Advertisement

އިޒްރޭލުން ސީރިއާ އާއި ލުބުނާނަށް އިތުރު ހަމަލާތަކެއް ދީފި

30 އޮކްޓޯބަރު 2023 - 11:05 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ : އިޒްރޭލުން ސީރިއާ އަދި ލުބުނާނަށް އިތުރު ހަމަލާތަކެއް ދީފި -


އިޒްރޭލުން ސީރިއާ އާއި ލުބުނާނަށް އިތުރު ހަމަލާތަކެއް ދީފި

30 އޮކްޓޯބަރު 2023 - 11:05 0

ހަމަލާ ދިނުމުން ބަދަލުގައި ކަމަށް ބުނެ އިޒްރޭލުން އަވަށްޓެރި ސީރިއާ އަދި ލުބުނާނަށް އިތުރު ހަމަލާތަކެއް ދީފި އެވެ.

މި މަހުގެ ހަތެއްގައި ފަލަސްތީނުގެ ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގެ ބަދަލުގައި ހަނގުރާމަ އިއުލާންކޮށް، ވޭތުވެދިޔަ 75 އަހަރު އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމު ވަރުގަދަކޮށް ދެމުންދާ ހަމަލާތަކާ ގުޅިގެން ހަމާސްގެ އިތުރުން އަރަބި ގައުމުތަކުގައި ހަރަކާތްތެރިވާ ބައެއް ގްރޫޕުތަކުން ވެސް ވަނީ އިޒްރޭލަށް ހަމަލާދީފަ އެވެ.

އެގޮތުން އިޒްރޭލަށް އެންމެ ފާޅުގައި ހަމަލާދީފައިވަނީ ލުބުނާނުގެ ހިޒްބުﷲ އިންނެވެ. އޭގެ އިތުރުން ސީރިއާ އަދި ޔަމަނުގައި ހަރަކާތްތެރިވާ އީރާނުން ފަންޑުކުރާ ކަމަށް ހުޅަނގުން ބުނާ ގްރޫޕުތަކުން ވަނީ އިޒްރޭލަށް އަދި ސީރިއާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަކަށް ހަމަލާދީފަ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި އަސްކަރީ ޖެޓުތައް ބޭނުންކޮށްގެ ލުބުނާނުގައި ހުރި ހިޒްބުﷲ އަދި ސީރިއާގައި ހަރަކާތްތެރިވާ ގްރޫޕުތަކުން ބޭނުންކުރާ ރޮކެޓު ލޯންޗަރުތަކަށް ވަނީ ހަމަލާދީފަ އެވެ. ނަމަވެސް މި ހަމަލާތަކުގައި އެ ފަރާތްތަކަށް ލިބުނު ގެއްލުމުގެ ތަފުސީލެއް އިޒްރޭލުން ނުދެ އެވެ.

ހިޒްބުﷲ އިން ވަނީ އިޒްރޭލުގެ އުތުރު ބޯޑަރު ހުރަސްކޮށްވެސް ހަމަލާތަކެއް ދީފަ އެވެ. އެ ކުރިމަތިލުންތަކުގައި އިޒްރޭލުން ވަނީ އެ ޖަމާއަތުގެ 44 ހަނގުރާމަވެރިން ވަނީ މަރާލާފަ އެވެ.

މި މަހުގެ ހަތެއްގައި ހަމާސް އިން ދިން ހަމަލާތަކުގައި އިޒްރޭލުން 300 އަށްވުރެ ގިނަ ސިފައިން ހިމެނޭހެން 1400 އަށްވުރެ ގިނަ މީހުން ވަނީ މަރާލާފަ އެވެ.

އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުގައި މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް 8،000 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުވެފަ އެވެ. އޭގެ ތެރޭގައި 3،000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ.

ވޭތުވެދިޔަ 23 ދުވަހުގެ ތެރޭގައި ދިން ހަމަލާތައް ވަރުގަދަކޮށް އިޒްރޭލުން ވަނީ އުތުރު ގާޒާއަށް އެއްގަމު މަގުން އަރައިގަނެ ގާޒާއިން އިންޓަނެޓާއި މުވާސަލާތީ ވަސީލަތްތައްވެސް އެއް ދުވަހަށް ކަނޑާލާފަ އެވެ. ނަމަވެސް މިހާރު ގާޒާއަށް އެ ހިދުމަތްތައް ވަނީ އަނބުރާ ލިބިފަ އެވެ.

ބައިނަލްއަގުވާމީ އެކި ޖަމްއިއްޔާތަކުންނާއި ގައުމުތަކުން ގާޒާއަށް ފޮނުވި އެހީ ރަފާހު ބޯޑަރުގައި ތޮއްޖެހިފައި ވީ ނަމަވެސް އިޒްރޭލުން އެ އެހީގެ އުޅަނދުތައް ވެއްދުމަށް ވަނީ ދެކޮޅުހަދާފަ އެވެ. މި މަހުގެ ހަތަކުން ފެށިގެން މިއަދާ ހަމައަށް ގާޒާއަށް ވަދެފައިވަނީ 100 އެއްހާ އެހީގެ އުޅަނދެވެ.