Advertisement

ރަންނަމާރި ޗެލެންޖު އައްމަޑޭ ކާމިޔާބުކުރިއިރު، ގައުމީ ސާފިން ލީގު ހޯދީ އިބޫ!

4 ނޮވެންބަރު 2023 - 18:06 0

ރަންނަމާރި ޗެލެންޖު 1445ގެ ފިރިހެން އޯޕަން ބައިގެ ވަނަތަކަށް ހޮވުނު ސާފަރުން ޓްރޮފީ ދައްކާލަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ރަންނަމާރި ޗެލެންޖު އައްމަޑޭ ކާމިޔާބުކުރިއިރު، ގައުމީ ސާފިން ލީގު ހޯދީ އިބޫ!

4 ނޮވެންބަރު 2023 - 18:06 0

ރަންނަމާރި ޗެލެންޖު 1445 ގެ ޗެމްޕިއަންކަން އަހުމަދު އާގިލް (އައްމަޑޭ) ކާމިޔާބުކުރިއިރު، މުޅި އަހަރަށް ދެމިގެންދިޔަ ދިވެހި ސާފް ލީގުގެ ޗެމްޕިއަންކަން ހުސައިން އަރީފް (އިބޫ) ހޯދައިފި އެވެ.

ރަންނަމާރި ޗެލެންޖާއިއެކު މިދިޔަ އަހަރުގެ ސާފް ލީގުގެ ޗެމްޕިއަން އައްމަޑޭ އަށް 3،340 ޕޮއިންޓް ލިބުނު ނަމަވެސް، އިބޫ ވަނީ 3،590 ޕޮއިންޓް ހޯދައިފަ އެވެ. އިބޫ އަށް މިއަހަރުގެ ރަންނަމާރި ޗެލެންޖުގެ ގަދަ އަށަކުން ފުރުސަތު ނުލިބުނު ނަމަ ލީގުގެ ޗެމްޕިއަންކަން ލިބޭނީ އައްމަޑޭ އަށެވެ. ނަމަވެސް އިބޫ ވަނީ ގައުމީ މުބާރާތުގެ ތިން ވަނަ ހޯދާފަ އެވެ.

ދިވެހި ސާފް ލީގުގައި ހިމެނެނީ ފަސް މުބާރާތެވެ. މި ފަސް މުބާރާތުގެ ތެރެއިން ޕޮއިންޓް ގުނާނީ އެންމެ މަތިން ނަތީޖާ ހޯދާ ހަތަރު މުބާރާތެކެވެ. އިބޫ ވަނީ ސާފް ލީގުގެ ގާމާދޫކޮޅު މުބާރާތާއި، ރަންދާ ރާޅުގަނޑު މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، މުލީކޮޅު މުބާރާތުގެ ދެވަނަ އަދި ރަންނަމާރި ޗެލެންޖުން ތިން ވަނަ ހޯދާފަ އެވެ.

ދިވެހި ސާފް ލީގުގެ ފިރިހެން އޯޕަން ބައިގެ އެއްވަނަ އިބޫ އާއި ޖޫނިއާ ބައިގެ އެއްވަނަ ހޯދި ކަޔާން - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އައްމަޑޭވެސް ދެ މުބާރާތަކުން އެއް ވަނަ ހޯދި އެވެ. އެއީ މުލީކޮޅު މުބާރާތާއި، ރަންނަމާރި ޗެލެންޖެވެ. ނަމަވެސް ރަންދާ މުބާރާތުން ތިންވަނަ ލިބުނުއިރު، ގާމާދޫކޮޅު މުބާރާތުގެ ކުއާޓާ ފައިނަލުން ކެޓުމުން އައްމަޑޭއަށް ޕޮއިންޓް މަދުވީ އެވެ.

ދިވެހި ސާފް ލީގުގެ ތިން ވަނަ ހޯދީ ނަޖާހު މުހައްމަދު އެވެ. ހަތަރު ވަނަ ހޯދީ ހޫދު އަހުމަދު އެވެ.

އިއްޔެ ނިމުނު ރަންނަމާރި ޗެލެންޖުގެ ޗެމްޕިއަންކަން އައްމަޑޭ ހޯދީ ފައިނަލުގައި ހޫދު އަހުމަދު ބަލިކޮށްގެންނެވެ. 2021ގެ ފައިނަލުގައިވެސް ވާދަކުރި ދެ ބައިވެރިންގެ ކުރިމަތިލުން އައްމަޑޭ ކާމިޔާބުކުރީ 9.75ގެ ސްކޯއަކުންނެވެ. ހޫދު އަށް ލިބުނީ 8.50ގެ ސްކޯއެކެވެ.

ރަންނަމާރި ޗެލެންޖުގެ ތިންވަނަ ލިބުނީ އިބޫ އަށާއި، ނަޖާހު އަށެވެ. އިބޫ ސެމީގައި ބަލިވީ ހޫދު އަތުންނެވެ. ނަޖާހު ބަލިވީ އައްމަޑޭ އަތުންނެވެ.

ރަންނަމާރި ޗެލެންޖުގެ ފިރިހެން އޯޕަން ބައިގައި މިއަހަރު 26 ސާފަރުން ވާދަކުރި އެވެ.