Advertisement

އިޒްރޭލުގެ ހަމަލާތަކުގައި މަރުވި އދ. ގެ އޮފިޝަލުންގެ އަދަދު 88 އަށް

6 ނޮވެންބަރު 2023 - 10:09 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ގާޒާގައި މަސައްކަތް ކުރާ އދ. ގެ އޮފިޝަލަކު އޭނާގެ އާއިލާ މެންބަރެއްގެ ޖަނާޒާގައި ބައިވެރިވަނީ - ފޮޓޯ: ރޮއިޓާސް


އިޒްރޭލުގެ ހަމަލާތަކުގައި މަރުވި އދ. ގެ އޮފިޝަލުންގެ އަދަދު 88 އަށް

6 ނޮވެންބަރު 2023 - 10:09 0

އިޒްރޭލުން ފަލަސްތީނުގައި ކުރިއަށް ގެންދާ ގަތުލުއާއްމުގައި މަރުވި އދ. ގެ އޮފިޝަލުންގެ އަދަދު 88 އަށް އަރައިފި އެވެ.

އެ ޖަމާއަތުން ބުނާ ގޮތުގައި މިއީ އެއް ހަމަލާތަކެއްގައި އެ ޖަމްއިއްޔާގެ އެންމެ ގިނަ އޮފިޝަލުން މަރުވި ފަހަރެވެ. ނަމަވެސް، އިޒްރޭލުގެ ހަމަލާތައް ކުށްވެރިކޮށް ހަމަލާތައް ހުއްޓުވުމަށް އދ. ވަނީ ނުކުޅެދިފަ އެވެ.

އެ ޖަމާއަތުގެ ސަލާމަތީ ކައުންސިލަށް ހަމަލާތައް ހުއްޓުވަން އެދި ރަޝިއާ އަދި ބްރެޒިލް އިން ހުށަހެޅި ދެ ގަރާރުވެސް އެމެރިކާއިން ވަނީ ވީޓޯ ކޮށްފަ އެވެ.

އެއަށްފަހު ރާއްޖެ ހިމެނޭހެން އަރަބި އަދި އިސްލާމީ ގައުމުތަކުން ހަމަލާތައް ހުއްޓުވުމަށް އެދި އާއްމު މަޖިލީހަށް ހުށަހެޅި ގަރާރު ފާސްވި ނަމަވެސް އެ ގަރާރަށް އަމަލު ނުކުރާނެ ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ. ނަމަވެސް އިތުރަށް އިޒްރޭލާ ދެކޮޅަށް އެޅުނު ފިޔަވަޅެއް ނެތެވެ. 'ހަރުކަށި އިބާރާތުން ކުށްވެރިކުރުން' ފިޔަވާ އެހެން ކަމެއް ނުކުރެވޭ އިރު ނެރޭ ބަޔާންތަކުގައި އިޒްރޭލުގެ ނަން ގަންނަންވެސް ދުނިޔޭގެ އަމަން ގާއިމުކުރާ ޖަމާއަތަށް ވަނީ ނުކެރިފަ އެވެ.

"މިވަގުތު ގާޒާއަށް ބޭނުންވަނީ ހަމަލާތައް ހުއްޓާލާ ވަގުތުން ވަގުތަށް އިންސާނީ އެހީ ފޯރުކޮށްދިނުން، މިހާރު 30 ދުވަސް ވެއްޖެ،" އދ. ގެ އެކި ގޮފިތައް ގުޅިގެން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އިޒްރޭލުގެ ހަމަލާތައް ވަނީ ގާޒާގައި ހުންނަ އދ. އިން ހިންގާ ސްކޫލުތަކާއި އެ ޖަމާއަތުގެ އެހީގެ ގުދަންތަކަށްވެސް ވަނީ އަމާޒުވެފަ އެވެ.

ހަމަލާތައް ދޭން ފެށިތާ މަހެއް ވެފައިވާއިރު އިޒްރޭލުން ގާޒާ އަދި ހުޅަނގު އައްސޭރީގައި ޝަހީދު ކޮށްލި މީހުންގެ އަދަދު 9500 އަށްވުރެ މައްޗަށް ވަނީ އަރައިފަ އެވެ. ހަމާސްގެ ހަމަލާތަކުގައި އިޒްރޭލުގެ 1400 އަށްވުރެ ގިނަ މީހުން ވަނީ މަރާލައިފަ އެވެ.

އިޒްރޭލުން އުތުރު ގާޒާއަށް އެއްގަމު މަގުން ވަނުމަށް މަސައްކަތް ކުރަމުންދާއިރު، އިޒްރޭލުގެ ވައިގެ ހަމަލާތައް ވަނީ ހޮސްޕިޓަލުތަކަށާއި ސްކޫލުތައް އަދި މިސްކިތްތަކާއި ރެފިއުޖީ ކޭމްޕުތަކުގެ އިތުރުން ފައްޅިތަކަށް ވެސް އަމާޒުވެފަ އެވެ.