31 އޮކްޓޯބަރު 2023 - 16:32 0
31 އޮކްޓޯބަރު 2023 - 16:32 0
ސިޑްނީ (31 ޑިސެމްބަރު) - ފީފާ ވޯލްޑް ކަޕް 2034 ވަނަ އަހަރު ބޭއްވުމަށް އޮސްޓްރޭލިއާ ބިޑު ނުކުރުމުން، ސައުދީ އަރަބިއްޔާ އަށް ބިޑު ކާމިޔާބުވާނެކަމުގެ ޔަގީންކަން ލިބިއްޖެ އެވެ.
ފީފާ އިން 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓް ކުރުމުގެ ފުރުސަތު އޭޝިއާ އާއި އޯޝޭނިއާގެ ގައުމުތަކަށް ހާއްސަކުރުމުން، އޮސްޓްރޭލިއާ އިން ވެސް މުބާރާތަށް ބިިޑުކުރަން ތައްޔާރުވި އެވެ. އެކަމަކު، އޭޝިއަން ފުޓްބޯލް ފެޑަރޭޝަން (އޭއެފްސީ) ގެ ތާއީދު ސައުދީ އަށް ލިބޭނެކަން ކަށަވަރުވުމާއެކު، އޮސްޓްރޭލިއާ އިން ވަނީ ބިޑު ނުކުރުމަށް ނިންމައިފަ އެވެ.
ވޯލްޑް ކަޕް 2034 ބޭއްވުމަށް ބިޑްކުރަން ބޭނުންވާ ގައުމުތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކުރުމަށް ފީފާ އިން ދިން މުއްދަތު މިއަދު ވަނީ ހަމަވެފަ އެވެ.
އިންޑޮނޭޝިއާ އާއި އޮސްޓްރޭލިއާ ގުޅިގެން ވޯލްޑް ކަޕަށް ބިޑްކުރަން މަޝްވަރާތަކެއް ކުރި ނަމަވެސް، އިންޑޮނޭޝިއާ އިން ވަނީ ފަހުން ސައުދީގެ ބިޑަށް ތާއީދުކޮށްފަ އެވެ.
އޮސްޓްރޭލިއާ އިން މިހާރު އަމާޒު ހިފާފައިވަނީ 2026 ވަނަ އަހަރުގެ އަންހެނުންގެ އޭޝިއަން ކަޕާއި 2029 ވަނަ އަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕް ހޯސްޓްކުރުމަށެވެ.
ކުޅިވަރުގެ ބައިނަލްއަގްވާމީ ހަބަކަށް ސައުދީ ހެދުމަށް އެ ގައުމުގެ ސަރުކާރުން ގެންގުޅޭ ވިސްނުމުގެ ދަށުން، 2018 ވަނަ އަހަރުން ފެށިގެން ކުޅިވަރުގެ ބައިނަލްއަގްވާމީ ގިނަ އިވެންޓްތަކެއް ސައުދީގައި ވަނީ ހޯސްޓްކޮށްފަ އެވެ.
ގަތަރުން ވަނީ 2022 ވަނަ އަހަރު ވޯލްޑް ކަޕް ހޯސްޓްކޮށް، މި މުބާރާތް ހޯސްޓްކުރި މެދުއިރުމަތީގެ އެންމެ ފުރަތަމަ ގައުމުގެ ޝަރަފު ހޯދައިފަ އެވެ. -- އޭއެފްޕީ
Comment