Advertisement

ފަރުދީ މަސްލަހަތުގެ މައްޗަށް ގައުމީ މަސްލަހަތު އިސްކުރަން ރައީސް ގޮވާލައްވައިފި

3 ނޮވެންބަރު 2023 - 11:00 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ރައީސް ސޯލިހު އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް


ފަރުދީ މަސްލަހަތުގެ މައްޗަށް ގައުމީ މަސްލަހަތު އިސްކުރަން ރައީސް ގޮވާލައްވައިފި

3 ނޮވެންބަރު 2023 - 11:00 0

ފަރުދީ މަސްލަހަތުގެ މައްޗަށް ގައުމީ މަސްލަހުތު އިސްކޮށް، އަޒުމަކަށް ހަދަންވީ ދިވެހި ގައުމުގެ ކަރާމަތާއި މިނިވަންކަން ނަގަހައްޓައި، ދެމެހެއްޓުމުގައި ސާބިތުވެ ތިބުމަށް ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހާ ގުޅިގެން ނެރުނު ހިތޯބުގައި ރައީސް ސޯލިހު ވިދާޅުވީ މިނިވަންކަމާއި ސިޔާދަތަށް އުނިކަމެއް އަތުވެދާނެ ކަންކަމުން ދުރުހެލިވެ ތިބެންޖެހޭ ކަމަށެވެ. މަސައްކަތް ކުރަންވީ، ދަރިންގެ ހިތްތަކުގައި ގައުމުގެ މިނިވަންކަމާއި، ސިޔާދަތު ރައްކާތެރިކުރުމަށް ފަރުދީ ގޮތުން މަސައްކަތް ކުރުމުގެ ރޫހު އަށަގެންނެވުމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"ހަމަ އެއާއެކު، ކުޑަކުދިންގެ ހިތްތަކުގައި ގައުމީ ލޯބި އާލާކޮށް، ގައުމީ މަސްލަހަތު އިސްކުރުމުގެ ސިފަ އެކުދިންގެ ކިބައިގައި ހަރުލެއްވުމަކީ، ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ވަރަށް މުހިންމު ބޭނުމެއް،" ރައީސް ސޯލިހުގެ ހިތޯބުގައި ވިދާޅުވި އެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަނީ ދިވެހިންގެ ބަޔަކާއި ލަންކާގެ ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން ދިވެހި ވެރިކަން ބަދަލުކުރުމަށް ނޮވެމްބަރު 3، 1988 ގައި މާލެ އަށް އަރައި، 19 ދިވެހިން ޝަހީދުކޮށްލި އުދުވާނީ ހަމަލާއިން ދިވެހިނަށް ނަސްރު ލިބުމާ ގުޅިގެންނެވެ. އެއަށް ފަހު ކޮންމެ އަހަރެއްގެ ނޮވެމްބަރު 3 ފާހަގަކުރަނީ "ނަސްރުގެ ދުވަސް" ގޮތުގަ އެވެ.

"3 ނޮވެންބަރުގެ އުދުވާނީ ހަމަލާއިން ދިވެހިންނާއި ދިވެހިރާއްޖޭގެ މިނިވަންކަން ރައްކާތެރިކުރުމުގައި ސާބިތުވެ ތިއްބަވައި ޖިހާދު ކުރެއްވި ހިތްވަރުގަދަ ދިވެހި ސިފައިންނަށް، އެންމެހައި ދިވެހިންގެ ނަމުގައި ޝުކުރު ދަންނަވަމެވެ. އެދުވަހު އަޅުގަނޑުމެންނާ ކުރިމަތިވި ބިރުވެރި އަދި ނުރައްކާތެރި ޙާލަތުގައި، ދިވެހިންގެ މިނިވަންކަމާއި ދިވެހިންގެ އެއްބައިވަންތަކަން ދެމެހެއްޓުމުގައި، އާންމު ރައްޔިތުންގެ ތެރެއިން އިސް ނަންގަވައިގެން މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށްވެސް ޝުކުރު ދަންނަވަމެވެ،" ރައީސްގެ މިއަދުގެ ހިތޯބުގައި ވިދާޅުވި އެވެ.

މި ދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު ބޭނުމަކީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ސަރުކާރާއި ރައްޔިތުން ގުޅިގެން، އެއް ރޫހުއްގައި އެއް އަޒުމެއްގައި އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް ހޭލުންތެރިވުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ނޮވެންބަރު 3 ވަނަ ދުވަހު ދިވެހިންނާ ކުރިމަތިވި ބިރުވެރި ހާދިސާގައި، ދިވެހިންނަށް ނަސްރު ލިބުމުގެ ސިއްރަކީ، މި ދެންނެވި ގުޅުމުގެ ހަރުދަނާ ކަމެވެ. ދުޝްމަނުންގެ ބަޔަކު ހަތިޔާރާއެކު މާލެ އަރައި، އެ ދުވަހު ހިންގި އުދުވާނީ ޢަމަލުތައް ނާކާމިޔާބުކޮށްލެވުނީ، ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރު ގުޅިގެން ކުރި މަސައްކަތާއި ޖިހާދުގެ ސަބަބުންކަން ޔަޤީނެވެ. އެދުވަހު ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރެވުނީ، ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި، މިނިވަންކަމަށްޓަކައި ޤުރުބާންވުމުގެ ރޫހު ދިވެހިންގެ ކިބައިގައި ވަރުގަދަކަމުންނެވެ." ރައީސް ވިދާޅުވި އެވެ.

މިއަދުގެ ހިތޯބުގައި ރައީސް ސޯލިހު ވަނީ ނުރައްކާތެރި ލާއިންސާނީ އުދުވާންތަކަކާ ކުރިމަތިލާންޖެހިފައިވާ، މުސްލިމް އަޚުންނާއި އުޚުތުންގެ ހާލަތު ފާހަގަކުރައްވައިފަ އެވެ. އެގޮތުން ފަލަސްތީނުގެ މިނިވަންކަމާއި ސިޔާދަތު ނިގުޅައިގަނެ، ޒަޔަނިސްޓުންގެ އިސްތިއުމާރީ އަޅުވެތިކަމުގައި ފަލަސްތީނުގެ ރައްޔިތުން ކަސްތޮޅު އަޅުވާފައި ތިބޭތާ 75 އަހަރު ވެގެން ދިޔައިރު، ގާޒާގެ ރައްޔިތުން ތަހައްމަލު ކުރަމުން އެދަނީ، މިޒަމާނުގެ އިންސާނީ ތާރީހު ނުދެކޭހާ އަނިޔާވެރި ލާއިންސާނީ އަމަލުތަކެއްކަމުގައި ފާހަގަކުރެއްވި އެވެ.

ބައިނަލްއަގުވާމީ މުޖްތަމައުގެ ހުރިހާ ކަންކޮޅެއްގައި، ޒަމާނީ ޑިމޮކްރެސީ އާއި އިންސާނީ ހައްގުތަކުގެ އަޑު ގުގުމަމުންދާ މި ޒަމާނުގައި، ފަލަސްތީނުގެ ރައްޔިތުންނަށް ވުރެ ވަކިން ބޮޑަށް، އެ ހައްގުތަކުން މަހުރޫމް ކުރެވި، ނިކަމެތި ކުރެވިފައިވާ އެހެން ބަޔަކު އަދުގެ ދުނިޔޭގައި ނެތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.