Advertisement

ފިއޮރެންޓީނާ އަތުން ޔުވެންޓަސް އަށް އުނދަގޫ މޮޅެއް

6 ނޮވެންބަރު 2023 - 10:07 0


ފިއޮރެންޓީނާ އަތުން ޔުވެންޓަސް އަށް އުނދަގޫ މޮޅެއް

6 ނޮވެންބަރު 2023 - 10:07 0

ފިރެންޒޭ (ނޮވެމްބަރު 6) - އިޓާލިއަން ސެރީއާގައި ފިއޮރެންޓީނާ އަތުން ހޯދި މޮޅާ އެކު ލީގުގެ ދެ ވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ޔުވެންޓަސް އިން ނަގައިފި އެވެ.

އިޓަލީ ލީގުގެ އެންމެ ކާމިޔާބު ޓީމްތަކުގެ ތެރޭގައި ހިމެނޭ ޔުވެންޓަސް ރޭ ފިއޮރެންޓީނާ އަތުން މޮޅުވީ 1-0 އިންނެވެ. މި މޮޅާ އެކު އެޓީމަށް ވަނީ 11 މެޗުން 26 ޕޮއިންޓް ލިބިފަ އެވެ. ޔުވެންޓަސް ލީގުގައި އެންމެ މެޗަކުން ބަލިވެފައިވާއިރު، އެޓީމާ ގާތުން ތިން ވަނައިގައި ވާދަކުރާ އޭސީ މިލާނަށް ލިބިފައިވަނީ 22 ޕޮއިންޓެވެ. ލީގުގެ އެއް ވަނައިގައި އޮތީ 28 ޕޮއިންޓް ހޯދާފައިވާ އިންޓަ މިލާން އެވެ.

ފިއޮރެންޓީނާގެ ދަނޑުގައި ކުޅުނު މި މެޗުގައި ޔުވެންޓަސް އަށް ގޯލެއް ޖަހަން މާ ގިނަ ފުރުސަތުތަކެއް ނުހޯދެ އެވެ. 90 މިނެޓުގެ ތެރޭގައި އެޓީމުން އުފެއްދި ހަމައެކަނި ހަމަލާއަކީ މެޗުގެ 10 ވަނަ މިނެޓުގައި ފިލިޕް ކޮސްޓިޗް ނަގައިދިން ހުރަހަކުން ފަބިއޯ މިރެޓީ ޖެހި ގޯލެވެ. މިއީ އުމުރުން އަށް އަހަރުން ފެށިގެން ޔުވެންޓަސްގެ އެކަޑެމީތަކުން ތަމްރީންވަމުން އައިސް ސީނިއާ ޓީމަށް ކުޅެ އޭނާ ޖެހި ފުރަތަމަ ގޯލެވެ.

މި ގޯލަށްފަހު ފިއޮރެންޓީނާ އިން ގިނަ ފުރުސަތުތަކެއް ހޯދި ނަމަވެސް ޔުވެންޓަސްގެ ގޯލުގައި ހުރި ވޮޒްޝިއޭ ޝެޒްނީ ވަނީ ދިފާއުކޮށްފަ އެވެ.

ރޭގެ މޮޅަކީ ޔުވެންޓަސް ލީގުގައި ޖެހިޖެހިގެން ހޯދި ހަތަރުވަނަ މޮޅެވެ. އަނެއްކޮޅުން މިއީ ލީގުގެ ކުރީކޮޅު ރަނގަޅު ކުޅުމެއް ދައްކަމުން އައި ފިއޮރެންޓީނާ ޖެހިޖެހިގެން ލީގުގައި ބަލިވި ތިންވަނަ މެޗެވެ.

ފިއޮރެންޓީނާ އޮތީ އޮތީ 11 މެޗުން ހޯދި 17 ޕޮއިންޓާއިއެކު ލީގުގެ އަށް ވަނައިގަ އެވެ.