Advertisement

އެންމެ ފަހުން ރުބިއާލޭސް ތިން އަހަރަށް ސަސްޕެންޑު ކޮށްފި

31 އޮކްޓޯބަރު 2023 - 12:34 0


އެންމެ ފަހުން ރުބިއާލޭސް ތިން އަހަރަށް ސަސްޕެންޑު ކޮށްފި

31 އޮކްޓޯބަރު 2023 - 12:34 0

ސްޕެއިންގެ ގައުމީ ޓީމްގެ އަންހެން ކުޅުންތެރިއަކަށް ބޮސް ދިން މައްސަލާގައި އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ކުރީގެ ރައީސް ލުއިސް ރުބިއާލޭސް ތިން އަހަރަށް ސަސްޕެންޑް ކޮށްފި އެވެ.

ފީފާ އަންހެން ވޯލްޑް ކަޕްގެ ފައިނަލަށް ފަހު އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ސްޕެއިންގެ ފޯވާޑް ޖެނީ ހާމޯސޯ އަށް ބޮސްދިން މައްސަލަ ފީފާއިން ބަލަން ފެށީ، އެކަމުގެ ސަބަބުން ގިނަ ބައެއްގެ ނުރުހުން އަމާޒުވެ ކަންބޮޑުވުންތައް އައި ހިސާބުންނެވެ. މި މައްސަލައިގައި ރުބިއާލޭސް ބުނީ ބޮސްދިނީ ހާމޯސޯ ކަމަށާއި، އޭނާ އެކަމުގައި ކުރާނެކަމެއް ނެތްކަމަށެވެ.

ރުބިއާލޭސްގެ މި ބަޔާނާއިއެކު އޭނާއާ ދެކޮޅަށް ގިނަ ބަޔަކު ނިކުތެވެ. އަދި ރުބިއާލޭސް އިސްތިއުފާދިނުމަށް ގޮވާލައި ގިނަ ބަޔަކު އިހުތިޖާޖުކުރި އެވެ. ސްޕެއިންގެ ގައުމީ ޓީމްތަކުގެ އޮފިޝަލުން ރުބިއާލޭސްއާ ދެކޮޅަށް ނުކުމެ ޓީމްތަކުން އިސްތިއުފާ ދިންއިރު، ހުރިހާ ކުޅުންތެރިންވަނީ ހާމޯސޯގެ ދިފާއުގައި ގައުމީ ޓީމަށް ނުކުޅެން ނިންމާފަ އެވެ.

ރުބިއާލޭސްއަށް ޕްރެޝަރު ބޮޑުވެ އޭނާ އެންމެ ފަހުން އިސްތިއުފާ ދިނީ، މީގެ ދެ މަސް ކުރިންނެވެ.

ފީފާއިން މި މައްސަލަ ބެލުމަށްފަހު އެންމެ ފަހުން ނިންމީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ރުބިއާލޭސް ތިން އަހަރަށް ސަސްޕެންޑްކުރުމަށެވެ.

ފީފާއިން ރުބިއާލޭސް އަށް ފިޔަވަޅު އެޅީ ޑިސިޕްލިނަރީ ކޯޑްގެ 13 ވަނަ މާއްދާގެ ދަށުންނެވެ. ރިޕޯރޓްތައް ބުނާގޮތުން ރުބިއާލޭސްގެ ވިސްނުމަކީ މި އަދަބު އިސްތިއުނާފް ކުރުމެވެ.

ފީފާ އަންހެން ވޯލްޑް ކަޕްގެ ތަށި ފުރަތަމަ ފަހަރަށް ސްޕެއިން އިން މިދިޔަ އޮގަސްޓް މަހު ހޯދި ނަމަވެސް ރުބިއާލޭސްގެ މި މައްސަލަގަނޑުގެ ސަބަބުން ބޮޑު ކާމިޔާބީގެ އުފާފާޅުކުރުންތަކަށް ވަނީ ހިޔަނި އެޅިފަ އެވެ.