5 ނޮވެންބަރު 2023 - 16:45 3
އަމަން ހަލީމް
ކ. ފުށިދިއްގަރު ފަޅު: މިތަން ހިއްކަނީ ގޯތި ދިނުމަށާއި ފްލެޓު އިމާރާތްކުރުމަށް -- ފޮޓޯ/ގޫގުލް އާތު
5 ނޮވެންބަރު 2023 - 16:45 3
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިއްކަން ނިންމާފައިވާ ފުށިދިއްގަރު ފަޅާ ގުޅޭ މައްސަލައެއްގައި ދިވެހި ސަރުކާރުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 19 މިލިއަން ޑޮލަރު (293 މިލިއަން ރުފިޔާ) ދައްކަން ޖެހިއްޖެ ކަން އެނގިއްޖެ އެވެ.
މާލެ އަތޮޅު ގުޅީގެ އުތުރުން އޮންނަ ފުށިދިއްގަރު ފަަޅަކީ 1،475 ހެކްޓަރުގެ ބިޔަ ފަޅެކެވެ. މުއިއްޒު ވަނީ ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި މި ފަޅު ހިއްކުމުގެ މަސައްކަތް ފެށުމުގެ ގޮތުން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި އެކަމަށްޓަކައި 400 މިލިއަން ރުފިޔާ ހިމަނައިފަ އެވެ.
މި މަޝްރޫއު އިއުލާންކުރި ހިސާބުން މި ފަޅުގެ މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހަޅާފައިވާތީ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ރާވާފައިވާ ގޮތަށް ކުރިއަށް ގެންދެވިދާނެ ކަމާ މެދު ބައެއް މީހުން ސުވާލު އުފެއްދި އެވެ.
ކުރީގެ ހަބަރުތަކުން އެނގޭ ގޮތުގައި މި ފަޅު ކުއްޔަށް ދިނީ ޕްރައިމް ކެޕިޓަލް މޯލްޑިވްސް ކިޔާ ކުންފުންޏަކަށެވެ. ބްރިޓިޝް ވާޖިން އައިލެންޑްސްގައި ރަޖިސްޓްރީކޮށްފައިވާ މި ކުންފުންޏަކީ ޔޫކްރެއިންގެ ބަޔަކާ ގުޅުން އޮންނަ ކުންފުންޏެކެވެ.
މި ފަޅުގެ މައްސަލަ އެންމެ ފުރަތަމަ ހިލުވާލީ 2013ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު، އެ ފަހަރު ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވި އުމަރު ނަސީރެވެ.
އުމަރު އޭރު ތުހުމަތުކުރެއްވި ގޮތުގައި، އޭނާއާ ވާދަކުރައްވާ ޕީޕީއެމްގެ ޓިކެޓު ކާމިޔާބުކުރެއްވި އަބްދުﷲ ޔާމީންގެ މޭސްތިރިކަމުގެ ދަށުން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ފިނޭންސް މިނިސްޓަރު ޖިހާދު ވަނީ އެ ފަޅު 50 އަހަރަށް ވިއްކާލައިފަ އެވެ. އޭނާ ވިދާޅުވި ގޮތުން ނަމަ އުސޫލުން ބޭރުން ފަޅު ވިއްކާލީ ޔާމީންގެ ކެމްޕެއިނަށް ފައިސާ ހޯދާށެވެ.
އުމަރުގެ މި ތުހުމަތުތައް، އެ މުއާމަލާތާ ގުޅޭ ލިޔެކިޔުންތަކާ އެކީ، އޭނާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ވެސް ހުށަހެޅި އެވެ. ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައި ވަނިކޮށް ޕްރައިމް ކެޕިޓަލުން ދިވެހި ސަރުކާރުން އެއްބަސްވުމަށް އަމަލުނުކުރާ ކަމަށް ބުނެ ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ.
ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ޕްރައިމް ކެޕިޓަލުން އެދުނީ ސަރުކާރާ އެކީ އެއްބަސްވެފައިވާ ގޮތަށް ދައުލަތުގެ 25 ޕަސެންޓު ހިއްސާ އަދި ބާކީ އެ ކުންފުނިން ހިއްސާވާ ގޮތަށް އުފައްދާ ޖޮއިންޓް ވެންޗާ ކުންފުނި އުފައްދަން ދައުލަތުގެ މައްޗަށް އަމުރުކޮށްދިނުމަށެވެ. ސިވިލް ކޯޓުން މައްސަލަ ނިންމީ އެ ކުންފުނިން އެދުނު ގޮތަށެވެ.
