Advertisement

ގުޅުން ގާއިމްނުކުރީ، އަދި ނުކުރާނީ އިޒްރޭލާ އެކަނި: ޝާހިދު

6 ނޮވެންބަރު 2023 - 08:46 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު : ވިދާޅުވީ މިހާރު ރާއްޖެއާއެކު ގުޅުންނެތީ އިޒްރޭލާއެކު، ސަބަބަކީ ގުޅުން ގާއިމުކުރަން ބޭނުން ނުވާތީ ކަމަށް - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ގުޅުން ގާއިމްނުކުރީ، އަދި ނުކުރާނީ އިޒްރޭލާ އެކަނި: ޝާހިދު

6 ނޮވެންބަރު 2023 - 08:46 0

ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ރާއްޖެއާއެކު މިހާރު ގުޅުން ގާއިމުނުކުރެވި އޮތް ހަމައެކަނި ގައުމަކީ އިޒްރޭލު ކަމަށާއި އިޒްރޭލާއެކު ގުޅުން ގާއިމުނުކުރީ އެކަން ކުރަން ބޭނުންނުވާތީ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

"އަދަދު" ގެ "އެތެރެފުށް" ޕްރޮގްރާމުގައި ޝާހިދު ވިދާޅުވީ ކުރީ ސަރުކާރުން ބައިނަލްއަގުވާމީ މުޖުތަމައާއެކު އޮތް ގުޅުން ހީނަރުކޮށްގައި ވަނިކޮށް، ގުޅުންތައް ރަނގަޅުކޮށް މި ސަރުކާރުން ވަނީ އޭރު ގުޅުން ކަނޑާލި ގައުމުތަކާއި ޖަމާއަތްތަކާއެ އަލުން ގުޅުން ގާއިމުކޮށްފައި ކަމަށެވެ.

"އަޅުގަނޑު މިހިސާބަތް އާދެވުނުއިރު، ގަތަރާ ގުޅުން ގާއިމުކޮށްފިން، އީރާނާ ގުޅުން ގާއިމުކޮށްފިން، ކުރިން ދެންނެވިހެން ކޮމަންވެލްތާއެކު އަލުން ގުޅުން ގާއިމުކުރިން"

"އަޅުގަނޑުމެންނާ މިހާރު ގުޅުމެއް ނޯންނާނީ އެންމެ ގައުމަކާ، ގުޅުން ނުވެސް ބާއްވާނެވެސް އޮންނާނީ އެންމެ ގައުމެއް، އެއީ އިޒްރޭލު، އިޒްރޭލާއެކު ގުޅުން ބަދަހިކުރާކަށްވެސް އަޅުގަނޑުމެން މަސައްކަތެއް ނުކުރާނަން، އަޅުގަނޑުމެން އެމީހުންނާއެކު އެއްވެސް ގުޅުމެއްވެސް ނޯންނާނެ، އެހެންނަމަވެސް ދުނިޔޭގަ ދެން ހުރި އެހެން ގައުމުތައް، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ގުޅުން ބަދަހިކުރަން"

މި ސަރުކާރުގެ ހާރިޖީ އެންމެ ބޮޑު އެއް ކާމިޔާބީގެ ގޮތުގައި ސިފަކުރާ އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތުވެސް ބެލެހެއްޓެވި ޝާހިދު ވިދާޅުވީ، ގައުމުތަކާއެކު ގުޅުން ގާއިމުކުރުމުގައި ބޮޑަށް އަހައްމިއްޔަތުކަން ދެނީ އިސްލާމީ ގައުމުތަކާއި މި ސަރަހައްދުގެ ގައުމުތަކާއެކު ކަމަށެވެ.

ކުރީގެ ސަރުކާރުން ގެންގުޅުނު ހާރިޖީ ގުޅުންތަކަށް ފާޑުވިދާޅުވެ. ޝާހިދު ވަނީ ދާހިލީ ކަންކަމުގެ ތެރެއަށް ވަންނަކަމުގެ ތުހުމަތުކޮށް ކޮމަންވެލްތުން ވަކިވުމާއި ގަތަރާއި އީރާނާއެކު ގުޅުން ކަނޑާލުންފަދަ ކަންކަން ފާހަގަކުރައްވާފަ އެވެ.

"އަޅުގަނޑުމެންނަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ދިމާލަކީ ޔޫރަޕިއަން ޔޫނިއަން، ޔޫރަޕިއަން ޔޫނިއަންއާ ދިމާލަށްވެސް ހިތުހުރިހާ އެއްޗެއް ކިޔަމުން ގެންދިޔައީ"

ޝާހިދު ވިދާޅުވީ އެފަދަ ހާލަތެއްގައި އޮތް ހާރިޖީ ގުޅުންތައް މި ސަރުކާރުން ކުރި ބުރަ މަސައްކަތުން އަލުން ގާއިމުކޮށް ހަރުދަނާ ކުރެވިފައިވާ ކަމަށެވެ.