Advertisement

ކަރަބާއޯ ކަޕް: ޔުނައިޓެޑާއި އާސެނަލް ކެޓިއިރު، ލިވަޕޫލް ކުއާޓާއަށް

2 ނޮވެންބަރު 2023 - 11:43 0


ކަރަބާއޯ ކަޕް: ޔުނައިޓެޑާއި އާސެނަލް ކެޓިއިރު، ލިވަޕޫލް ކުއާޓާއަށް

2 ނޮވެންބަރު 2023 - 11:43 0

ލަންޑަން (ނޮވެމްބަރު 2) - އިނގިރޭސި ލީގު ކަޕް (ކަރަބާއޯ) ކަޕުން މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް ކެޓިއިރު، ލިވަޕޫލާއި ޗެލްސީ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.

ލީގު ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑު ކެޓީ ނިއުކާސަލް އަތުން 3-0 އިން ބަލިވުމުންނެވެ. އާސެނަލް ބަލިވީ ވެސްޓް ހަމް އަތުން 3-0 އިންނެވެ. ލިވަޕޫލުން 2-1 އިން ބޯންމައުތު ބަލިކުރިއިރު، ޗެލްސީ އިން ވަނީ 2-0 އިން ބްލެކްބާން ރޯވާސް ބަލިކޮށްފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑުގައި ކުޅުނު މެޗުން އެޓީމް ބަލިވީ ގޯލެއް ޖަހަން މާ ގިނަ ފުރުސަތުތަކެއްވެސް ތަނަވަސް ނުކުރެވި އެވެ. މެޗުގައި ނިއުކާސަލްގެ ގޯލުތައް ޖަހައިދިނީ މިގުއެލް އަލްމިރޯން، ލުއިސް ހޯލް އަދި ޖޯ ވިލޮކް އެވެ.

މިއީ މި ސީޒަންގައި ޔުނައިޓެޑް ކުޅުނު 15 މެޗުގެ ތެރެއިން އެޓީމް ބަލިވި އަށްވަނަ މެޗެވެ. އަދި މި މެޗަކީ 1972 ގެ ފަހުން ނިއުކާސަލް ޔުނައިޓެޑުން އޯލްޑް ޓްރެފޯޑުގައި ޔުނައިޓެޑް ބަލިކުރި ދެވަނަ މެޗެވެ.

އާސެނަލް އަތުން ވެސްޓްހަމް މޮޅުވި މެޗުގައި އާސެނަލުން ވަނީ ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. މިގޮތުން ޓީމްގެ މުހިންމު ގިނަ ކުޅުންތެރިންނަށް ކޯޗުވަނީ ރެސްޓު ދީފަ އެވެ. މެޗުގައި ވެސްޓްހަމްގެ ފުރަތަމަ ގޯލަކީ ބެން ވައިޓް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އަނެއް ދެ ގޯލު ޖަހައިދިނީ މުހައްމަދު ކުޑޫސް އާއި ޖެރޯޑް ބޮވެން އެވެ. އާސެނަލްގެ ހަމައެކަނި ގޯލު މާޓިން އޮޑެގާޑް ޖަހައިދިނީ މެޗުގެ އިތުރު ވަގުތުގަ އެވެ.

ލިވަޕޫލުން ބޯންމައުތު އަތުން މޮޅުވި މެޗުގައި އެޓީމްގެ ގޯލުތައް ޖަހައިދިނީ ކޯޑީ ގަކްޕޯ އާއި ޑާވިން ނޫނޭޒް އެވެ. ބޯންމައުތުގެ ގޯލު ޖަހައިދިނީ ޖަސްޓިން ކްލައިވާޓެވެ.

ބްލެކްބާން އަތުން ޗެލްސީ މޮޅުވި މެޗުގައި އެޓީމްގެ ގޯލުތައް ޖަހައިދިނީ ބެނޮއިޓް ބަޑިއަޝީލް އާއި ރަހީމް ސްޓާލިން އެވެ.

ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި ޗެެލްސީ ނުކުންނާނީ ނިއުކާސަލްއާ ދެކޮޅަށެވެ. އެވަޓަން އިން ފުލަމްއާ ދެކޮޅަށް ނުކުންނައިރު، ލިވަޕޫލުން ނުކުންނާނީ ވެސްޓް ހަމް އާ ދެކޮޅަށެވެ. ކުއާޓާ ފައިނަލުގައި ފުރަތަމަ ފަހަރަށް ކުޅޭ ޕޯޓްވޭލް ނުކުންނާނީ މިޑްލްސްބްރާއާ ދެކޮޅަށެވެ.