Advertisement

އެމްޑީޕީން ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލައަށް ޑިމޮކްރެޓްސްއިން ތަދައްހުލް ވުމާމެދު ގޮތެއް ނިންމަން ކައުންސިލް ބައްދަލުވުމެއް ފަށައިފި

5 ނޮވެންބަރު 2023 - 17:39 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޑިމޮކްރެޓްސްގެ ވަގުތީ ކައުންސިލުން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން : ނަޝީދު މައްސަލާގައި ޑިމޮކްރެޓްސްއިން ތަދައްހުލް ވުމާމެދު ގޮތެއް ނިންމުމަށް ބާއްވާ ކައުންސިލް ބައްދަލުވުން މިހާރު ވަނީ ފަށާފަ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


އެމްޑީޕީން ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލައަށް ޑިމޮކްރެޓްސްއިން ތަދައްހުލް ވުމާމެދު ގޮތެއް ނިންމަން ކައުންސިލް ބައްދަލުވުމެއް ފަށައިފި

5 ނޮވެންބަރު 2023 - 17:39 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ނުދާތީ، އެމްޑީޕިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ތެރެއަށް އެމަނިކުފާނު ނިސްބަތްވާ ދަ ޑިމޮކްރެޓްސް ޕާޓީއިން ގޮތެއް ނިންމުމަށް ބާއްވާ އިންޓެރިމް ކައުންސިލްގެ ބައްދަލުވުން ފަށައިފި އެވެ.

އެމްޑީޕީއިން ކޯޓަށް ހުށަހެޅި މި މައްސަލައާ ގުޅިގެން ޑިމޮކްރެޓުންގެ ބައެއް މަޖިލިސް މެންބަރުން ވަނީ ވަކި ވަކިން ތަދައްހުލުވުމަށް އެދިފަ އެވެ. ނަމަވެސް، އެ މެންބަރުންނަށް މައްސަލަ ތެރެއަށް ތަދައްހުލް ނުވެވޭނެ ކަން ސުޕްރީމް ކޯޓުން ވަނީ އަންގައިފަ އެވެ.

ސުޕްރީމް ކޯޓުން މިހާރު ވަނީ މި މައްސަލާގައި ފުރަތަމަ އަޑުއެހުން މާދަމާ ހެދުނު 10:00 އަށް ތާވަލުކޮށްފަ އެވެ. މިހާތަނަށް އެމްޑީޕީ އަދި މަޖިލިސް އިދާރާގެ އިތުރުން ޕީޕީއެމް/ޕީއެންސީން މައްސަލައަށް ތަދައްހުލު ވުމަށް އެދި ހުށަހެޅުމުން، ސުޕްރީމް ކޯޓުން ވަނީ އެ ފުރުސަތު ދީފަ އެވެ.

އެމްޑީޕީއިން ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ އެ ޕާޓީގެ ރައީސްކަންވެސް ކުރިން ކުރެއްވި ނަޝީދު، މަޖިލީހުގެ ރިޔާސަތުން ވަކިކުރުމަށް އެ ޕާޓީން ހުށަހެޅި ދެވަނަ މައްސަލަ ކުރިއަށް ނުދާ ކަމަށް ބުނެ އެވެ.

މައްސަލަ ތާވަލުކުރި ހަތަރު ދުވަހުވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލަސްކަންފުޅާ އުޅުއްވާތީ ސަލާމްބުނުމުގެ ސަބަބުން ކުރިއަށް ނުގެންދެވުނެވެ. އެއަށްފަހު އީވާ ވަނީ ކޯޓުން މި މައްސަލާގައި ގޮތެއް ނިންމުމުގެ ކުރިން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވާ ކަމަށް މަޖިލީހަށް އަންގަވާފަ އެވެ.

މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ. ގައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅައިފައިވާ މައްސަލައަށް ގޮތެއް ނިންމުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސް ކަމަށެވެ.

ނައިބު ރައީސަށް ރިޔާސަތު ނުބެހެއްޓޭ ހާލަތެއްގައި ވާނެ ގޮތެއް ގަވައިދުގެ 205 ވަނަ މާއްދާގައި ނޯވެ އެވެ. މިދިޔަ ހަފުތާގައި ބާއްވަން މަސައްކަތްކުރި މަޖިލީހުގެ ޖަލްސާތައް ކެންސަލްކޮށްފައިވަނީ އެ ކަމަށް އެކަނި ރިއާޔަތްކުރުމަށްފަހު އެވެ.

މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި، ގާނޫނު އަސާސީގެ 82 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން މަޖިލީހުގެ ރައީސް އަދި ނައިބު ރައީސަށް ރިޔާސަތު ނުބެހެއްޓެވޭ ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓާނެ ބޭފުޅުންތަކެއް ކަނޑައަޅާފައި ބެހެއްޓުމަށް އޮވެ އެވެ.

އެމްޑީޕީން ދެކެނީ އެ މާއްދާގައި އެ ގޮތަށް ބަޔާން ކުރުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަތަކުގައި ވެސް އެ ގޮތަށް އަމަލު ކުރެވޭނެ ކަމަށެވެ. އެމްޑީޕީން އެދިފައިވަނީ ވެސް މަޖިލީހުގެ ނިންމުންތަކަކީ ގަވާއިދުގެ 44 ވަނަ މާއްދާއާ ހިފާލު ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިދިނުމަށެވެ.

ސުޕްރީމް ކޯޓުގައި ރައްޔިތުންގެ މަޖިލިސް ތަމްސީލްކުރާނީ އެޓާނީ ޖެނެރަލްގެ އޮފީހުންނެވެ. އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވަނީ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބަޖެޓު ހުށަހެޅިދާނެ ކަމާ މެދު އުފެދޭ ސުވާލަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ނިންމުމާ ދެކޮޅަށް ލަފާ ދެއްވައިފަ އެވެ.