Advertisement

މާސްޓާސް ޗެމްޕިއަންކަން ފަޔާނީ ހޯދިއިރު، ސަޕް ޑިވިޝަންގެ ކާމިޔާބުކުރީ ފުކޫ

4 ނޮވެންބަރު 2023 - 18:04 0

ރަންނަމާރި ޗެލެންޖު 1445ގެ މާސްޓާސް ބައިގެ ވަނަތަކަށް ހޮވުނު ސާފަރުން ޓްރޮފީ ދައްކާލަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މާސްޓާސް ޗެމްޕިއަންކަން ފަޔާނީ ހޯދިއިރު، ސަޕް ޑިވިޝަންގެ ކާމިޔާބުކުރީ ފުކޫ

4 ނޮވެންބަރު 2023 - 18:04 0

ރަންނަމާރި ޗެލެންޖު 1445 ގެ މާސްޓާސް ކެޓަގަރީގެ ޗެމްޕިއަންކަން ހުސައިން ފަޔާޒު (ފަޔާނީ) ހޯދިއިރު، ސްޓޭންޑް އަޕް ޕެޑަލް (ސަޕް) ސާފިންގެ ޗެމްޕިއަންކަން އަބްދުﷲ އަރީފް (ފުކު) ހޯދައިފި އެވެ.

މިދިޔަ މަހުގެ 28 އިން މިމަހުގެ ތިނަކަށް ކުރިއަށްދިޔަ ގައުމީ ސާފިން މުބާރާތް (ރަންނަމާރި ޗެލެންޖު) ގެ މާސްޓާސް ކެޓަގަރީގެ ޗެމްޕިއަންކަން ފަޔާނީ ހޯދީ ފައިނަލުގައި މުހައްމަދު ފަޔާޒު (ޕެލޭ) ބަލިކޮށްގެންނެވެ.

16 ސާފަރުން ވާދަކުރި މާސްޓާސް ކެޓަގަރީގެ ފައިނަލުގައި ފަޔާނީ 10.75 ގެ ސްކޯއެއް ހޯދިއިރު، މުހައްމަދު ފަޔާޒަށް ހޯދުނީ 6.90 ގެ ސްކޯއެކެވެ.

މިއީ 2005 ގައި ސާފިން މުބާރާތެއްގައި ރާޅާ އަޅަން އެރުނު ފަހުން ފަޔާނީ މުބާރާތެއްގައި ވާދަކުރި ފުރަތަމަ ފަހަރެވެ. ރާޅާ އެޅުންތެރިއެއްގެ ގޮތުގައި މުބާރާތްތަކުގައި ވާދަނުކުރި ނަމަވެސް ސާފިން އެސޯސިއޭޝަން ހިންގުމާއި މުބާރާތްތައް ބޭއްވުމުގައި އޭނާ އަންނަނީ މިދިޔަ 18 އަހަރު އެހީތެރިވަމުންނެވެ.

މާސްޓާސް ކެޓަގަރީގެ ފައިނަލުން ފަޔާނީ ޖާގަ ހޯދީ ސެމީ ފައިނަލްގައި އިބްރާހިމް ލަތީފް ބަލިކޮށްގެންނެވެ. ފަޔާނީ އަށް މި ހީޓުގައި 7.33ގެ ސްކޯއެއް ލިބުނުއިރު، ލަތީފަށް ލިބުނީ 4.56 ގެ ސްކޯއެކެވެ.

ސެމީ ފައިނަލް އަނެއް ހީޓު މުހައްމަދު ފަޔާޒު ކާމިޔާބުކުރީ ކުޑަ ތަފާތަކުންނެވެ. ހުސައިން ނިޒާމްއާ ވާދަކޮށް ފަޔާޒު މި ހީޓު ކާމިޔާބުކުރީ 8.83 ގެ ސްކޯއަކުންނެވެ. ނިޒާމަށް ލިބުނީ 8.50 ގެ ސްކޯއެކެވެ.

ގައުމީ މުބާރާތުގައި ކުރިއަށްދިޔަ ސަޕް ސާފިން ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ އަބްދުﷲ އަރީފް (ފުކޫ) އެވެ. އޭނާ ވަނީ ފައިނަލުގައި 9.33 ގެ ސްކޯއެއް ހޯދާފަ އެވެ.