ކޯޓު އަމުރާ އެއްގޮތަށް އިކޮނޮމިކް މިނިސްޓްރީން ޖޮއިންޓް ވެންޗާ ކުންފުނި އުފައްދައި ދިން ނަމަވެސް ފަޅު ހަވާލެއް ނުކުރެ އެވެ. އޭގެ ބަދަލުގައި އޭރު ވެރިކަމުގައި އޮތް ރައީސް ޔާމީންގެ ސަރުކާރުން ނިންމީ މި ފަޅު ރިއަލް އެސްޓޭޓް ޓޫރިޒަމް މޮޑެލްއަށް ތަރައްގީކުރަން ބީލަން ހުޅުވައިލާށެވެ.
އޭރު ވެސް އޭސީސީން އައީ މި މައްސަލަ ބަލަމުންނެވެ. އެގޮތުން މި މި މައްސަލައިގައި ހިމެނޭ އަދީބާއި ޖިހާދާ ސުވާލުކުރުމަށް ފަހު، އޭސީސީން ނިންމީ ފަޅު ދިނުމުގައި އެއްވެސް ކޮރަޕްޝަންގެ މުއާމަލާތެއް ނެތް ކަމަށެވެ. ނަމަވެސް އެކުއިޒިޝަން ކޮސްޓު ނުދައްކައި އޮތުމުން އޭސީސީން އަމުރުކުރީ ރަށް ހަވާލުކުރުމުގެ ކުރިން އެ ފައިސާ ނެގުމަށެވެ.
ފުށިދިއްގަރު ފަޅަށް އިންވެސްޓަރަކު ނުލިބުމުން އޭރުގެ ސަރުކާރުން ވަނީ އެ ވިސްނުން ދޫކޮށްލައި، ދައުރު ނިމެން ކައިރިވެފައި ވަނިކޮށް ބޯހިޔާވަހިކަމުގެ ބޭނުމަށް އެ ފަޅު ހިއްކާ ވާހަކަ އިއުލާންކޮށްފަ އެވެ. އެއީ އޭރު ހިންގަން އުޅުނު "ހިޔާ އެކޮމްޕްލިޝްޑް"ގެ ކޮމްޕޯނަންޓެއްގެ ގޮތުގަ އެވެ.
ޕްރައިމް ކެޕިޓަލްއިން މި މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހެޅީ މި ސަރުކާރު އައި ފަހުން 2019ގަ އެވެ.
އެފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ފުށިދިއްގަރު ފަޅު ކުއްޔަށް ދިނުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް ޖިހާދު އަމަލުކޮށްފައިވާ ވާކަމަަށް ތުހުމަތުކުރައްވައިފަ އެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ޖިނާއީ ދައުވާ ވެސް ކުރި އެވެ.
'އަދަދު'އަށް ކަށަވަރުވެފައިވާ ގޮތުގައި ފުށިދިއްގަރު މައްސަލައިގައި ސިންގަޕޫރު އާބިޓްރޭޝަނުން ޕްރައިމް ކެޕިޓަލް ކޮޅަށް މައްސަލަ ނިންމުމުން ސަރުކާރުން އަންނަނީ އެ ފައިސާ ދައްކަމުންނެވެ. އެ ކުންފުނިން އާބިޓްރޭޝަނުގައި ފުރަތަމަ އެދުނީ 106 މިލިއަން ޑޮލަރުގެ ބަދަލެއް ނަގައިދިނުމަށެވެ. އެކަމަކު އާބިޓްރޭޝަނުން އެވޯޑު ކުރީ ބަދަލުގެ ގޮތުގައި 18.4 މިލިއަން ޑޮލަރެވެ.
މި އަހަރު ބަދަލު ދޭން ބަޖެޓު ކުރި ވަރަށް ވުރެ ހަތަރު ގުނައާ ގާތަށް ފައިސާ ދޭން ޖެހުނީ މި މައްސަލައާ ގުޅިގެން ކަން ވެސް ވަނީ އެނގިފަ އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައިވާ ގޮތުގައި މި އަހަރުގެ ނިޔަލަށް ބަދަލު ދޭން 397 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. މި އަހަރަށް ފާސްކުރި ބަޖެޓުގައި އަންދާޒާ ކުރީ ބަދަލު ދޭން ހަރަދުވާނީ 100 މިލިއަން ރުފިޔާ ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment