1 ނޮވެންބަރު 2023 - 20:37 0
ނިމާ ހަސަން
މިއަދު އެޓާނީ ޖެނެރަލްގެ އޮފީހުގައި 'އެމްވީލޯ' އިފްތިތާހުކުރުން -- ފޮޓޯ: ޔޫއެންޑީޕީ
1 ނޮވެންބަރު 2023 - 20:37 0
ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް އަދި އެ ގާނޫނުތަކަށް ގެންނަ އިސްލާހުތައް ފަސޭހައިން ބަލާލެވޭގޮތަށް ފަރުވާކޮށްފައިވާ 'އެމްވީލޯ' ގެ އާ ވެބްސައިޓް މިއަދު އިފްތިތާހުކޮށްފި އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު އިފްތިތާހުކުރި މި ވެބްސައިޓަކީ ޔުނައިޓެޑް ނޭބާންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ އެހީތެރިކަމާއެކު ޖަވާބު ޕްރައިވެޓް ލިމިޓެޑުން ފަރުމާކޮށް ޑިވެލޮޕް ކޮށްފައިވާ ވެބްސައިޓެކެވެ.
އެމްވީ.ލޯ އިފްތިތާހު ކުރުމަށް މިއަދު އޮޖީ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޔޫއެންޑީޕީގެ ރާއްޖޭގެ ޑެޕިއުޓީ ރެސިޑެންޓް ރިޕްރެޒެންޓޭޓިވް މިސް ޕެކް ޗުއާން ގަން ވިދާޅުވި ގޮތުގައި މި ވެބްސައިޓަކީ އާންމުންނާ ގުޅޭ, އާންމުންގެ ބޭނުންތަކަށް އިޖާބަދޭ އަދި އެންމެންގެ ބައިވެރިވުން ހިމެނޭފަދަ ގޮތަލަށް ގާނޫނުތައް ހެދުމަށްޓަކައި އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.
"އެމްވީ.ލޯގެ ވެބްސައިޓް އިފްތިތާހުވެގެން ދިއުމަކީ މައުލޫމާތާއި އަދުލު އިންސާފަށް ވާސިލުވުމަށް މަގުފަހިކޮށްދީ, ގާނޫނުގެ ވެރިކަން ހަރުދަނާކޮށް ރާއްޖޭގެ ގާނޫނީ ނިޒާމާއި ސަރުކާރުގެ ހާމަކަމާއި ޒންމާދާރުކަން އިތުރުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް" އޭނާ ވިދާޅުވި އެވެ.
އޭޖީ އޮފީހުން ބުނާ ގޮތުގައި މި ވެބްސައިޓުގެ ބޭނުމަކީ ގާނޫނާއި ގަވައިދުތައް އިސްލާހުތައް އެއްތަނަކުން ބެލުމުގެ އިންތިޒާމު ހަމަޖެއްސުމާ އެކު ގާނޫނީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ މަސައްކަތް ހަލުވި ކުރުމަށް މަގުފަހިކޮށް ދިނުން އަދި ރައްޔިތުން ހޭލުންތެރި ކުރުވުން ކަމަށެވެ.
އެމްވީ.ލޯ މެދުވެރިކޮށް ކީވޯޑްތައް ބޭނުންކޮށްގެން ގާނޫނުތަކާއި ގަވާއިދުތައް ހޯދުމާއި, ގާނޫނުތަކަށް ގެނެވިފައިވާ އިސްލާހުތައް ޓްރެކް ކުރުމާއި އޮފްލައިންކޮށް ކިޔާލުމަށް ގާނޫނާއި ގަވައިދުތައް ސޭވް ކުރުން އަދި ވަކި މާއްދާތައް ބުކްމާކް ވެސް ކުރެވޭނެ އެވެ. އަދި ހާއްސަ އެހީއަސް މީހުންވާ މީހުންނަށް އަމާޒުކޮށްގެން މި ވެބްސައިޓުގައި ދިވެހި ބަހުން ޓެކްސްޓް-ޓު-ސްޕީޗް ފަންކްޝަން ވެސް ހިމަނާފައި ވެއެވެ.
އެމްވީލޯގެ ވެބްސައިޓަށް ހުރިހާ މޯބައިލް ޑިވައިސްތަކުން ވަދެވޭއިރު, އެމްވީލޯގެ މޯބައިލް އެޕްލިކޭޝަން ވެސް ހަފްތާއެއްހާ ދުވަސްތެރޭ ނެރޭނެ ކަމަށް އޭޖީ އޮފީހުން ބުނެ އެވެ.
Comment