26 އޮކްޓޯބަރު 2023 - 16:11 0
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް (ވ) އަދި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ (ކ) - ފޮޓޯ: އިންފަންޓީނޯ
26 އޮކްޓޯބަރު 2023 - 16:11 0
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ރާއްޖޭން ބޭރުން ލިބޭ ފައިސާ ނަހަމަ ގޮތުގައި އަމިއްލަ މަންފާ ހޯދަން ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވިފައި ވަނިކޮށް އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުން ބާއްވާފައި ވަނީ ފްރާންސްގައި އިއްޔެ ކުރިއަށްދިޔަ ފީފާގެ ބައްދަލުވުމެއްގެ ހަވާސާގެ ތެރެއިންނެވެ. އެގޮތުން, ދިވެހި އެފްއޭގެ ރައީސް ބައްސާމްގެ އިތުރުން މަލާވީ އަދި މަޑަގަސްކަރައިގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސްއާ ވެސް އިންފަންޓީނޯ ވަނީ ބައްދަލުކުރައްވާފަ އެވެ.
ބައްސާމް އާއިއެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކުރައްވަމުން އިންފަންޓީނޯ ލިޔުއްވާފައިވަނީ ފީފާއިން އަބަދުވެސް ދުނިޔޭގެ ހުރިހާ މެންބަރު އެސޯސިއޭޝަންތަކަށް ވެސް އެއްބާރުލުން ދޭނެ ކަމަށެވެ. އަދި މި ކުޅިވަރު އިތުރު މީހުންނާ ހަމައަށް ގެންދިޔުމަށް މަޝްވަރާކުރެވުނު ކަމަށެވެ.
މަނީ ލޯންޑްރިންގެ ތުހުމަތުގައި އެފްއޭއެމަށް ފުލުހުން ވަދެ، ތަހުގީގު ކުރަން ފެށިތާ މިހާރު ހަތަރު ދުވަސް ވެފައިވާއިރު، އެފްއޭއެމްގެ ރައީސް ބައްސާމް އަދިވެސް މިކަމާ ގުޅޭގޮތުން އެއްޗެއް ވިދާޅެއް ނުވެ އެވެ.
އެފްއޭއެމަށް ފުލުހުން ވަދެގެން އުޅޭ ކަންތަކާ ގުޅޭ ގޮތުން ވިދާޅުވަނީ ކީކޭތޯ ބައްސާމްއާ ސުވާލު ކުރުމުން، އެކަމާ ގުޅޭ ގޮތުން އެކަންކަން ނިމުނުން އެއްޗެއް ވިދާޅުވާނެކަމަށެވެ. އެންމެ ފަހުން އެފްއޭއެމްގެ މީޑިއާ ގްރޫޕްގައި ވިދާޅުވީ މިކަމާ ގުޅޭގޮތުން ރަސްމީ ބަޔާނެއް މިއަދު ނެރޭނެކަމަށެވެ.
ޕްރޮސިކިއުޓަރު ޖެނެރަލްގެ އަމުރަކަށް ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއަށް، އާދިއްތަ ދުވަހު ފުލުހުންގެ ޓީމެއް ވަނީ ޕީޖީ އޮފީހުން އަންގައިގެން ފުލުހުން ހިންގަމުންދާ އެފްއޭއެމްގެ މާލީ މުއާމަލާތްތަކާގުޅޭ ޖިނާއީ ތަހުގީގަކަށް ބޭނުންވާ ހެކި ހޯދުމަށް ކޯޓު އަމުރެއްގެ ދަށުންނެވެ.
ފީފާ އާއި އޭއެފްސީ އަދި ބައިނަލްއަގުވާމީ އެހެން އިދާރާތަކުން އެފްއޭއެމަށް ދޭ ފައިސާ އެ އިދާރާގެ ބައެއް ވެރިން ނަހަމަގޮތުގައި ބޭނުން ކުރާ ކަމުގެ ތުހުމަތުވަނީ ކުރެވިފަ އެވެ. މިގޮތުން އެފްއޭއެމަށް ލިބޭ ފައިސާ އެ އިދާރާގެ ވެރިންގެ އެކައުންޓްތަކަށް ފޮނުވާފައިވާ މައްސަލައެއްވަނީ ފެންމަތިވެފަ އެވެ.
Comment