29 އޮކްޓޯބަރު 2023 - 10:24 0
އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް: ވިދާޅުވީ މާދަމާ ވެސް ޖަލްސާ ބޭއްވޭނެކަމުގެ ޔަގީންކަމެއް ނެތް ކަމަށް -- ފޮޓޯ: މަޖިލިސް
29 އޮކްޓޯބަރު 2023 - 10:24 0
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކި ކުރަން ހުށަހަޅާފައި އޮތް ގަރާރު އިއްވުމުގެ ޖަލްސާ މިއަދު ކެންސަލް ކުރުމަށްފަހު ހޯމަ ދުވަހަށް އެޖެންޑާ ކުރުމަށް ނިންމި ނަމަވެސް، މާދަމާ ވެސް ޖަލްސާ ބޭއްވޭނެކަމުގެ ޔަގީންކަން ނެތް ކަމަށް އެމްޑީޕީން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އެ މަޖިލީހުގެ ރައީސް ވަކި ކުރުމަށް ހުށަހަޅާ ގަރާރު އިއްވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަންޖެހޭނީ ނައިބު ރައީސް އެވެ. ނަމަވެސް އާލާސްކަންފުޅާ އުޅުއްވާ ކަމަށް ބުނެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދުގެ ޖަލްސާއަށް ވިދާޅުވީ ސަލާމެވެ.
އެކަމާ ގުޅިގެން މި ނޫހާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ، މާދަމާ ވެސް ޖަލްސާ ބޭއްވޭނެ ކަމުގެ ޔަގީންކަމެއް އެ ޕާޓީއަށް ނެތް ކަމަށެވެ. މަޖިލީހުގެ ގަވާއިދުގެ ތެރެއިން އެހެން މެމްބަރަކު ރިޔާސަތު ބަލަހައްޓާ ގޮތަށް ޖަލްސާ ކުރިއަށް ގެންދިޔުމަށް އެމްޑީޕީން މަޖިލީހުގެ އިދާރާއަށް ހުށަހެޅި ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
"މިގޮތަށް ދަންޏާ މާދަމާ ވެސް ޖަލްސާ ބޭއްވޭނެ ކަމެއް ނޭނގޭ. ޖަލްސާ ކުރިއަށްގެންދާނެ ގޮތެއް ހޯދުމަށް އެބޭފުޅުން [އިދިކޮޅުން] ބޭނުމެއް ނުވޭ،" އަސްލަމް ވިދާޅުވި އެވެ.
އެކަމަކު، އެހެން މެމްބަރަކު ރިޔާސަތު ބަލަހައްޓާ ގޮތަށް ޖަލްސާ ކުރިއަށް ގެންދިޔުމަށް މަޖިލީހުގެ އިދާރާއިން އެއްބަސްނުވި ކަމަށް އަސްލަމް ވިދާޅުވި އެވެ. އެހެންކަމުން، ޖަލްސާ ބޭއްވޭނެ މަގެއް ހޯދުމަށް ކޯޓަށް މައްސަލައެއް ވެއްދުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
ނަޝީދު ލީޑު ކުރައްވާ އަދި އީވާ ވެސް ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސް އިން ބުނަނީ ނަޝީދު ވަކި ކުރުމުގެ ގަރާރު ދެ ވަނަ ފަހަރަށް ހުށަހެޅީ ގަވާއިދާ ހިލާފަށް ކަމަށެވެ. އެ ޖަލްސާ ބޭއްވިޔަނުދޭން މަސައްކަތް ކުރާނެ ކަމަށް ކުރިން ވެސް ވިދާޅުވެފައިވެ އެވެ.
އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ބުނަނީ، ނަޝީދުގެ ވަކި ކުރުމުގެ ޖަލްސާ ނުބާއްވާ މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށާއި އޭގެ ތެރޭގައި އިންތިހާބީ ރައީސް ހުވާ ކުރުމަށް ބާއްވާ ޖަލްސާ ވެސް ހިމެނޭނެ ކަމަށެވެ. އިންތިހާބީ ރައީސް ހުވާ ކުރައްވަން ޖެހެނީ މަޖިލީހުގެ ޖަލްސާއެއްގަ އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، އެ މަޖިލީހުގެ ރައީސް ވަކި ކުރުމަށް ގަރާރެއް ހުށަހަޅައިފި ނަމަ ދެން އިތުރު މަސައްކަތެއް ކުރެވޭނީ އެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހެވެ.
Comment