Advertisement

ބަޖެޓް ހުށަހަޅުއްވަން ވަޑައިނުގަންނަވަން ފިނޭންސް މިނިސްޓަރު ނިންމަވައިފި

31 އޮކްޓޯބަރު 2023 - 08:45 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަނީ.، ބަޖެޓް ހުށަހަޅުއްވަން އޭނާ މިއަދު ވަޑައެއް ނުގަންނަވާނެ. ފޮޓޯ: މަޖިލީހުގެ އިދާރާ


ބަޖެޓް ހުށަހަޅުއްވަން ވަޑައިނުގަންނަވަން ފިނޭންސް މިނިސްޓަރު ނިންމަވައިފި

31 އޮކްޓޯބަރު 2023 - 08:45 0

މިއަދަކީ ދައުލަތުގެ ބަޖެޓް ހުށަހަޅަން ގާނޫނުގައި ބުނާ އެންމެ ފަހު ދުވަސް ކަމަށް ވިޔަސް، ބަޖެޓް ހުށަހެޅުއްވަން ރައްޔިތުންގެ މަޖިލީހަށް ވަޑައިނުގަންނަވަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު "އަދަދު" އަށް ވިދާޅުވީ ބަޖެޓް ހުށަހަޅުއްވަން ވަޑައިނުގަންނަވަން މިނިސްޓަރު ނިންމެވީ އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން ކަމަށެވެ. އޭނާ ވިދާޅުވީ އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ދެެއްވި ލަފާގައި ވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރަައީސް މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރެެއްގެ މައްސަލަ ނުނިމެނީސް މަޖިލީހުގައި އެހެން ކަމެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

ބަޖެޓް ހުށަހަޅުއްވަން ވަޑައިނުގަންނަވަން އަމީރު ނިންމެވި އިރު ދައުލަތުގެ މާލިއްޔަތާ ބެހޭ ގާނޫނުގެ 32 ވަނަ މާއްދާގައިވާ ގޮތުން އަހަރަކަށް ލަފާކުރާ ދައުލަތުގެ ބަޖެޓް އެ އަހަރެެއް ފެށުމުގެ ދެ މަސްދުވަސް ކުރިން މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. ގާނޫނުގެ އެމާއްދާއާ އެއްގޮތަށް އަމަލުކުރާ ނަމަ މިއަދަކީ ބަޖެޓް ހުށަހަޅަން ޖެހޭ ފަހު ތާރީހެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރުގެ ނޯޓިހުގެ މުއްދަތު ހަމަވެ، އެ ގަރާރާ މެދު ގޮތް ނިންމުމުގެ ޖަލްސާ ބާއްވަން ޖެހޭ ފުރަތަމަ ދުވަހަކީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެހެން ނަމަވެސް އެ ޖަލްސާ އެ ދުވަހު ނުބާއްވަން މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ނިންމެވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ ސަލާމުގައި ހުންނެވުމުންނެވެ.

އެގޮތަށް ނިންމެވުމުގައި ނިއުޝާ ހަވާލާ ދެއްވީ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ބ) އަށެވެ.

މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ބ)


މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހަޅާފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބުރައީސެވެ. މި ގަވާއިދުގެ 206 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ނައިބުރައީސްގެ މަގާމުން ވަކިކުރުމުގެ ގަރާރެއް ހުށަހަޅަން ހަމަޖެހިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ރައީސެވެ.

ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް ކަނޑައަޅާފައިވާތީ މިއަދުގެ ޖަލްސާ ކެންސަލް ކުރީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ށ. އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފަ އެވެ.