Advertisement

ސުޕްރީމް ކޯޓުގައި މަޖިލިސް ތަމްސީލްކުރާނީ އެޓާނީ ޖެނެރަލް

5 ނޮވެންބަރު 2023 - 14:27 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު؛ ސުޕްރީމް ކޯޓުގައި މަޖިލީހުގައި ތަމްސީލްކުރައްވާނީ އެޓާނީ ޖެނެރަލް - ފޮޓޯ: މަޖިލިސް


ސުޕްރީމް ކޯޓުގައި މަޖިލިސް ތަމްސީލްކުރާނީ އެޓާނީ ޖެނެރަލް

5 ނޮވެންބަރު 2023 - 14:27 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ އެޖެންޑާކުރި ޖަލްސާތައް ކުރިޔަސް ނުގެންދިޔައީ ގަވާއިދާ ހިލާފަށް ކަމަށް ލަފާ ދެއްވާފައިވާ އެޓަނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި ރައްޔިތުންގެ މަޖިލިސް ތަމްސީލްކުރާނެ ކަމަށް އެ އޮފީހުން ބުނެފި އެވެ.

މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ ބ. ގައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅައިފައިވާ މައްސަލައަށް ގޮތެއް ނިންމުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސް ކަމަށެވެ.

ނައިބު ރައީސަށް ރިޔާސަތު ނުބެހެއްޓޭ ހާލަތެއްގައި ވާނެ ގޮތެއް ގަވައިދުގެ 205 ވަނަ މާއްދާގައި ނޯވެ އެވެ. އެހެންވެ މަޖިލީހުން އެ ކަމަށް އެކަނި ރިއާޔަތްކޮށް، އީވާ އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ ސަލާމުގައި ހުންނެވުމުން އެތައް ދުވަހަކު ޖަލްސާ އެޖެންޑާކޮށްފައި ކެންސަލް ކޮށްފައިވެ އެވެ.

މަޖިލީހުގެ އެ ނިންމުމަކީ މަޖިލީހުގެ ގަވާއިދާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި އެމްޑީޕިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި މަޖިލިސް ތަމްސީލު ކުރާނީ އެޓާނީ ޖެނެރަލްގެ އޮފީހުން ކަން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި މަޖިލީހުން ވެސް ވަނީ "އަދަދު" ނޫހަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

މީގެ ކުރިން ވެސް، މަޖިލީސް ހިމެނޭ މައްސަލަތަކުގައި ޝަރީއަތުގައި ތަމްސީލް ކުރަނީ އެޓާނީ ޖެނެރަލްގެ އޮފީހުންނެވެ.

ނަމަވެސް, މަޖިލީހުގެ އެ ނިންމުންތަކާ ދެކޮޅަށް އެޓާނީ ޖެނެރަލްގެ އޮފީހުން މީގެ ކުރިން ވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ލަފާ ދެއްވައިފަ އެވެ. ރައްޔިތުންގެ މަޖިލީހަށް، އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު އިއްވަން އަމީރު ވަަޑައިނުގަތީ ރިފްއަތުގެ ލަފައަށް ބިނާކޮށެވެ.

އެޓާނީ ޖެނެެރަލް ރިފްއަތު ލަފާ ދެއްވާފައިވަނީ މަޖިލީހަށް ހުށަހެޅިފައިވާ އެއްވެސް ކަމަކަށް ބަހުސް ކުރެވޭނީ އަދި އެއްވެސް ކަމަކަށް ގޮތެއް ނިންމޭނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅިފައިވާ ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހު ކަން ގަވާއިދުގައި ބަޔާންކޮށްފައިވާތީ އެ ކަމަށް ރިއާޔަތްކޮށެވެ.

އަދި މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި، ގާނޫނު އަސާސީގެ 82 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން މަޖިލީހުގެ ރައީސް އަދި ނައިބު ރައީސަށް ރިޔާސަތު ނުބެހެއްޓެވޭ ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓާނެ ބޭފުޅުންތަކެއް ކަނޑައަޅާފައި ބެހެއްޓުމަށް އޮވެ އެވެ.

އެމްޑީޕީން ދެކެނީ އެ މާއްދާގައި އެ ގޮތަށް ބަޔާން ކުރުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަތަކުގައި ވެސް އެ ގޮތަށް އަމަލު ކުރެވޭނެ ކަމަށެވެ. ބަންޑާރަ ނައިބު ރިފްއަތު، އަމީރަށް ފޮނުއްވާފައިވާ ގާނޫނީ ލަފާގައި ވެސް އެ ގޮތަށް ބަޔާން ކޮށްފައިވެ އެވެ.

ޝަރީއަތުގައި މާދަމާ އެޓާނީ ޖެނެރަލްގެ އޮފީހުން ވަކާލާތު ކުރާނީ ކިހިނެއް ކަމެއް އަދި ނޭނގެ އެވެ. ޝަރީއަތުގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ މާދަމާ ހެނދުނު 9:45 އަށެވެ.

އެ މައްސަލައަށް، މަޖިލީހުގެ ރައީސް ނަޝީދާއި ނައިބު ރައީސް އީވާ ނިސްބަތްވާ ޑިމޮކްރެޓްސްއިން ވަނީ ތަދައްހުލްވެފަ އެވެ. އަދި ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވެސް ވަނީ ތަދައްހުލްވެފަ އެވެ.