Advertisement

އަގުބޮޑު ފޯވާޑެއް ގަންނަން އާސެނަލުން ޖީސޫސް ވިއްކާލަނީ

2 މޭ 2024 - 09:50 0


އަގުބޮޑު ފޯވާޑެއް ގަންނަން އާސެނަލުން ޖީސޫސް ވިއްކާލަނީ

2 މޭ 2024 - 09:50 0

ލަންޑަން (މެއި 2) - އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރަން ވިސްނާއިރު، އާސެނަލުން އެންމެ ބޮޑު އިންވެސްޓެއްކޮށް، އަގުބޮޑު ފޯވާޑެއް ގަންނަން ނިންމާފައިވާއިރު، އެ އަށް ފަންޑް ހޯދަން ވިއްކާލާ ކުޅުންތެރިންގެ ލިސްޓުގައި، އެ ޓީމުގެ ބްރެޒިލް ފޯވާޑް، ގަބްރިއެލް ޖީސޫސް ހިމަނައިފި އެވެ.

މެންޗެސްޓާ ސިޓީ ދޫކޮށް، ޖީސޫސް، ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި އާސެނަލަށް ބަދަލުވީ، މީގެ ދެ އަހަރު ކުރިންނެވެ. ޖީސޫސް ގަންނަން އާސެނަލުން ވަނީ 55 މިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ.

އާސެނަލާ ގުޅުމަށް ފަހު، ޖީސޫސްގެ އަސްލު ކުުޅުން ދައްކަން ދިމާވާ އެންމެ ބޮޑު ހުރަހަކީ، ތަކުރާރުކޮށް ދިމާވާ އަނިޔާގެ އެކި މައްސަަލަތަކެވެ.

މި ސީޒަނުގެ މިހާތަނަށް ޖީސޫސް އަށް ކުޅެވުނީ 33 މެޗެވެ. އެ މެޗުތަކުގައި، އަށް ލަނޑު ޖަހައި، ހަތް ލަނޑު ޖަހަން ފުރުސަތު ހޯދައިދީފައިވެ އެވެ. އެކަމަކު، މިއީ އާސެނަލުން ދާން ބޭނުންވާ މިސްރާބަށް ބަލާއިރު، އެންމެ ރަނގަޅު ލެވަލެއް ނޫނެވެ. އެހެންވެ، އެ ކްލަބްގެ ވިސްނުން ހުރީ އާ ފޯވާޑެއް ގަންނަން ކުރާ މަސައްކަތުގެ ތެރެއިން ޖީސޫސް ދޫކޮށްލާށެެވެ.

ރިޕޯޓްތައް ބުނާގޮތުން، ސްޕެއިނާއި އިޓަލީގެ ބައެއް ޓީމުތަކުން ވަނީ ޖީސޫސް ގަންނަން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އާސެނަލްގެ ވިސްނުން ހުރީ މަދުވެގެން، 40 މިލިއަން ޑޮލަރު ލިބޭ ޑީލެއްގައި، ޖީސޫސް ދޫކޮށްލުމަށެެވެ.

އާސެނަލުން ފާރަލަމުން އަންނަ ފޯވާޑުންނަށް ބަލާއިރު، ސްޕޯޓިން ލިޒްބަންގެ ވިކްޓަ ގިޔޯކެސް، ނަޕޯލީގެ ވިކްޓަ އޮސީމެން، ބޯންމައުތުގެ ޑޮމިނިކް ސޮލާންކޭ، އާރްބީ ލައިޕްޒިގުގެ ބެންޖަމިން ސެސްކޯ، ބޮލޯނިއާގެ ޖޯޝުއާ ޒާކްޒީ އަދި ބްރެންޓްފޯޑްގެ އައިވާން ޓޯނޭ ހިމެނެ އެވެ.