Advertisement

ރަސްފަރި ފަރުން ހަލާކުވި ބައި އިއާދަކުރަން މުރަކަ އިންދަން ފަށައިފި

5 ނޮވެންބަރު 2023 - 08:49 0

އަމަން ހަލީމް

އަމަން ހަލީމް

ރީސްޓޯ ރަސްފަރި މަޝްރޫއު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: މި ރަސްމިއްޔާތުގެ ބައިވެރިން ވަނީ މުރަކައިގެ ބައިތައް ކަނޑުއަޑީގައި ހަރުކުރުމުގައި ބައިވެރިވެފައި -- ފޮޓޯ/އެންވަޔަރަމަންޓް މިނިސްޓްރީ


ރަސްފަރި ފަރުން ހަލާކުވި ބައި އިއާދަކުރަން މުރަކަ އިންދަން ފަށައިފި

5 ނޮވެންބަރު 2023 - 08:49 0

ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ ކ. ރަސްފަރި ފަރަށް ލިބުނު ގެއްލުން މަރާމާތުކުރުކުމުގެ މަސައްކަތް ދަށުން ފަރުގައި އިންދާ މުރަކަތައް އިންދައި ފަރު އިޔާދަކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ތިމާވެށީގެ ގާނޫނުގެ ދަށުން ރަސްފަރި ފަރު ހިމާޔަތްކުރީ 1995 ގަ އެވެ.

ރަސްފަރި ފަރަށް ގެއްލުން ލިބުނީ 19 އޮގަސްޓު، 2021 ގައި ޕެނާމާ ދިދައިގައި ދަތުރުކުރާ "އެމްވީ ނަވިއޯސް އަމަރިލިސް" ނަމަކަށް ކިޔާ އާގު ބޯޓެއް ފަރަށް އެރުމުންނެވެ. މި މައްސަލައިގައި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ވަނީ އެ އެ ބޯޓުގެ ވެރިފަރާތް 154.2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ.

"ރީސްޓް ރަސްފަރި" ނަމުގައި ހިންގާ ރަސްފަރި ފަރު އިއާދަކުރުމުގެ މަސައްކަތް ފައްޓަވައިދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު އައިޝަތު ޝައުނާ އެވެ. އޭނާ އަރިހުގައި އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް އާއި މި މަސައްކަތުގައި ބައިވެރިވާ ދިރާގާއި އެމްއޭސީއެލްގެ އިތުރުން ލޭންޑްސްކޭޕިން ސޮލިއުޝަންސްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

މުރަކަ އިންދުމުގެ މަސައްކަތް ފެއްޓެވުމުގެ ކުރިން ޝައުނާ ދެއްކެވި ވާހަކައިގައި މި މަސައްކަތުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ. އެގޮތުން މިއީ ރާއްޖޭގެ ފަރަކަށް ބޯޓެއް އަރައިގެން ލިބުނު ޖޫރިމަނާ ފައިސާ ހޭދަކޮށްގެން ފަރެއް މަރާމާތުކުރުމުގެ މަސައްކަތަ ކުރާ ފުރަތަމަ ފަހަރުކަން އޭނާ ފާހަގަކުރެއްވި އެވެ.

"މީގެ ދެ އަހަރެއް ކުރިން ހިނގައިދިޔަ ހާދިސާއެއްގައި [ރަސްފަރި] ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގެ 3.5 މިލިއަން ޑޮލަރު އަޅުގަނޑުމެން ހާއްސަކުރީ އީޕީއޭގެ ވަކި ޓްރަސްޓް ފަންޑަކަށް. އެ ޓްރަސްޓް ފަންޑުން މިގޮތަށް ފަރަށް ލިބޭ ގެއްލުން އިއާދަކުރުމުގެ މަސައްކަތް ކުރެވޭޭނެ" އޭނާ ވިދާޅުވި އެވެ.

ފަރުގައި މުރަކަ އާލާކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން އީޕީއޭއިން އާލާކޮށްފައިވާ ކޮރަލް ފްރެގްމަންޓްސްތައް ނުވަތަ ދިރޭ މުރަކައިގެ އެތިއެތިކޮޅު ވަނީ ގެއްލުން ލިބިފައިވާ ސަރަހައްދުގައި ހަރުކޮށްފަ އެވެ.

ރަސްފަރި ފަރަށް އެރި އުޅަނދުގެ ސަބަބުން 8876 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުން ލިބުނު އިރު، އޭގެ ތެރެއިން 2882 އަކަމީޓަރުގެ ސަރަހައްދަކުން ދިރޭ ގައުމުރަކަ ވަނީ އެއްކޮށް ނެތިގޮސްފަ އެވެ.

ރަސްފަރި ފަރު އިއާދަކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ ބައިބަޔަށް ބަހާލައިގެންނެވެ. އެގޮތުން ކުރާ މަސައްކަތުގެ ތެރެއިން އިންދާ މުރަކަތަށް މޮނީޓާކުރުމާއި އޭގެ ތެރެއިން މަރުވާ މުރަކަތައް ބަދަލުކޮށް އާ ކުރުމުގެ މަސައްކަތް ފަސް އަހަރަށް ދެމިގެންދާނެ އެވެ.