Advertisement

އާ ރައީސް ހުވާކުރައްވާ ރަސްމިއްޔާތު މެނޭޖްކުރުން ސިވެކަށް، އަގަކީ 28 މިލިޔަން ރުފިޔާ

26 އޮކްޓޯބަރު 2023 - 14:16 8

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޖަލްސާއެއްގައި ވާހަކަދައްކަވަނީ. އެމަނިކުފާނު ހުވާކުރައްވާނީ ނޮވެމްބަރު 17 ގައި -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


އާ ރައީސް ހުވާކުރައްވާ ރަސްމިއްޔާތު މެނޭޖްކުރުން ސިވެކަށް، އަގަކީ 28 މިލިޔަން ރުފިޔާ

26 އޮކްޓޯބަރު 2023 - 14:16 8

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށް ނޮވެމްބަރު 17، ގައި ބާއްވާ ރަސްމިއްޔާތުގެ ހަފުލާ މެނޭޖްކުރުން ސިފައިންގެ ވެލްފެއާ ކޮމްޕެނީ (ސިވެކް) އާ ހަވާލުކުރަން ނެޝަނަލް ޓެންޑާ ބޯޑުން ނިންމާފައިވާ ކަން "އަދަދު" އެނގިއްޖެ އެވެ.

އިތުބާރު ހުރި މަސްދަރަކުން "އަދަދު" އަށް މައުލޫމާތު ދިން ގޮތުގައި އެ އިވެންޓް މެނޭޖްކުރުން ސިވެކްއާ ހަވާލުކުރަން ނިންމީ 28 މިލިޔަން ރުފިޔާއަށެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ އެ އިވެންޓް ހަވާލުކުރަން ނިންމީ ކޮން ބަޔަަކަށް ކަން ނެޝަނަލް ޓެންޑާ ބޯޑުން އަދި އެ އިދާރާއަށް ނާންގާ ކަމަށެވެ.

"އެ ރަސްމިއްޔާތާ މެދު ގޮތެއް ނިންމަން ނެޝަނަލް ޓެންޑާއަަށް ހުޅުވައިލަން މަޖިލީހުުން އޮތީ ޓެންޑާ ބޯޑާ ހަވާލުކޮށްފައި. އެއަށް ގޮތެއް ނިންމިކަން އަދި ނާންގާ،" މަޖިލީހުގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަން ހަސަން ޒިޔާއު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ހަފުލާ މެނޭޖްކުރާ ބަޔަކު ކުރަން ޖެހޭނެ މައިގަނޑު ކަންތައްތަކަކީ ރަސްމިއްޔާތު ބާއްވާ ތަން ޒީނަތްތެރިކުރުމާއި ރަސްމިއްޔާތަށް ވަޑައިގަންނަވާ ބޭފުޅުންނަށް ފަރިއްކޮޅު އެރުވުން ފަދަ ކަންކަމެވެ.

ޑރ. މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަން ނިންމާފައި އޮތީ ޖުމްހޫރީ މައިދާނުގަ އެވެ. އެހެން ނަމަވެސް މޫސުން ގޯސްވެއްޖެ ހާލަތެއްގައި އެހެން ތަނަކަށް ބަދަލުކުރަން ޖެހޭނެތީ ސޯޝަލް ސެންޓަރު ވެސް އެ ރަސްމިއްޔާތަށް ތައްޔާރުކުރާ ކަން މި ނޫހަށް ވަނީ އެނގިފަ އެވެ.

މިހާރު ހުންނެވި ރަައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުވާކުރައްވަން ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތުގެ އިވެންޓް މެނޭޖްކުރަން ބަޔަކާ ހަވާލުކުރީ 17 މިލިޔަން ރުފިޔާއަށެވެ.

ކުށެއްގެ އިސްލާހު: އޮކްޓޯބަރު 26، 2023


ހުވާ ކުރުމުގެ ރަސްމިއްޔާތު ހިންގުމަށް ހަވާލު ކުރީ ސިފްކޯއަށް ކަމަށް މި ހަބަރުގައި ކުރިން ލިޔެވިފައި ވަނީ މައުލޫމާތުގެ ކުށަކުންނެވެ. ރަނގަޅު ގޮތަކީ ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވާ ހަފުލާ މެނޭޖް ކުރަން ހަވާލު ކުރީ ސިވެކްއާ އެވެ.