Advertisement

ވާގޮތް: މަންމަ އާ ބައްޕައަށް ކިޔާ ނަން ގިނަ ބަސްތަކުގައި އެއްގޮތީ ކީއްވެ؟

28 އޮކްޓޯބަރު 2023 - 09:25 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު


ވާގޮތް: މަންމަ އާ ބައްޕައަށް ކިޔާ ނަން ގިނަ ބަސްތަކުގައި އެއްގޮތީ ކީއްވެ؟

28 އޮކްޓޯބަރު 2023 - 09:25 0

ދުނިޔޭގެ އެންމެ މުހިންމު އެއް މާއްދާއަކީ ފެނެވެ. އަދި މި ދުނިޔޭގެ ކޮންމެ ބަހެއްގައި ވެސް ފެނަށް ދެވިފައިވާ ނަމެއް އޮންނާނެކަން ކަށަވެރެވެ. އިނގެރޭސިން "ވޯޓާ"، އަރަބިން "މާ"، އުރުދުން "ޕާނީ"، އަދި ފްރެންޗް އިން "އު" އަކީ މީގެ މަދު މިސާލުތަކެކެވެ.

މި ލަފުޒުތަކަކީ، މުހިންމު އަދި ގިނަ އަދަދަކަށް ދިރުން ލިބިދޭ ފެނުގެ މާއްދާ ސިފަކޮށްދޭ ލަފުޒުތަކެއް ނަމަވެސް، ބަހުގެ ގޮތުން އެއްގޮތް ކަމެއް ނެތެވެ. ނަމަވެސް މި އެއްގޮތްކަން ނެތުމަކީ، ތާރީހާއި ސަގާފަތްތަކުގައި ބޮޑެތި ފަރަގުތަކެއް ހުރި އެކި ބައްރުތަކުގައި ތަރައްގީވެފައިވާ ބަޔަކުގެ ބަސްތައްކަމާ މެދު ވިސްނާލުމުން، ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ.

އެހެންނަމަވެސް، މި ތަފާތުކަމަކީ ހުރަހެއް ކަމުގައި ނުދެކި، ގާތްގަނޑަކަށް ހުރިހާ ބަހުރުވައެއްގައި ވެސް އެއްގޮތްކަމެއްވާ، ދެ ލަފުޒެއް އެބައޮތެވެ. އެއީ މައިންބަފައިންނަށް މުހާތަބުކުރުމަށް ބޭނުންކުރާ ލަފުޒުތަކެވެ. ދިވެހިން ނަމަ "މަންމަ" އާއި "ބައްޕަ" އެވެ.

މައިންބަފައިންނަށް ނިސްބަތްކުރާ ލަފުޒުތައް ވަނީ ދުނިޔޭގެ އިންތައް ވަކިކުރާ ބޯޑަރުތައް ހުރަސްކޮށްފަ އެވެ. އަހަރުމެންގެ އެންމެ ނާޒުކު ވަގުތުތަކުގައި ހައްދެއް ނެތް ލޯބި ފޯރުކޮށްދިން މީހުން ދޭހަކޮށްދޭ ލަފުޒުތަކެވެ. ގިނަ ބަސްތަކެއްގައި މަންމަ އާއި ބައްޕައަށް ނިސްބަތްކުރުމަށް ބޭނުންކުރާ ބަސްތަކުގައި ވާ އެއްގޮތް ކަންތަކަކީ ބަލާލި ކޮންމެ މީހަކަށް ވެސް ދޮގު ނުކުރެވޭނެ ކަމެކެވެ.

އެކަމަކު ތަފާތު ބަސްބަހުން މައިންބަފައިންނަށް ކިޔާ ނަންނަމުގައިވާ އެއްގޮތް ކަމަކީ ހަމައެކަނި ލޯތްބާއި ތަރުބިއްޔަތު ކުރުމުގެ ހެއްކެއް ނޫނެވެ. އޭގެ ބަދަލުގައި މިކަމުގެ އެންމެ ބޮޑު ސަބަބެއް ކަމުގައި ދެކެވެނީ ތުއްތު ކުދިންގެ އަނގައިގެ ގުދުރުރަތީ ނިޒާމެވެ.

މައިންބަފައިންގެ ލަފުޒުތަކުގަވާ އެއްގޮތް ކަމުގެ މައްޗަށް އަލިއަޅުވާލާ ރަޝިޔާގެ ލިންގުއިސްޓް ރޯމަން ޖެކްބްސަން ވަނީ ފުރިހަމަ ދިރާސާއެއްކޮށްފަ އެވެ. އެގޮތުން އޭނާގެ ދިރާސާގައި ވަނީ އިންސާނުންގެ، ހާއްސަކޮށް ތުއްތު ކުދިންގެ އަނގައިން ނެރޭ އަޑުތަކާއި ގުޅޭގޮތުން އެތައް ކަމެއް ފާހަގަކޮށްފަ އެވެ.

