން މެޗު ކާމިޔާބުކޮށްގެން ކުރިއަށްދިޔުމުގެ ފުރުސަތު އެބައޮތް ކަމަށާއި، ޓީމު އޮތީ އުއްމީދާއިއެކު ކަމަށް މިލޯ ބުންޏެވެ.
Comment