4 ނޮވެންބަރު 2023 - 11:01 0
4 ނޮވެންބަރު 2023 - 11:01 0
ރިޔާދު (ނޮވެމްބަރު 4) - ސައުދީ އަރަބިއްޔާގެ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މެންޗެސްޓާ ސިޓީގެ ކުރީގެ ތަރި ޔާޔާ ޓޫރޭ ހަމަޖައްސައިފި އެވެ.
ސިޓީއަށް އަށް އަހަރު ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދައިދިން ޓޫރޭ ފުޓްބޯޅަ ކުޅުން ހުއްޓާލީ 2019 ގަ އެވެ. އޭގެ ފަހުން އޭނާ އަންނަނީ ކޯޗިންގެ ތެރޭގައި ހަރަކާތްތެރިވަމުންނެވެ.
ސައުދީ އަރަބިއްޔާގެ ގައުމީ ޓީމްގެ ހެޑް ކޯޗަކީ އިޓަލީގެ ރޮބާޓޯ މަންޗިނީ އެވެ. މަންޗިނީ އަކީ 2010 ވަނަ އަހަރު ޓޫރޭ މެންޗެސްޓާ ސިޓީއަށް ގެނައި ކޯޗެވެ. މަންޗިނީގެ އިރުޝާދުގެ ދަށުން ޓޫރޭ ވަނީ އެކުލަބަށް ކުޅެ އިނގިރޭސި ޕްރިމިއާ ލީގުވެސް އެޓީމަށް ފުރަތަމަ ފަހަރަށް ހޯދައިދީފަ އެވެ.
މަންޗިނީގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތްކުރަން ލިބުނު ފުރުސަތާ ގުޅޭގޮތުން އޭނާ ބުނީ ކުޅުންތެރިއެއްގެ ގޮތުގައިވެސް ކުރިއަށްދިޔުމަށް މަންޗިނީ ވަރަށް ބޮޑަށް އެހީވިކަމަށާއި، ކޯޗެއްގެ ގޮތުގައި ކަންކަން އުނގެނެން ބަލާއިރު މިއީ ނޫނެކޭ ބުނަން އުނދަގޫ ފުރުސަތެއް ކަމަށެވެ.
އޭނާ ބުނީ މަންޗިނީ އާއެކު މަސައްކަތްކުރުމުގެ އިތުރުން މުސްލިމް ގައުމެއްގައި ފުޓްބޯޅައިގެ މަސައްކަތެއް ކުރަން ލިބުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށެވެ.
"އަހަރެންގެ ކެރިއަރުގައި ފުރަތަަމަ ފަހަރަށް މުސްލިމް ގައުމެއްގައި މަސައްކަތްކުރަން މި ލިބުނީ. މިއީ އަބަދުވެސް އަހަރެން ކުރަން ބޭނުންވި ކަމެއް،" ސްޕެއިންގެ ބާސެލޯނާއަށްވެސް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދި ޓޫރޭ ބުންޏެވެ.
ޓޫރޭ ކޯޗިން ކެރިއަރު ފެށީ 2021 ވަނަ އަހަރު ޔޫކްރެއިންގެ އޮލިމްޕިކް ޑޮނެސްކްގެ އެސިސްޓަންޓް ކޯޗުގެ ގޮތުގަ އެވެ. އޭގެ ފަހުން ރަޝިއާގެ އަހްމަޓް ގްރޮޒްނީގެ އެސިސްޓަންޓް ކޯޗުގެ ގޮތުގައި ހުރުމަށްފަހު މިދިޔަ ސީޒަނުގައި ހުރީ ޕްރިމިއާ ލީގުގެ ޓޮޓެންހަމް އެކަޑެމީގެ ކޯޗެއްގެ ގޮތުގަ އެވެ. މި ސީޒަން އޭނާ ފެށީ ބެލްޖިއަމްގެ ސްޓޭންޑާޑް ލީގްގެ އެސިސްޓަންޓް ކޯޗުގެ ގޮތުގަ އެވެ.
Comment