ފުރަތަމަ ކަމަކަށް، އިންސާނުންނަށް އުފެއްދުމަށް އެންމެ ފަސޭހަ އަޑުތަކަކީ އަނގަ ހުޅުވާއިން ނެރޭ އަޑުތައް ނުވަތަ "އޯޕެން-މައުތް ވަވަލް ސައުންޑްސް" ކަން ފާހަގަކޮށްފައިވެ އެވެ. ތުއްތު ކުދިން އުފަންވާ ހިސާބުން ފެށިގެން މިފަދަ އަޑުތައް، ގިނަ ފަހަރަށް ރުއިމުގެ ސިފައިގައި އުފެއްދުމުގެ ގާބިލުކަން ހުރެއެވެ. އެކުދިންގެ އަނގައާއި އަޑު ތަރައްގީވާ ވަރަކަށް، އެހެން އަޑުތައް އުފެއްދުމަށް މަސައްކަތްކުރެ އެވެ. ފުރަތަމަ ފަސޭހަ "ކޮންސޮނެންޓް" އަޑުތަކަށެވެ.

އާންމު ގޮތެއްގައި އެއީ މ، ޕ، އަދި ބ ފަދަ ތުންފަތް ފިއްތައިގެން ނެރޭ ނުވަތަ "ލޭބިއަލް" އަޑުތަކުން ފެށިގެންނެވެ. މިފަދައިން ތުއްތު ކުދިން "މްމްމްމްމް" އަޑު ލެއްވުމަށް މަސައްކަތްކުރެ އެވެ. އަދި މިފަދަ އަޑު ތަކަށް ފަހު އާންމުކޮށް "އާ" ފަދަ އޯޕެން-މައުތް ވަވަލް އަޑުތައް އާދެ އެވެ. ނަތީޖާއަކީ "މާ"، "ޕާ" އަދި "ބާ" ފަދަ އަޑުތަކެވެ.

ޖެކްބްސަންގެ ދިރާސާގައި ފާހަގަކޮށްފައިވާ އަނެއްކަމަކީ މި ތިން އަޑުތެރެއިން ވެސް މ ގެ އަޑު ތުއްތު ކުދިން ބޭނުންކުރާލެއް ގިނަ އެވެ. މިކަމުގެ ސަބަބަކީ ތުއްތު އިރު ކުދިންނަށް ކާނާ ލިބޭ މައިގަނޑު ވަސީލަތެވެ. މ ގެ އަޑަކީ ތުއްތު ކުދިންނަށް ގާތުން ކިރުދޭ ވަގުތު އެންމެ ފަސޭހައިން ނިކުންނަ އަޑެވެ. ބޮޑެތި މީހުންގެ ގޮތުގައިވެސް "މްމްމް" އަޑަކީ އަހަރުމެން އުފަލާއި ހިތްހަމަޖެހުމުގެ އިހުސާސްތަކާއި ގުޅުވައިގެން ނެރޭ އަޑެކެވެ. ތުއްތު ކުދިން ވެސް އެފަދަ އެވެ.

ޖެކްބްސަންގެ ދިރާސާއިން ދައްކާ ގޮތުގައި ތުއްތު ކުދިން "މާ" ފަދަ އަޑުތައް ނެރެނީ އެއީ މަންމަ ކަން ދެނެހުރެގެން މުހާތަބުކުރުމަކަށް ނޫނެވެ. ނަމަވެސް އެއީ އެއަށް ވުރެ ކުރު ފޮނި މެސެޖެއް ދިނުމަށެވެ. "އަހަރެން ބަނޑުހައިވެއްޖެ." އެހެންކަމުން ތުއްތު ކުއްޖަކު އޮޅިގެން ބައްޕައަށް "މާމާ" އޭ ކިޔައި، ބައްޕަ މަންމައަށް ބަދަލު ނުވުމުން ރޯން ފަށާ ވަގުތު، އެކުއްޖާ އެ ހޯދަނީ މަންމަ އެއްނޫނެވެ. އޭގެ ބަދަލުގައި ތުއްތު ކުއްޖާ ހޯދަނީ އޭނާގެ ބަޑުހައިހޫނުކަން ފިލުވާދެވޭނެ މީހެކެވެ.

ދަރިފުޅުގެ އަޑާއި ވާހަކަ ތަރުބިއްޔަތު ކުރުމުގައި މައިންބަފައިން މުހިންމު ދައުރެއް އަދާކުރެ އެވެ. އެބައެއްގެ ބަހަކާ ގުޅޭ ގޮތަށް ކުދިންގެ އަޑުގެ ހަމަތައް ނުވަތަ "އިންފްލެކްޝަން" ފެއްތުމަށެވެ. އާހިރުގައި މަންމަ އާއި ބައްޕަގެ ނަން ފެށެނީ އާދައިގެ އަޑެއްގެ ގޮތުގައި ނަމަވެސް އެއީ ލޯތްބާއި ކާނާގެ އާއްމު ބަހަކަށް ވެގެންދެއެވެ. ކޮންމެ ތަނަކުން އައި ނަމަވެސް "މާ" ނުވަތަ "ޕާ" އަކީ އަޅާލުމާއި އޯގާތެރިކަން ހަނދާންކޮށްދޭ އަޑުތަކެވެ.