31 އޮކްޓޯބަރު 2023 - 11:51 0
މުހައްމަދު އުޝާމް
31 އޮކްޓޯބަރު 2023 - 11:51 0
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލައެއް ހުށަހެޅިފައިވާ ވަގުތެއްގައި އެ މައްސަލައަށް ގޮތެއް ނުނިންމައި، ދައުލަތުގެ ބަޖެޓުގެ މަސައްކަތްތައް ވެސް ކުރިއަށް ނުގެންދެވޭނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.
އެޓާނީ ޖެނެރަލް ރިފްއަތު "އަދަދު" ނޫހަށް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ އިޖުރާއަތްތައް ތަރުތީބު ކުރެވިފައިވާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލައެއްގެ ނޯޓިސް ހަމަވުމަށް ފަހު ދެން އެންމެ އަވަހަށް ވެސް ކުރަން ޖެހޭ ކަމަކީ އެ މަސައްކަތް ކަމަށެވެ.
އަދި, މަޖިލީހަށް ހުށަހެޅިފައިވާ އެއްވެސް ކަމަކަށް ބަހުސް ކުރެވޭނީ އަދި އެއްވެސް ކަމަކަށް ގޮތެއް ނިންމޭނީ އެ ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހު ކަން ސާފުކޮށް ގަވާއިދުގައި ބަޔާންކޮށްފައިވާތީ، ބަޖެޓުގެ މަސައްކަތް ވެސް ގެންދެވޭނީ އިތުބާރު ނެތް މައްސަލައިގެ ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު މަޖިލީހަށް ވަޑައިގެން ބަޖެޓު ހުށަނޭޅުއްވުމަށް އެޓާނީ ޖެނެރަލް ރިފްއަތު ލަފާ ދެއްވީ، އެ ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލަފައަކަށް އަމީރު އެދިވަޑައިގަތުމުން، ގާނޫނީ ލަފައެއް އެރުމަށް އެޓާނީ ޖެނެރަލް އޮފީހުގައި ރައީސް އެދިވަޑައިގަތުމުންނެވެ.
ބަޖެޓް ހުށަހަޅުއްވަން ވަޑައިނުގަންނަވަން އަމީރު ނިންމެވި އިރު ދައުލަތުގެ މާލިއްޔަތާ ބެހޭ ގާނޫނުގެ 32 ވަނަ މާއްދާގައިވާ ގޮތުން އަހަރަކަށް ލަފާކުރާ ދައުލަތުގެ ބަޖެޓް އެ އަހަރެެއް ފެށުމުގެ ދެ މަސް ދުވަސް ކުރިން މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ.
ގާނޫނުގެ އެ މާއްދާއާ އެއްގޮތަށް އަމަލުކުރާ ނަމަ މިއަދަކީ ބަޖެޓް ހުށަހަޅަން ޖެހޭ ފަހު ތާރީހެވެ. މާލިއްޔަތު ގާނޫނުގައިވާ ގޮތުގެ މަތިން، މަޖިލީހުގެ ގަވާއިދުގައި ވެސް ނޮވެމްބަރު 1، ގެ ކުރިން ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅަން ޖެހޭ ކަމަށް ބަޔާންކޮށްފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރުގެ ނޯޓިހުގެ މުއްދަތު ހަމަވެ، އެ ގަރާރާ މެދު ގޮތް ނިންމުމުގެ ޖަލްސާ ބާއްވަން ޖެހޭ ފުރަތަމަ ދުވަހަކީ މިދިޔަ އާދީއްތަ ދުވަހު އެވެ. އާދީއްތަ ދުވަހާއި އިއްޔެ ވެސް އެ މައްސަލަ އެޖެންޑާ ކުރުމަށް ފަހު ވަނީ ކެންސަލްކޮށްފަ އެވެ. އެއީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުންނެވެ.
މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކުރާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ. ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތެއްގައި އަމަލުކުރާނެ ގޮތެއް ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައެއް ނެތެވެ.
ނަމަވެސް އެމްޑީޕީން ދެކެނީ ނައިބު ރައީސް ފިޔަވައި އެހެން ބޭފުޅަކަށް ވެސް އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނެ ކަމަށެވެ. އެ ޕާޓީން ހަވާލާދެނީ ގަވާއިދުގެ 44 ވަނަ މާއްދާއަށެވެ. އެ މާއްދާގައިވަނީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން، މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްއަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓާނެ ބޭފުޅުންތަކެއް ކަނޑައަޅާފައި ބެހެއްޓުމަށެވެ.
އެމްޑީޕީން ވަނީ މި މައްސަލާގައި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް ހުށަހެޅިފަ އެވެ. އެމްޑީޕީން އެދެނީ މަޖިލީހުގެ ގަވާއިދު މާނަކޮށްދީ، ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންދިޔަ ނިންމުންތަކަކީ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާ އަދި ގާނޫނު އަސާސީގެ 82 ވަނަ މާއްދާއާ ހިލާފު ނިންމުންތަކެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.
Comment