5 ނޮވެންބަރު 2023 - 16:53 0
5 ނޮވެންބަރު 2023 - 16:53 0
މިލާން (ނޮވެމްބަރު 5) - އިޓާލިއަން ސެރިއާގައި އިންޓަ މިލާނުން ރޭ ކުޅުނު މެޗު ކާމިޔާބުކޮށް އެއްވަނައިގައި ލިޑް ފުޅާކުރިއިރު، އުދިނޭސީ އަތުން އޭސީ މިލާން ބަލިވެއްޖެ އެވެ.
ސެރީއާ ތާވަލްގެ އެއްވަނައިގައި އިންޓަ އޮތީ 28 ޕޮއިންޓާއިއެކުގަ އެވެ. ދެވަނައިގައި އޮތް ޔުވެންޓަސް އަށް 23 ޕޮއިންޓް ލިބިފައިވާއިރު، އޭސ މިލާނަށް ލިބެނީ 22 ޕޮއިންޓެވެ. އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީ އޮތީ 21 ޕޮއިންޓާއިއެކު ހަތަރުވަނައިގަ އެވެ.
އިންޓަ މިލާނުން ރޭ ކުޅުނު މެޗު ކާމިޔާބުކުރީ އެޓްލާންޓާ އަތުން 2-1 އިންނެވެ. މެޗުގައި އިންޓަ އިން ޖެހި ފުރަތަމަ ގޯލަކީ ލިބުނު ޕެނަލްޓީ އަކުން ހަކަން ޗަޅަނޯގްލޫ ޖެހި ގޯލެކެވެ. އޭގެ ފަހުން އެޓީމަށް ލީޑު ފުޅާކޮށްދިނީ ކެޕްޓަން ލައުޓާރޯ މާޓިނޭޒް އެވެ. މިއީ މި ސީޒަންގެ ލީގުގައި އޭނާ ޖެހި 12 ވަނަ ގޯލެވެ.
މެޗުގެ ފަހު ހާފުގައި ގިނަ ހަމަލާތައް އުފެއްދި އެޓްލާންޓާގެ ހަމައެކަނި ގޯލު ޖަހައިދިނީ ޖިއަންލޫކާ ސްކަމަކާ އެވެ. އޭގެ ފަހުން އެޓީމުން އުފެއްދި ގިނަ ހަމަލާތައް އިންޓަގެ ކީޕަރު ޔަން ސޮމާ ވަނީ ދިފާއުކޮށްފަ އެވެ.
އޭސީ މިލާން ބަލިވީ އުދިނޭސީ އަތުން 1-0 އިންނެވެ. މެޗުގެ ހަމައެކަނި ގޯލު ލިބުނު ޕެނަލްޓީއަކުން އުދިނޭސީ އަށް ޖަހައިދިނީ ރޮބާޓޯ ޕެރޭރާ އެވެ.
މި މެޗުގައި މިލާންގެ ތަރި ކްރިސްޓިއަން ޕުލިސިކް އަނިޔާގެ ސަބަބުން ނުކުޅެ އެވެ. އެޓީމުން މެޗުގައި ރަނގަޅު ހަމަލާތަކެއް އުފެއްދި ނަމަވެސް އުދިނޭސީގެ ކީޕަރު މާކޯ ސިލްވެސްޓްރީ ވަނީ އެ ހަމަލާތައް ދިފާއުކޮށްފަ އެވެ.
ލީގުގައި ރޭ ނަޕޯލީއިން ވަނީ 2-0 އިން ސަލަނިޓާނާ ބަލިކޮށްފަ އެވެ. މެޗުގައި ނަޕޯލީގެ ގޯލުތައް ޖަހައިދިނީ ޖިއަކޯމޯ ރަސްޕަޑޯރީ އާއި އެލްޖިފް އެލްމަސް އެވެ.
Comment